މިރޭގެ ވަކި ވަގުތެއްގައި ޗެނަލް13ގެ ބްރޯޑްކާސްޓު ހުއްޓަން، ބްރޯޑްކާސްޓިން ކޮމިޝަން އޮފް މޯލްޑިވްސް (ބްރޯޑްކޮމް)އިން މިދިޔަ މަހު އަންގައިފައި އޮތްކަން މިރޭ އެނގިއްޖެއެވެ.
މިހެން ބްރޯޑްކޮމުން އެންގީ މި އަހަރުގެ ޖެނުއަރީ 30ވަނަ ދުވަހު ޗެނަލް13 އިން ބްރޯޑްކާސްޓުކުރި އިރާދަން ޚަބަރުގެ ބޮޑު ރިޕޯޓު، ބްރޯޑްކާސްޓުކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްއާ ޚިލާފުވާކަމަށް ބެލެވޭތީ އެ މައްސަލަ ބެލުމަށްފަހުގައެވެ.
ކޮމިޝަނުން އެންގީ މިއަދުގެ ރޭގަނޑު 20:00 އިން 09:00އަށް ޗެނަލް 13ގެ ޕްރޮގްރާމް ޝެޑިއުލް މެދުކަނޑައިލުމަށެވެ. އަދި މައާފަށް އެދި ބަޔާނެއް ނެރުމަށެވެ.
ނަމަވެސް މިރޭގެ އެ ވަގުތުގައި ޗެނަލް13 އިން ވަނީ ލައިވް ކުރިއަށް ގެންގޮސްފައެވެ. އެގޮތުން މިރޭ އެ ޗެނަލުން އައީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ، ޕީއެންއެފްގެ ޖަލްސާއަށް ވަމުންދިޔަ ތައްޔާރީތައް ވަގުތުން ބްރޯޑްކާސްޓުކުރަމުންނެވެ.
މިރޭ އެއްގަޑިިއިރަށް ބްރޯޑްކާސްޓުކުރުން ހުއްޓަން އެ ޗެނަލަށް މިދިޔަ މަހު އެންގިއިރު، ޔާމީންގެ ޖަލްސާ ބާއްވާކަން އިއުލާނުކުރީ މި މަހުގެ ތެރޭގައެވެ.
ޗެނަލް13 އަކީ ސިޔާސީ ކޮންޓެންޓު ގެނެސްދޭ ޗެނަލެކެވެ. ޔާމީންގެ ފިކުރުތައް ޕްރޮމޯޓުކޮށްދޭ މި ޗެނަލާ މެދު މިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް ބްރޯޑްކޮމް މެދުވެރިކޮށް ފިޔަވަޅު އަޅައި، ބައެއް ޕްރޮގްރާމްތައް ހުއްޓުވައި، ޖޫރިމަނާ ވެސް ކޮށްފައިވެއެވެ.