އއ. މާޅޮހުގައި އަނިޔާވެރި ގޮތަކަށް މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހުމާން އާދަމްގެ މަރުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންނަކީ އޭނާއާ މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި ރަށުގައި ފެނިދެނިވެ ވާހަކަ ވެސް ދައްކާ ބައެއް ކަމަށް އަބްދުއްރަހްމާންގެ އާއިލާއިން މިއަދު ބުނެފިއެވެ.
ދިރިއުޅޭ ގޭގައި ނިދަން އޮއްވައި އަބްދުއްރަހްމާނަށް ހަމަލާދީ، މަރާލީ ޖުލައި 13 ވަނަ ދުވަހެވެ.
އެ މައްސަލައިގައި ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އަބްދުއްރަހްމާންގެ މަރުގެ މައްސަލައާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. ނަމަވެސް، ހައްޔަރުކުރި ތިން މީހުންގެ ވަނަވަރެއް އާއްމެއް ނުކުރެއެވެ.
އިތުބާރު ހުރި މަސްދަރަކުން 'ސަން'އަށް ކަށަވަރުކޮށްދިން ގޮތުގައި އެ މައްސަލައިގައި ހައްޔަރުކުރީ އެ ރަށުގެ ތިން ޒުވާނެކެވެ. އެއީ:
- މުހައްމަދު ވިސާމް، ލިލީފެހި، އއ. މާޅޮސް (23އ)
- އަހުމަދު ފާރިސް، ފިނިވާގެ، އއ. މާޅޮސް (28އ)
- އަހުމަދު އާޝިދު، ފިޔަ، އއ. މާޅޮސް (28އ)
އަބްދުއްރަހްމާންގެ އާއިލާއިން 'ސަން' އަށް މައުލޫމާތުދެމުން ބުނީ، ހައްޔަރުކުރި ތިން މީހުން އެނގުނީ ނޫސްތަކުން ކަމަށާއި، އަދި ފުލުހުންގެ ފަރާތުން އެ މައުލޫމާތު ލިބިފައިނުވާ ކަމަށެވެ.
އެހެންނަމަވެސް، އެ ތިން މީހުންނަކީ ވެސް އަބްދުއްރަހްމާނާއި މައްސަލައެއް ޖެހިފައިވާ ބައެއް ނޫން ކަމަށާއި އެ ތިން މީހުންނަކީ ވެސް ރަށުން ފެންނައިރު ވެސް ވާހަކަދައްކާ އުޅޭ ބައެއް ކަމަށް އާއިލާއިން ބުންޏެވެ.
އއ. މާޅޮހުގައި މަރައިލި އެ ރަށު އޯކިޑުމާގެ، އަބްދުއްރަހްމާން އާދަމް --
އެ ރަށުން 'ސަން' އާ ވާހަކަދެއްކި އިތުރު މީހަކު ބުނި ގޮތުގައި އެ ތިން ޒުވާނުންނަކީ ވެސް ސަރުކާރު ވަޒީފާތަކުގައި އުޅޭ ޒިންމާދާރު ބައެކެވެ. އަދި، އޭގެ ތެރެއިން ވިސާމަކީ ރައީސުލްޖުމްޙޫރިއްޔާ އައްޔަނުކުރައްވާފައިވާ ސިޔާސީ މަގާމެއްކަމަށްވާ ޔޫތު އެސޯސިއޭޓްގެ މަގާމުގައި ހުރި ޒުވާނެކެވެ. އަދި، ފާރިސަކީ އެ ރަށު ސްޓެލްކޯގައި މަސައްކަތްކުރާ ޒުވާނެކެވެ. އާޝިދަކީ މާލޭގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ގެ ވަޒީފާއެއްގައި އުޅޭ ޒުވާނެކެވެ.
އެނގިފައިވާ ގޮތުގައި އަބްދުއްރަހްމާން މަރާލި ހާދިސާ ހިނގިއިރު އާޝިދު ހުރީ މާޅޮހުގައެވެ. އެކަމަކު، އޭނާ މިއަދު ހައްޔަރުކުރީ މާލެއިންނެވެ. އޭނާ ދިރިއުޅެނީ މާލޭގައެވެ.
"އެއްކޮށް އުޅޭ ތިން މީހުން އެއީ. އެކަމަކު، އަނެއްހެން ކުށެއްކޮށް އެހެން އުޅޭ ބައެއް ނޫން އެއީ،" މާޅޮހުން ވާހަކަދެއްކި މީހަކު ބުންޏެވެ.
އެ މީހާ ބުނި ގޮތުގައި ތިން ޒުވާނުން ހައްޔަރުކުރުމުން މީހުން ތިބީ ދެރަވެފައެވެ.
ތިން މީހުންނަކީ ވެސް މީގެ ކުރިން ކުށުގެ ވެށީގައި އުޅެފައިވާ ބައެއް ވެސް ނޫން ކަމަށް އެ ރަށުން ވާހަކަދެއްކި މީހުން ބުންޏެވެ. އެ ރަށު މީހުން ބުނާ ގޮތުންނަމަ އަބްދުއްރަހްމާނަކީ ސިހުރުގެ ތުހުމަތު ވެސް ކުރެވޭ މީހެކެވެ. އެކަމަކު، އާއިލާއިން އެ ތުހުމަތު ދޮގުކުރެއެވެ.
އަބްދުއްރަހްމާނަށް ފަރުވާދޭން މާޅޮހުގެ ސިއްހީ މަރުކަޒަށް ގެންދިޔަކަމަށް ފުލުހުންނަށް ރިޕޯޓުކުރީ 13 ވަނަ ދުވަހުގެ ރޭ ދަންވަރު 1:50 ހާއިރެވެ. އޭނާ މަރުވީ ފަތިހުގެ ވަގުތެއްގައި ސިއްހީ މަރުކަޒުގައި ފަރުވާ ދެނިކޮށެވެ.
އަބްދުއްރަހްމާންގެ އޮޓޮޕްސީ ވެސް ވަނީ ހަދާފައެވެ. ފުލުހުން ބުނީ، އޮޓޮޕްސީގެ ވަގުތީ ނަތީޖާއިން ދައްކަނީ އަބްދުއްރަހްމާން މަރުވީ ބޮލަށް ލިބުނު އަނިޔާއަކުން ކަމަށް ކަމަށެވެ.
އަބްދުއްރަހްމާނުގެ ދަރިފުޅު އަހްމަދު ނިމާލު މީގެ ކުރިން ބުނީ، އޭނާގެ ބައްޕައާއި އެއްވެސް މީހަކާ ދެމެދު މައްސަަލައެއް ނުވަތަ ރުޅިވެރިކަމެއް އޮވެދާނެ ކަމަށް ޝައްކުނުކުރެވޭ ކަމަށެވެ.
ނިމާލް ބުނީ، އާންމުކޮށް އެކުގައި ނިދި ނަމަވެސް ހާދިސާ ހިނގި ރޭ އޭނާގެ ބައްޕައާއި މަންމަ ނިދަން އޮތީ ވަކިން ދެ ކޮޓަރިއެއްގައި ކަމަށެވެ. އޭނާގެ މަންމަ، ނާޒިމާ ބުނި ގޮތުގައި ނާޒިމާއަށް ކުއްލިއަކަށް ހޭލެވުނީ މީހަކު ބާރަށް ދުވެފައި ދާ އަޑު އިވިގެން ކަމަށް ވެސް ނިމާލް ބުންޏެވެ. އެހެންވެ، ކޮޓަރިން ބޭރު ބަލައިލިއިރު ފެނުނީ ގޭގެ ދޮރު ހުޅުވިފައި ހުރި ތަން ކަމަށް އޭނާގެ މަންމަ ބުނިކަމަށް ނިމާލް ބުންޏެވެ.
ރަހުމު ކުޑަ ގޮތަކަށް ހަމަލަދީ، ޒަޚަމުކޮށްލިއިރު، އެފަދަ ކަމެއް މީހަކު ކޮށްފާނެކަމަށް ވެސް ހިތަށް ނާރާ ކަމަށް ނިމާލް ބުންޏެވެ. އަދި، ޝައްކު ކުރެވޭ އެއްވެސް ކަމެއް ފާހަަގަވި ނަމަ މަންމައާއި ބައްޕަ އެކަނި ދޫކޮށްފައި މާލެ ނަންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
އެ ރަށު މީހުން ބުނާ ގޮތުން ނަމަ އަބްދުއްރަހްމާނަކީ އާދައިގެ ދިރިއުޅުމެއް އުޅޭ މީހެކެވެ. އަދި، އޭނާއާމެދު ޒާތީ ހަސަދައެއް ނުވަތަ ނަފުރަތެއް އޮވެދާނެ މީހަކު ހުރެދާނެކަމަށް ފާހަގަނުވާކަމަށް ބުނެއެވެ.