މަގު ހަދާ ކުންފުންޏަށާއި، ދަތުރުފަތުރާ ބެހޭ އެމްޓީސީސީއަށް ސިއްހީ މަރުކަޒުތަކެއްގެ މަސައްކަތް ދީފި

މާރަންދޫގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަޝްރޫއާ ގުޅޭ އެއްބަސްވުމުގައި އާރުޑީސީގެ އެމްޑީ ނަޒީމާއި ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފް ސޮއިކުރައްވަނީ --- ފޮޓޯ: ހެލްތު މިނިސްޓްރީ

މަގު ހަދާ ކުންފުނި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އަށް ދެ ރަށެއްގެ ސިއްހީ މަރުކަޒުތަކަށް އިތުރުކުރާ އިމާރާތްތަކުގެ މަސައްކަތްތައް ހަވާލުކޮށް، ދަތުރުފަތުރުގެ ޚިދުމަތް ދީ، ބިން ހިއްކުމުގެ މަސައްކަތްކުރާ އެމްޓީސީސީއަށް ހަތަރު ރަށެއްގެ ސިއްހީ މަރުކަޒުތަކުގެ މަސައްކަތް މިއަދު ހަވާލުކޮށްފިއެވެ.

ހެލްތު މިނިސްޓްރީން އާރުޑީސީއާ ހަވާލުކުރީ ހއ. ބާރަށާއި އެ އަތޮޅު މާރަންދޫގެ ސިއްހީ މަރުކަޒުތަކުގެ އަލަށް ހަދާ އިމާރާތްތަކުގެ މަސައްކަތްތަކެވެ.

މި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާއީލް ޝަރީފް ސޮއިކުރެއްވިއިރު، އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ނަޒީމެވެ.

ހެލްތު މިނިސްޓްރީން ބާރަށާއި މާރަންދޫގެ ސިއްހީ މަރުކަޒުތަކުގައި އަލަށް ބިނާކުރާ އިމާރާތްތަކުގެ މަޝްރޫއުތައް ހަވާލުކުރީ ކޮންމެ މަޝްރޫއެއް އެއް އަހަރު ދުވަހުގެ ތެރޭ ނިންމާ ގޮތަށް، ކޮންމެ މަޝްރޫއެއް ވެސް 11.5 މިލިއަން ރުފިޔާއަށެވެ. މި މަޝްރޫއުތަކުގެ ދަށުން އެ ރަށްރަށުގެ ސިއްހީ މަރުކަޒުތަކަށް ވޯޑަކާއި ނަރުހުންގެ ޖަގަހައަކާއި ލެބޯޓްރީއަކާއި ޕްރޮސީޖާ ރޫމަކާއި ޕްރައިވެޓް ރޫމާއި ގަރާޖާއި ގުދަން އިތުރުކުރާނެ ކަމަށް، ހެލްތު މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން ކ. ހުރައާއި ވ. ފުލިދޫގައި ސިއްހީ މަރުކަޒުތަކަށް އިމާރާތްތައް އިތުރުކުރުމަށާއި، ކ. ކާށިދު އާއި އދ. ދިއްދޫގައި ހުންނަ ސިއްހީ މަރުކަޒުތަކުގައި އަލަށް ބިނާކުރާ އިމާރާތްތަކުގެ މަސައްކަތްތައް އެމްޓީސީސީ އާ ވަނީ ހަވާލުކޮށްފައެވެ.

މި މަޝްރޫއުތަކާ ގުޅޭ އެއްބަސްވުންތަކުގައި މިނިސްޓްރީގެ ފަރާތުން ސްޓޭޓް މިނިސްޓަރު އިސްމާއީލް އަބްދުالله ސޮއިކުރެއްވިއިރު، އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޖަމްޝީދެވެ.

މި މަޝްރޫއުތަކުގެ ތަފްސީލަށް ބަލާލާއިރު، ފުލިދު އާއި ހުރާގެ ސިއްހީ މަރުކަޒުތަކުގެ އާ އިމާރާތްތައް ބިނާކުރުމަށް ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ ފުލިދޫގެ ސިއްހީ މަރުކަޒު 27 މިލިއަން ރުފިޔާއަށް، އަދި ހުރާގެ ސިއްހީ މަރުކަޒުގެ އިމާރާތް 27.2 މިލިއަން ރުފިޔާއަށް، ގާތްގަނޑަކަށް އަހަރެއްގެ ތެރޭ އަމަލީ މަސައްކަތް ނިންމާލާ ގޮތަށެވެ.

އަދި ޕަބްލިކް ހެލްތު ޔުނިޓާއި މަލްޓިޕާޕަސް ހޯލާއި ވޯޑާއި ނަރުހުންގެ ޖަގަހައާއި ލެބޯރެޓަރީއާއި ޕްރޮސީޖާ ރޫމާއި ޕްރައިވެޓް ރޫމާއި ގަރާޖުގެ އިތުރުން ގުދަން އިތުރުކުރުން ހިމެނޭހެން ދިއްދޫގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތްތައް ނިންމަން ހެލްތު މިނިސްޓްރީން އެމްޓީސީސީއާ ހަވާލުކުރީ 12 މިލިއަން ރުފިޔާއަށް، ނުވަ މަސް ދުވަހުގެ ތެރޭ ނިންމާ ގޮތަށެވެ.

އެއާއެކު، ވޯޑަކާއި ނަރުހުންގެ ޖަގަހައަކާއި ލެބޯޓްރީއަކާއި ޕްރޮސީޖާ ރޫމަކާއި ޕްރައިވެޓް ރޫމާއި ގަރާޖާއި ގުދަނެއް އިތުރުކުރާ ގޮތަށް ކާށިދޫގެ ސިއްހީ މަރުކަޒަށް އިތުރުކުރާ އިމާރާތުގެ މަސައްކަތްތައް ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރީ އަށް މަސް ދުވަހުގެތެރޭ ނިންމާގޮތަށް 7.1 މިލިއަން ރުފިޔާއަށެވެ.

އެއަށްފަހު ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ފެންވަރަށް ބޭނުންވާ އިމާރާތް ޑިޒައިންކުރުމުގެ މަސައްކަތް، އަމިއްލަ ކުންފުންޏެއް ކަމަށްވާ ޗާޓާޑް އިންޖިނިއަރިން އާ 917،484 ރުފިޔާއަށް ވަނީ ހަވާލުކޮށްފައެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކާ ގިނަ މަޝްރޫއުތައް މި ސަރުކާރުން ހަވާލު ކުރާއިރު އެ ކުންފުންޏެއްގެ މެންޑޭޓަށް ވެސް ބެލުމެއްނެތި ޕްރޮޖެކްޓްތައް ދޭތީ ވަރަށް ބޮޑަށް ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

comment ކޮމެންޓް