މިއުޒިކަށް ޚާއްސަކޮށްގެން ލައިވްކޮށް ބާއްވާ އެންމެ ބޮޑު މުބާރާތް ކަމަށްވާ ޔޫރޯވިޝަން އަންނަ އަހަރު އޮސްޓްރިއާގެ ވެރިރަށް ވިއެނާގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ.
ޔޫރަޕުގެ ގައުމުތަކުން ބައިވެރިވާ މިއުޒިކްގެ ބޮޑު މުބާރާތް މި އަހަރު ނިމުނީ ތަފާތު އެކި ކޮންޓްރޮވާސީއާ އެކުގައެވެ. އެކި ގައުމުތަކުން މުބާރާތުގެ ހުރި ބައެއް މައްސަލައް ފާހަގަކޮށް، އެ މައްސަލަތައް ހައްލުކުރަން މި އަހަރު ގޮވާލާފައިވެއެވެ. އެއިން އެންމެ ބޮޑު އެއް މައްސަލައަކަށް ވެފައިވަނީ އިސްރާއިލުން މުބާރާތުގައި ކޮންމެ އަހަރަކު ބައިވެރިވާ މައްސަލައެވެ.
މި މައްސަލައާ ގުޅިގެން އެކި ގައުމުތަކުގެ ކުރީގެ ބައިވެރިން ވަނީ މުބާރާތުން އިސްރާއިލު ބޭރުކުުރުމަށް ގޮވާލައި ޕެޓިޝަނެއް ވެސް ހުށަހަޅާފައެވެ. ނަމަވެސް، މިއިން އެހެން އެއްވެސް ކަމަކަށް މުބާރާތް އިންތިޒާމުކުރާ ޔޫރަޕިއަން ބްރޯޑްކާސްޓިން ކޮމިޝަން (އީބީޔޫ)ން ޖަވާބެެއް ދީފައެއް ނުވެއެވެ.
އީބީޔޫއާ ގުޅޭގޮތުން ތަފާތު ކަންބޮޑުވުން ހުއްޓައި އެންމެ ފަހުން އިއުލާނުކޮށްފައިވަނީ އަންނަ އަހަރުގެ މުބާރާތް ބާއްވާނީ ވިއެނާގައި ކަމަށެވެ. ވިނެނާއަކީ މި އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައިވާ ގައުމެވެ. މި މުބާރާތް ކާމިޔާބުކޮށްފައިވަނީ ވިއެނާ-ފިލިޕީނޯ ޒުވާނެއް ކަމަށްވާ ޖޭޖޭގެ ލަވައަކާ އެކުގައެވެ.
އާންމު ގޮތެއްގައި ޖެހިގެން އަންނަ އަހަރުގެ މުބާރާތް ބާއްވާނީ މުބާރާތް ކާމިޔާބުކުރާ ގައުމުންނެވެ. އެހެންނަމަވެސް، މި އަހަރު ކުރީން ވާހަކަދެކެވިގެން ދިޔައީ އަންނަ އަހަރުގެ މުބާރާތް ސްވިޓްޒަލޭންޑުގައި ބޭއްވުމަށެވެ. އެކަމަކު، މިހާރު އެ ނިންމުން ބަދަލުކޮށް މުބާރާތް ވިއެނާގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ.
ވިއެނާއިން އެންމެ ފަހުން މި މުބާރާތް ބާއްވާފައިވަނީ 2015 ވަނަ އަހަރެވެ. އެއީ އޭގެ ކުރީ އަހަރު އެ ގައުމުން މުބާރާތް ކާމިޔާބުކުރުމާ އެކުގައެވެ.
މިއުޒިކްގެ އެންމެ ބޮޑު މުބާރާތުގައި މިއުޒިކް އިންޑަސްޓްރީގެ ބޮޑެތި ތަރީން ވަނީ ބައިވެރިވެފައެވެ. އޭގެ ތެރޭގައި ސެލީން ޑިއޯންއާއި ލޮރީން ފަދަ ތަރީން ލަވަކިޔާފައިވާއިރު "އެބާ" ފަދަ ބޮޑެތި ގްރޫޕުން ވެސް ވަނީ ބައިވެރިވެފައެވެ.