ހަތަރު ލޭނަށް ފުޅާކޮށް، ޒަމާނީ ފެންވަރަކަށް ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަސައްކަތް އިއްޔެ ފަށައިފިއެވެ.
އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކުރީ 144.5 މިލިއަން ރުފިޔާއަށް އެއް އަހަރާއި ތިން މަހުގެ ތެރޭ ނިންމާ ގޮތަށެވެ.
މި މަސައްކަތް ފަށްޓަވައިދެއްވީ އެ ކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުالله މުއްތަލިބެވެ.
މި މަސައްކަތް ކުރުމަށްޓަކައި މިދިޔަ އަންގާރަ ދުވަހު، ޖުމްހޫރީ މައިދާނުން ފެށިގެން މަރުކަޒީ ބޭންކް އެމްއެމްއޭ އާ ހަމައަށް 57 ދުވަހަށް އެ ސަރަހައްދު ވަނީ ބަންދުކޮށްފައެވެ.

ބޮޑުތަކުރުފާނު މަގުގައި ތާރުއަޅަން ފެށުން: މި ރަސްމިއްޔާތު ފައްޓަވައިދެއްވީ މިނިސްޓަރު މުއްތަލިބު -- ފޮޓޯ/ ކޮންސްޓްރަކްޝަން މިނިސްޓްރީ
ކޮންސްޓްރަކްޝަން މިނިސްޓްރީން މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އޭޕްރިލް މަހުގެ ނުވަވަނަ ދުވަހެވެ. މި މަޝްރޫއުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލުން ފެށިގެން މަސް މާރުކޭޓު ސަރަހައްދާ ހަމައަށް 830 މީޓަރުގައި ތާރު އަޅާނެ ކަމަށާއި 737 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްގެ މަސައްކަތް ކުރިއަށް ދާނެ ކަމަށް، އެމްޓީސީސީން ބުނެފައިވެއެވެ.
އެ ސަރަހައްދުގައި ތާރު އަޅައިނިމޭއިރު، ފެން ހިންދާ ނިޒާމެއް ވެސް ގާއިމުކުރެވޭނެތީ ފެންބޮޑުވާ މައްސަލައަށް ހައްލެއް ލިބޭނެ ކަމަށް އެ ކުންފުނިން އޭރު ބުންޏެވެ.
މީގެ އިތުރުން، މި މަޝްރޫއުގެ ދަށުން ހިނގާ މީހުންނަށް ވަކި ލޭނެއް ގާއިމުކުރުމާއި ޑްރެއިނޭޖް ސާވިސް ލައިން އެޅުމާއި މަގު ބައްތިއާއި ނިޝާން ހަރުކުރުމުގެ މަސައްކަތް ވެސް އެމްޓީސީސީން ކުރާނެއެވެ.
މާލޭގެ މަގުތައް ހެދުމުގެ މަސައްކަތްތަކުގެ ދަށުން ރަށުގެ ވަށައިގެންފައިވާ ބައެއް ހިސާބުތަކުގައި ތާރު އަޅާފައިވާއިރު، އެހެން ބައެއް ސަރަހައްދުތަކުގައި އަދިވެސް އޮންނަނީ ގާ އަތުރައިފައެވެ.
މާލޭގެ އިތުރު މައި މަގެއް ކަމަށްވާ އަމީނީމަގުގައި ދުއްވުން ފަސޭހަކުރުމުގެ ގޮތުން ޒަމާނީ ފެންވަރަކަށް ހަދައި ނިންމީ މިދިޔަ އަހަރު ކަމުގައިވީ ނަމަވެސް، އެ ތާރުގަނޑުގައި 'މުލިހިތަކެއް' ފަދަ, ތަންގަނޑުގަނޑު އުފެދި، ދުއްވާ މީހުންނާއި ހިނގާ މީހުންނަށް ނުރައްކަލަކަށްވެފައިވާކަމުގެ ކަންބޮޑުވުން ވަނީ އުފެދިފައެވެ.