ނޫސްތައް ތަޅު އަޅުވާ ބިލާ ގުޅިގެން ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި

ނޫސްތައް ތަޅު އަޅުވާ ބިލާ ގުޅިގެން ހަމަނުޖެހުން ހިންގަން ހިތްވަރުދޭ ކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހާ -- ފޮޓޯ: ފުލުހުން

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ބިލާ ދެކޮޅަށް އިހުތިޖާޖުކުރާ ފަރާތްތަކަށް ހަަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމުގެ ތުހުމަތުގައި މީހަކު މިރޭ ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ، މަޖިލީހުގައި މިހާރު އޮތް މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް, ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް "އެކްސް" (ޓްވިޓާ) ގައި ޕޯސްޓުތަކެއް ކުރި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރުކޮށްފައިވަނީ ސ. ހިތަދޫ، އަތަމާވިލާ، އުމުރުން 29 އަހަރުގެ ޢަލީ ޢާނިމް މުފީދެވެ.

އޭނާގެ މައްޗަށް ފުލުހުން ކުރާ ތުހުމަތުތަކަކީ:

  • ޤާނޫނު ނަންބަރު (32/2015) ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނު: ޓީ.ވީ، ރޭޑިއޯ އަދި އިންޓަނެޓް މެދުވެރިކޮށް ހިތްވަރު ދިނުމާއި މަޢުލޫމާތު ފެތުރުން - 10ވަނަ މާއްދާގެ (ހ) ޤާނޫނުގެ އަށްވަނަ މާއްދާއާއި ނުވަވަނަ މާއްދާގައިވާ ކަންތައްތަކުގެ ތެރެއިން ކަމެއް ޓެލެވިޜަން ނުވަތަ ރޭޑިއޯ ނުވަތަ އިންޓަނެޓް މެދުވެރިކޮށް ކުރުމުގެ ކުށް.
  • ޤާނޫނު ނަންބަރު (9/2014) ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ޢާންމު މަޞްލަޙަތަށް ގެއްލުން ހުރި ޢަމަލުކުރުން - 615 ވަނަ މާއްދާގެ (ހ) ގެ ހަވަނަ ނަންބަރު؛ ޢާންމު ތަނެއްގައި ހުރި އެއްވެސް މީހަކު، އެ މީހެއްގެ ޢަމަލުތަކުގެ ސަބަބުން އެހެން މީހަކަށް ގޯނާވާނެކަން، ނުވަތަ އުނދަގޫވާނެކަން ނުވަތަ ބިރު ހީވާނެކަން އެނގިހުރެ، ޖާއިޒު މަޤްޞަދެއް ޙާޞިލު ނުވާނެ ޢަމަލަކުން ނުރައްކާތެރި، ނުވަތަ މާއްދީގޮތުން ހުތުރު، ނުވަތަ މީހުން ބިރުގަންނަފަދަ ޙާލަތެއް އުފެއްދުން.
  • ޤާނޫނު ނަންބަރު (9/2014) ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު - ކުށެއް ކުރަން އުޅުން - 80 ވަނަ މާއްދާގެ (ހ) ގެ އެއްވަނަ ނަންބަރު، ކުށެއް ކުރުމަށް ޓަކައި ކުށުގެ ނިޔަތް އޮތުން.

އެ މައްސަލަ ބަލަމުން އަންނަކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ އެކްސް އެކައުންޓުގައި ސަރުކާރާ ދެކޮޅު ގިނަ ޕޯސްޓުތަކެއް ކޮށްފައިވެއެވެ. އަދި މުޒާހަރާ ކުރުމުގައި ހަމަނުޖެހުން އުފެދޭ ފަދަ ކަންކަން ކުރުމަށް ބާރު އަޅައި ހިތްވަރު ދޭ އެކި ވަހަކަތައް ވެސް ލިޔެފައިވެއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން ވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލެއް ހުށަހަޅާފައެވެ.

ބިލާ ދެކޮޅަށް ނޫސްވެރިން އަންނަނީ، އަނގަމަތީ ޓޭޕު އެޅުންފަދަ ރަމްޒީ ކަންކަން ކޮށް އިހުތިޖާޖުކުރަމުންނެވެ.

https://sun.mv/210214

މީޑިއާ ކޮންޓްރޯލްކުރާ ބިލާ އެކު، އުފައްދާ ކޮމިޝަންގެ ތިން މެންބަރަކު އައްޔަންކުރައްވާނީ މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާއެވެ. މީޑިއާތަކުން ބާކީ ހަތަރު މެންބަރުން އިންތިޚާބުކުރި ނަމަވެސް އެ މެންބަރުން ވަކިކުރުމުގެ ބާރު މަޖިލީހަށް ލިބެއެވެ. އަދި، ވަކިވަކި ނޫސްވެރިންނާއި މީޑިއާތައް ޖޫރިމަނާ ކުރުމުގެ ބާރު ވެސް ގާނޫނުން އުފައްދާ އާ ކޮމިޝަނަށް ލިބޭނެއެވެ.

އެގޮތުން، ވަކިވަކި ނޫސްވެރިން 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެވޭއިރު މީޑިއާތައް 100،000 ރުފިޔާއިން ޖޫރިމަނާކުރެވެއެވެ.

މީގެ އިތުރުން، ކޮމިޝަނަށް ހުށަހެޅޭ މައްސަލައެއް އެއްކޮށް ބަލައި ނުނިމެނީސް މީޑިއާތަކުގެ ރަޖިސްޓްރީ ބާތިލުކޮށް ނޫސްތައް ހުއްޓުވާލުމުގެ ބާރު ވެސް އާ ގާނޫނާ އެކު އުފައްދާ ކޮމިޝަނަށް ލިބޭނެއެވެ. އެހެންވެ، މީޑިއާ ކައުންސިލާއި ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭއިން ވަނީ އެ ގާނޫނު އަނބުރާ ގެންދަން ގޮވާލާފައެވެ.

އެކަމަކު، ސަރުކާރުން ބިލަށް ތާއީދުކޮށްފައިވާއިރު، ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހުގެ ގިނަ މެންބަރުން ވަނީ ބިލަށް ތާއީދުކުރައްވާފައެވެ.

comment ކޮމެންޓް