ޓްވީޓްތަކާ ގުޅިގެން ހައްޔަރު ކުރި ޒުވާނާ ކޯޓުން ދޫކޮށްލައިފި

މީޑިއާތައް ކޮންޓްރޯލްކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައި އޮތް ބިލާ ދެކޮޅަށް އިހުތިޖާޖުކުރާ ފަރާތްތަކުން ހަަމަނުޖެހުން ހިންގަން ހިތްވަރު ދިން ކަމުގެ ތުހުމަތުގައި ރޭ ހައްޔަރު ކުރި ޒުވާނާ މިއަދު ދޫކޮށްލައިފިއެވެ.

ފުލުހުން ރޭ ބުނީ، މަޖިލީހުގައި މިހާރު އޮތް މޯލްޑިވްސް މީޑީއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލާ ގުޅިގެން އިހުތިޖާޖު ކުރާ ފަރާތްތަކަށް, ހަމަނުޖެހުން ހިންގަން ހިތްވަރު ލިބޭ ގޮތަށް "އެކްސް" (ޓްވިޓާ) ގައި ޕޯސްޓުތަކެއް ކުރި މައްސަލައިގައި ޒުވާނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެއީ ސ. ހިތަދޫ، އަތަމާވިލާ، އުމުރުން 29 އަހަރުގެ ޢަލީ ޢާނިމް މުފީދެވެ.

https://www.sun.mv/210216

ފުލުހުން މިއަދު ބުނީ އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން އޭނާ ދޫކޮށްލާފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.

ފުލުހުން ވަނީ އޭނާގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. އޭގެ ތެރޭގައި ޓެރަރިޒަމް މަނާކުރުމުގެ ގާނޫނާ ހިލާފުވުމާއި އާއްމު މަސްލަހަތަށް ގެއްލުން ހުރި އަމަލެއް ކުރުމާއި ކުށެއް ކުރަން އުޅުން ކަމަށް ވެސް ތުހުމަތު ކޮށްފައިވެއެވެ.

އޭނާގެ އެކްސް އެކައުންޓުގައި ސަރުކާރާ ދެކޮޅު ގިނަ ޕޯސްޓުތަކެއް ކޮށްފައިވެއެވެ. އަދި މުޒާހަރާ ކުރުމުގައި ހަމަނުޖެހުން އުފެދޭ ފަދަ ކަންކަން ކުރުމަށް ބާރު އަޅައި ހިތްވަރު ދޭ އެކި ވާހަކަތައް ވެސް ލިޔެފައިވެއެވެ.

ސަރުކާރާ ގުޅުން ބޮޑު ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާން ވަނީ މީޑިއާތައް ކޮންޓްރޯލްކުރާ ބިލެއް ހުށަހަޅާފައެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ގިނަ ބާރުތަކެއް ލިބޭގޮތަށް ކޮމިޝަނެއް އުފައްދައި އެ ކޮމިޝަނުން ނޫސްވެރިންނާއި މީޑިއާތަކަށް ފިޔަވަޅު އަޅަން ފުރުސަތު ދޭން ހުށަހަޅާފައިވާ ބިލާ ދެކޮޅަށް ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

comment ކޮމެންޓް