މި ވަގުތު ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ ކަމަށް ބެލެވޭ, އިނގިރޭސި ވިލާތުގެ, އީތަލްއަށް 116 އަހަރު ފުރިއްޖެއެވެ.
ސަރީގެ ލައިޓްވޯޓާގައި ހުންނަ ކެއާ ހޯމެއްގައި ދިރިއުޅޭ އީތަލްއަކީ ދުނިޔޭގައި ހުރި އެންމެ ދުވަސްވީ މީހާ ކަމަށް ކަނޑައެޅީ، މީގެކުރިން ދިރިއުޅުނު އެންމެ ދުވަސްވީ މީހާ ކަމަށްވާ ބްރެޒިލްގެ ސިސްޓާ އިނާ ކެންބަރޯ ލޯކަސް 116 އަހަރުގައި މަރުވުމުންނެވެ. އޭނާ މަރުވީ މިދިޔަ އޭޕްރީލް މަހުއެވެ.
އީތަލް އުފަންވީ 21 އޮގަސްޓް 1909 ގައެވެ.
އީތަލް ދިރިއުޅޭ ކެއާ ހޯމްއިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ އުފަން ދުވަސް ފާހަގަކުރާނީ އާއިލާއާ އެކުގައި ކަމަށެވެ.
އިނގިރޭސި ރަސްގެފާނު ޗާލްސް ތިން ވަނައަކީ އީތަލްއަށް ބޮޑު ކާފަ ކިޔާ ދަރިއެއްގެ ދަރިކަލުންނެވެ. މިދިޔަ އަހަރު ފާހަގަކުރި އޭނާގެ 115 ވަނަ އުފަން ދުވަހު ޗާލްސް ވަނީ ކާޑެއް ފޮނުއްވާފައެވެ.
އީތަލް އުފަންވީ ޓައިޓެނިކް ކާރިސާގެ ތިން އަހަރު ކުރިން، ރަޝިޔާގެ އިންގިލާބުގެ އަށް އަހަރު ކުރިންނެވެ. އޭނާއަށް ވަނީ ދުނިޔޭގައި ހިނގި ބޮޑު ދެ ހަނގުރާމަވެސް ފެނިފައެވެ.
އޭނާ އަކީ އިނގިރޭސިވިލާތުގެ ހެމްޝަޔާގެ އަވަށެއް ކަމަށްވާ ޝިޕްޓަން ބެލިންގާގައި ދިރިއުޅުނު އޭނާގެ އާއިލާގެ އަށް ކުދިންގެ ތެރެއިން ދެވަނައަށް އެންމެ ހަގު ކުއްޖާއެވެ.

އީތަލްއަށް ވަނީ 116 އަހަރު ފުރިފައި، ފޮޓޯ/ބީބީސީ
އީތަލްއަކީ އުމުރުން 110 އަހަރުގައި 2020 ވަނަ އަހަރު ކޮރޯނާވައިރަހުން ސަލާމަތްވި އެންމެ ދުވަސްވީ މީހުންގެ ތެރޭގައި ވެސް ހިމެނޭ މީހެކެވެ.
އީތަލް ވަނީ ފުރާވަރުގެ އުމުރުގައި އިންޑިއާގައި އޮޕެއާއެއްގެ ގޮތުގައި މަސައްކަތް ކޮށްފައެވެ. ފަހުން ސިފައިންގެ ލެފްޓިނެންޓް ކާނަލްއެއްގެ ގޮތުގައި މަސައްކަތް ކުރި ފިރިމީހާ ނޯމަން އާއެކު ހޮންކޮންގްގައިވެސް އޭނާ ދިރިއުޅުނެވެ.
ފިރިމީހާ 1976 ވަނަ އަހަރު މަރުވެފައިވާއިރު އީތަލްއާއި ނޯމަންގެ ކައިވެންޏަށް ދެ ކުދިން ވަނީ ލިބިފައެވެ.
ދިގު އުމުރެއް ލިބުނު ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން އީތަލް ބުނެފައި ވަނީ އޭނާއަކީ ކަންކަމާ މެދު ވަރަށް "ޕޮޒިޓިވް" ނުވަތަ ފަހިކޮށް ވިސްނާ މީހެއް ކަމަށެވެ.
މިހާތަނަށް ދުނިޔޭގައި ދިރިއުޅުނު އެންމެ ދުވަސްވީ، އުމުރު ޔަގީންކުރެވޭ މީހަކީ 1997 ވަނަ އަހަރު މަރުވެފައިވާ، ފްރާންސްގެ އަންހެނެއް ކަމަށްވާ ޖީން ލޫއީސް އެވެ. އޭނާ މަރުވިއިރު އުމުރުން 122 އަހަރާއި 164 ދުވަސް ވަނީ ވެފައެވެ.