އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އަބްދުއްރަހުމާން އާދަމް (65އ)ގެ މަރުގެ މައްސަލައިގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ދިރިއުޅޭ ގޭގައި ނިދަން އޮއްވައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލީ ޖުލައި 13 ވަނަ ދުވަހެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެކަމަކު، އެއީ ކޮން ބައެއްކަމެއް، ނުވަތަ އެ މީހުންނާ ގުޅޭ އިތުރު އެއްވެސް ތަފުސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
އަބްދުއްރަހްމާނަށް ފަރުވާދޭން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރެވެ. އޭނާ މަރުވީ ފަތިހުގެ ވަގުތެއްގައި ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށެވެ.
އަބްދުއްރަހްމާންގެ އޮޓޮޕްސީ ވެސް ވަނީ ހަދާފައެވެ. ފުލުހުން ބުނީ، އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކަނީ އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު އަނިޔާއަކުން ކަމަށް ކަމަށެވެ.
އަބްދުއްރަހްމާނުގެ ދަރިފުޅު އަހްމަދު ނިމާލު މީގެ ކުރިން ބުނީ، އޭނާގެ ބައްޕައާއި އެއްވެސް މީހަކާ ދެމެދު މައްސަަލައެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ޝައްކުނުކުރެވޭ ކަމަށެވެ.
ނިމާލް ބުނީ، އާންމުކޮށް އެކުގައި ނިދި ނަމަވެސް ހާދިސާ ހިނގި ރޭ އޭނާގެ ބައްޕައާއި މަންމަ ނިދަން އޮތީ ވަކިން ދެ ކޮޓަރިއެއްގައި ކަމަށެވެ. އޭނާގެ މަންމަ، ނާޒިމާ ބުނި ގޮތުގައި ނާޒިމާއަށް ކުއްލިއަކަށް ހޭލެވުނީ މީހަކު ބާރަށް ދުވެފައި ދާ އަޑު އިވިގެން ކަމަށް ވެސް ނިމާލް ބުންޏެވެ. އެހެންވެ، ކޮޓަރިން ބޭރު ބަލައިލިއިރު ފެނުނީ ގޭގެ ދޮރު ހުޅުވިފައި ހުރި ތަން ކަމަށް އޭނާގެ މަންމަ ބުނިކަމަށް ނިމާލް ބުންޏެވެ.
ރަހުމު ކުޑަ ގޮތަކަށް ހަމަލަދީ، ޒަޚަމުކޮށްލިއިރު، އެފަދަ ކަމެއް، މީހަކު ކޮށްފާނެކަމަށް ވެސް ހިތަށް ނާރާ ކަމަށް ނިމާލް ބުންޏެވެ. އަދި، ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަަގަވި ނަމަ މަންމައާއި ބައްޕަ އެކަނި ދޫކޮށްފައި މާލެ ނަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ.