"މައިންބަފައިންނަކީ ދަރިންނަށް ޖަންނަތަށް ދިޔުމަށް ލިބޭ އެއް ވަސީލަތެކެވެ. ﷲ ތައާލާ ގުރުއާނުގައި އަންގަވާފައިވާގޮތަށް މައިންބަފައިންނާ ދޭތެރޭ އަމަލުކުރާށެވެ. އޭރުން ހިތާމަކުރާކަށް ނުޖެހޭނެއެވެ."

***

މިރިއަމް ހުރީ ހުއްޓުންއަރާފައެވެ. މަންމަ ސަލާމަތުން ހުރީތީ އެކަމުގެ ހިތްހަމަޖެހުމާއެކު ލަދުވެތިކަމާއި ނުތަނަވަސްކަމާއި ކުށްވެރިކަންވެސް އިހުސާސްވިއެވެ. ހިތާހިތުން ﷲއަށް ހަމްދުކުރެވުނެވެ. މައިންބަފައިންގެ ދޭތެރޭ އޮތް މައްސަލައަކާއިހެދި މަންމައަށް އަދަބު ދިނުމުން އޭނަގެ ހިތަށްވެސް ވަކި ހަމަޖެހުމެއްލިބެނީއެއް ނޫނެވެ. ހިތާއި ސިކުނޑިވަނީ ތޫފާނެއްގެ ތެރޭގައި ހައްޔަރުވެފައެވެ. އޭނަގެ ހަޔާތުން ބަރަކާތް ނެތިގެން ގޮސްފައިވާކަމުގެ އިހިސާސްވެސް ކުރެވެނީއެވެ. ހުރިހާކަމެއްގެ އަސްލަކީ މަންމައާއިމެދު ފަރުވާކުޑަކޮށް ހިތުގައި ރުޅިވެރިކަން ބޭއްވުންހެއްޔެވެ؟ އޭނަގެ ނަޒަރު ދަތުރުކުރީ މަންމަގެ މޫނަށެވެ. މަންމަ ކޮންމެވެސް މީހަކާއި ވާހަކަދައްކާގޮތަށް ތުންފަތް ހަރަކާތްކުރާތަން ފެނުނެވެ. އޭނަ ކައިރިވެލުމުން އެނގުނީ މަންމަގެ ދުލުގައިވީ ޒިކުރުކަމެވެ. سُبْحَانَ اللَّهِ وَبِحَمْدِهِ، سُبْحَانَ اللَّهِ الْعَظِيمِ. ކިޔައިލަން ފަސޭހަ އެކަމަކު މީޒާންގައި ކިތަންމެހާވެސް ބަރު ކަލިމައެކެވެ.

***

"އައްސަލާމް އަލައިކުމް...ޒުބޭރު ކިހިނެއް؟" ޒުބޭރު ދޮރު ހުޅުވައިލުމުން ހަމްޒާ ކުރިއަށް ޖެހިލިއެވެ. އަދި ސަލާމްކޮށްލަން އަތް ދިއްކޮށްލިއެވެ.ޒުބޭރު އޭނަގެ އަތުގައި ހިފާ ބާރުކޮށްލީ އަޚެއްފަދައިންނެވެ. އަޑުގައި ހޫނުކަން ވިޔަސް ތުންފަތުގައި ހިނިތުންވުންވިޔަސް އޭނައަށް ކަމެއް ދެނެގަނެވުނެވެ. އެ އެކުވެރި ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވި ހިތްހަމަނުޖެހުމެވެ.

"ވައަލައިކުމުއް ސަލާމް....ހަމްޒާ ވަރަށް އުފާވެއްޖެ ދިމާވީމަ...މިރިއަމްއާއިމެދު ކަންބޮޑުނުވޭ..އަަހަރެން މިރިއަމް ކްލިނިކަށް ގެންގޮސްދީފާނަން..ހަމްޒާއަށް އުދަގޫ ޖައްސާކަށް ނުވާނެ..މިބުނީ.......އުދަގުލަށްވުރެ އެހެން ދިމާލަށްވެސް ވިސްނަންވާނެ ދޯ.... ބޮޑު ފިތުނައަކަށްވެސް ވެދާނެ....ޔޯ ވައިފްއަށް ފެނިއްޖެއްޔާ ތަޅައިގަންނާނެ ދޯ ހަމަ...."ޒުބޭރުގެ މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ. އޭނަ ހުނުމަކުން ފުއްދައިލިއެވެ. ހަނާންގެ އޭނައަށް ވެފައި ހުންނަ ވަރު އެހެން މީހުންނަށް އެނގެން އެންމެ ފެނިލުމެއްވެސް ފުދެނީކަމަށް ވެދާނެއެވެ.އެއީ ތެދެކެވެ. އޭނައާއެކު މިރިއަމް ފެނިއްޖެއްޔާ ކޯޅުމަކަށް ނުގޮސް ނުވާނެއެވެ.

އޭނަ އަހައިލީ ޖަމީލާގެ ހާލަތެވެ. ޕެޓްސްކޭން ހެދުމަށް އިރުޝާދުދިނެވެ.

"އޯ.....އަނެއްކާ ކީއްކުރާ ޕެޓްސްކޭން ހަދަނީ؟ ކެންސަރު ދެނެގަންނަން ހަދާ އެއްޗެއް ނޫންތަ؟ ޖަމީލާއްތައަށް ސީޓީސްކޭން އާއި އެމްއާރުއައި ވެސް ހަދާފައިވަނީ..ހަމްޒާއެއްނު ބުނީ ލުވީ ބޮޑީ ޑިމެންޝިއާއޭ..ދެން މިހާރު މި ހެދުމުގެ ބޭނުމެއް ނޭގުނު..."

"ޕެޓްސްކޭނުން ބްރެއިން ސްޓްރަކްޗާ ހުރިގޮތަށް ފެންނާނެ. ޓިޝޫ ވޯކް ކުރާގޮތްވެސް..ސިމްޕްޓަމްސްތަކަށް ބަލާފައި ބޮޑަށް ލުވީބޮޑީ ޑިމެންޝިއާއޭ ބުންޏަސް ޕެޓްސްކޭނުން ޔަގީންކޮށް ދެނެގަނެވޭނީ. އޭރުން ބްރެއިން ސެލްތައް މަސައްކަތްކުރާގޮތވެސް ދެނެގަނެވޭ. އެހެންވީމަ އަލްޒައިމާސް ލެވީބޮޑީ ވެސްކިއުލާކަހަލަ އެކި ޑިމެންޝިއާތައް ދެނެގަންނަން ބޮޑަށް ފަސޭހަވާނެ. އެއިން ކޮންމެ ވައްތަރެއްވެސް ތަފާތުގޮތަށް ސިކުނޑިއަށް އަސަރުކުރޭ. ބައެއްފަހަރު އޯވާލެޕްވެސް ވޭ...ޕެޓްސްކޭން ހަދައިލީމަ ތަންކޮޅެއް ޔަގީންކަމާއެކު ވަކި ކަމެއް ދެނެގަނެވި ސީދާ ފަރުވާދެވެނީ ރަގަޅު މައްސަލައަކަށް ކަމުގެ ޔަގީންކަން ލިބިގެންދާނެ.."

"އެހެންވިއްޔާ ތިކަން ކުރިއަށް ގެންދާނަން...އެއީ ކިހާވަރެއްގެ މުހިއްމުކަމެއްކަން ވިސްނޭ..." ޒުބޭރުގެ ހަށިގަނޑާއި މޫނުމަތިން ދެއްކީ މުޅިންވެސް ހަމްޒާއާއި އޮތް އެކުވެރިކަމެވެ. ނަމަވެސް ހަމްޒާއަށް އިހުސާސްވީ އޭނައަށް ހުއްދަނެތް ސަރަހައްދަކަށް އެރުނުހެންނެވެ. އެގެއަށް ވަންނަން ދައުވަތެއްވެސް ނުލިބުނެވެ.

ހަމްޒާ ކާރަށް އަރާފައި ބުމަ ގާތްކޮށްލިއެވެ. އޭނަ އުއްމީދުކުރީ ކޮންކަމަކަށްހެއްޔެވެ؟ ހިލޭ އަންހެންކުއްޖަކު ގޮވައިގެން ކާރުގައި ދިޔުމަކީ ހަލާލު އަނބިމީހާއަށް ދެވޭ އަނިޔާއެކެވެ. އެއްވެސް އަންހެންކުއްޖަކު އެފަދަ މަންޒަރެއް ދެކެން ބޭނުމެއްނުވާނެއެވެ. އެންމެ ރަގަޅެވެ. އިމަޖެންސީ ހާލަތެއްގައި މީހަކަށް އެހީތެރިވެވިދާނެއެވެ. މައްސަލައަކީ އޭނައާއި މިިރިއަމްގެ މާޒީއެވެ. ހިތުގެ ކަނުގައި ރައްކާކުރެވިފައިވި ހަނދާނާއި އަނިޔާއެވެ. މިފަދަ ގުޅުންތައް ދީނުގައިވެސް ހުއްދައެއް ނޫނެވެ. ތަގުވާއަކީ ހުރިހާކަމެއްގައިވެސް ހެއްދެވިފަރާތް އެންގެވިގޮތަށް އުޅުމެވެ. އެފަރާތުން ނަހީކުރެއްވި ކަންތަކުން ދުރުވެ އަމުރުފުޅުތަކަށް ކިޔަމަންވުމެވެ. އޭނަގެ ސިކުނޑިއާއި ހިތާއި ހަގުރާމައެއް ކުރަންފެށިއެވެ. ޒުބޭރު ރީތިބަހުން އޭނައަށް ހަނދާންކޮށްދިނީ އޭނަގެ އަންހެނުންނާއި ދުރުން ހުރުމަށެވެ. ހަނދާންކޮށްދިނުމަކީ އޮންނަން ޖެހޭ ކަމެކެވެ.

***

ހަމްޒާ ދިޔުމުން ޒުބޭރު މަޑުމަޑުން ދޮރު ލައްޕައިލިއެވެ. ގޭތެރޭގެ ހިމޭންކަން ކުރިއަށްވުރެ ފުންވިއެވެ. ހަމައެކަނި ޖަމީލާގެ މަޑުމަޑު އަޑުން ޒިކުރުކުރާ އަޑުން ހިތަށް ހަމަޖެހުން ލިބުނެވެ. ކެމޮމައިލްގެ ވަސް ހިފާލާފައިވުމުން ހިއްސުތަކަށް ތާޒާކަމެއް ލިބުނެވެ.

ކުއްލިއަކަށް މިރިއަމް ދޮރުމައްޗަށް ނުކުތެވެ. އަތް ހުރަސްކޮށްލައިގެންނެވެ. މޫނުމަތިން ފެނުނީ ސީރިޔަސްކަމެވެ." މިއަދު ޑިއުޓީއަށް ނުދާ ދުވަހަކީތަ؟ ވަަރށް އަޖައިބުވެއްޖެ މިގަޑީގައި ގޭގައި ހުރީމަ.."

"ލެޕްޓޮޕްނުލާ ދެވުނީމަ ބަލާ އައީ..." އޭނަ މަޑުމަޑުން ބުނެލިއެވެ."އަހަރެން އައިއިރު ޖަމީއްލައްތަ ހުރީ ލޯޝަން ފުޅިން ތަޅުންމަތި ސާފުކުރަން..އެހެންވެ އެކަނި ދޫކޮށްލާފައި ދާން ކެރިގެން އޮފީހަށް ނުގޮސް މަޑުކޮށްލީ.."

އޭނަ އިޝާރަތްކޮށްލީ ބިންމައްޗަށެވެ. އެފުޅި އޮތީ އެއްކޮށްހެން ހުސްވެފައެވެ. އެއީ މަންމަގެ ހަންގަޑު ތަންކޮޅެއް ހިިކިކޮށް ހުންނަކަން ފާހަގަވެގެން ކުރީ ދުވަހު ގަނެގެން އައި އަވީނޯ މޮއިސްޗަރައިޒާ ފުޅިއެވެ. މިރިއަމްއަށް ލޯ ބޮޑުކޮށްލެވުނެވެ. އެއާއެކު އޭނަގެ ލޮލުގައި ކުރިންވި ނުރުހުމާއި ފަހުން އައި ހައިރާންކަން ބަދަލުވިއެވެ. ޒުބޭރު ޒިންމާތައް އަދާކުރާލެއް ކިހާ ފުރިހަމަހެއްޔެވެ؟އޭނަ އަށްވުރެ މަންމަގެ ކަންތައްތަކާއިމެދު ވިސްނައެވެ. މަންމަ އެކަނި ބަހައްޓާފައި ޑިއުޓީއަށް ދެވުނުކަމުގެ މޮޔައާއި ލަދުވެރިކަން ހިތަށް ވެރިވިއެވެ.

"ތެންކިއު.."މިރިއަމް ބުނެލިއެވެ.

"ދެން ފަހަރަކު މަންމަ އެކަނިކޮށްލާފައި އެހެން ނުދައްޗޭ...ރޫބީއަށް ނާދެވެންޏާ ބުނެލާތި........" އޭނަ ގަޑިއަށް ބަލައިލިއެވެ."ނަމާދަށް މިދަނީ..ނިމިގެން އަންނަމުން ކްލިނިކަށްލާ ދޭނަން..."

ޒިންމާދާރު ފިރިއެކެވެ. ދަނބިދަރިއެކެވެ. އިތުރަށް އޭނަ ބޭނުންވަނީ ކޮންކަމެއް ހެއްޔެވެ؟

***

މިރިއަމް މަންމަގެ ގާތުގައި ކައުޗްގައި އިށީދެ އެމޫނަށް ވިސްނުންތެރިކަމާއެކު ބަލަން އިނެވެ. މަންމަގެ މޫނުމަތިން ކުދި ރޫތައްފެނެއެވެ. ޒާހިދުކަމާއި އަޅުވެރިކަމުގެ ކުލަވަރު ފެންނަ އަލި މޫނެކެވެ.މަންމަ ތަސްބީހަ ކިޔަން އިނދެފައި މޫނު އަނބުރައިލީ އޭނައާއި ދިމާލަށެވެ.

"މިއީ ކޮން ދުވަހެއް؟"

އާދައިގެ ސުވާލެކެވެ. ނަމަވެސް އޭނަގެ ކަރުތެރެ ބެދި ހިތުގައި ރިހުމެއް އުފެދުނެވެ. މިއީ މަންމަ އެ ސުވާލުކުރި ފުރަތަމަ ފަހަރެއްނޫނެވެ. ކޮންމެ ފަހަރަކުވެސް ހިތަށް ކަށި ހަރައިލާ ސުވާލެކެވެ. މަންމައަށް ކޮންމެ ދުވަހެއްވެފައިވަނީ ހަމަ ނިމުމެއްނެތް އެއް ދުވަސްކަމުގައެވެ. ދުވަސްތަކާއި މައްސަރުތައް ކިތަންމެ ގިނައިން ބުނެދިނަސް މަންމަގެ ހަނދާނުން ކައްސައިލާން ހިނދުކޮޅެއްވެސް ނުނަގައެވެ. ތަކުރާރުކޮށް އެއް ސުވާލު ކޮށްލާނެއެވެ.

"ހުކުރުދުވަސް..މަންމާ..."

"އާހް ހުކުރުދުވަސް....." ޖަމީލާ އެ ލަފުޒުކިޔައިލިގޮތުން އެ ދުވަހށް ކުރާ ގަދަރު ހާމަވިއެވެ."ރަސޫލު ސައްލައްﷲ އަލައިހި ވަސައްލަމް ހަދީސްކުރެއްވި..އެންމެ ރަގަޅު ދުވަހަކީ ހުކުރުދުވަސް..އާދަމްގެ ފާނު ހެއްދެވީ ހުކުރުދުވަހެއްގައި...އަވަހާރަވީވެސް އެދުވަހު........ތާޅަފިލި ފުންމަވާނީވެސް ހުކުރުދުވަހު..އެހެންވީމަ އެ ދުވަހު ގިނައިން ސަލަވާތް ކިޔަވަންވާނެ. ދުވަހުން ދުވަހަށް އެކަލޭގެފާނަށް އެ ސަލަވާތް ރައްދުކުރެވޭނެ.. މި ސަލަވާތް ކިޔާބަލަ ކަނބުލޯ....."

"اللَّهُمَّ صَلِّ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا صَلَّيْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ. اللَّهُمَّ بَارِكْ عَلَى مُحَمَّدٍ وَعَلَى آلِ مُحَمَّدٍ، كَمَا بَارَكْتَ عَلَى إِبْرَاهِيمَ وَعَلَى آلِ إِبْرَاهِيمَ، إِنَّكَ حَمِيدٌ مَجِيدٌ."

ޖަމީލާ ސަލަވަތް ކިޔެވިއިރުވެސް މަޑުމަޑުން ތަސްބީހަ ގުނަމުން ދިޔައީ އެކަމަށް ފަރިތަވެފައިވާތީއެވެ. އާދައަކަށްވެފައެވެ. ގުރުއާނުން ހިތުދަސްކޮށްފައިވާ ސޫރަތްތަކާއި ސަލަވާތްފަދަ ތަކެތި މަންމަ ހަނދާނެއް ނުނެތެއެވެ.

"އާނ މަންމާ....ކިޔަވާނަން.."

އޭނަ ހަނދާންވީ މާޒީގެ ދުވަސްތަކެވެ. ހިތާމައާއި އެކު ރީތި ހަނދާންތަކެވެ. ހުކުރުދުވަހަކީ ރަށުގައި ޚާއްސަ ދުވަހެކެވެ. ހުކުރު ނަމާދަށްފަހު ތަފާތު އެއްޗެއް ސުފުރާމަތީގައި ހުންނާނެއެވެ. އެންމެން ޒިޔާރަތްކޮށް އެކަކު އަނެކެއްގެ ހާލުބަލާ އެކުވެރިކަން ބަދަހިކުރެއެވެ. އޭނަ ރަށްމަތިން ހަދާންވާންފެށުމުން ފުން ނޭވާއެއް ލެވުނެވެ. ހަޔާތަކީ އެކަހަލަ އެއްޗެކެވެ. އަމިއްލަ ފަސްގަނޑުކަމުގައި ދެކެގެން ކިތަންމެ ހުވަފެންތައް ބިނާކުރިޔަސް ވަކިވެގެންދާނެ ޖެހޭނެ ދުވަހެއް އަންނާނެއެވެ.

"މަންމަ ހަދާންވޭތަ ރަށުގައި ހުކުރުު ދުވަހު މަންމަ ކަނޑުކުކުޅު ހަދާފައި އަވަށްޓެރިންނަށްވެސް ހަދިޔާކުރެއެއްނު..އެންމެން މަންމަގެ ކަނޑުކުކުޅު މީރުވެގެން އެވާހަކަދައްކާ..."

މަންމަ އޭނައަށް ބަލައިލިއިރު މޫނުމަތުން ފެނުނީ ތަފާތު ނަޒަރެކެވެ. ޝަައުގުވެރިވި ބެލުމެކެވެ. އޯގާތެރި ހިނިތުންވުމެކެވެ. ކުރާ ސުވާލުން އެމީހަކު ލަދުގެންފާނެތީ ބިރުގަތް ފަދައަކުންނެވެ."އަހަންނާއި ދިމާލަށް މަންމައޭ ކިޔާ ސަބަބެއް އެހިދާނެތަ؟"

އޭނަ ސިހުނުވަރުން ލޯ ތަންމިނަށް ބޮޑުކޮށްލެވުނެވެ.

"މަންމާ....އަހަރެން.....މިއީ.......މަންމައަށް ނޭގުނުތަ؟"

"މިބުނީ.....އަހަރެން މިއިނީ އިންތިޒާރުގައި..."

"ކޮންކަމަކަށް؟"

"ޔޫނުސް ކައިވެންޏަށް އަހަން އަންނާނެ އިރަކަށް.. އަދިވެސް ޚަބަރެއްނުވޭ..."ޖަމީލާގެ އަޑުގައިވީ ޒުވާން އަންހެންކުއްޖެއްގެ ހުންނާނެ ލަދުރަކިކަމެވެ. އެއަޑުގައިވީ ކުށްވެރިކުރުމަށްވުރެ އުއްމީދެވެ. ބާރަށް އެނަން ކިޔުމުން ހާޟިރުވާނެކަމުގެ އުއްމީދުވެސް ކުރެވުނީފަދައެވެ.

"މަންމާ..އެކަމަކު...ޔޫނުސް؟ އުމައިރުއެއް ނޫންތަ؟" އޭނައަށް މުށްބާރުކޮށްލަމުން އަހައިލެވުނީ ވައިއަޑަކުންނެވެ.

"ހޫމް...ޔޫނުސް..."ޖަމީލާ އޮޅުން އަރާ ގޮތްވިއެވެ. އެ ހައިރާންކަން އަލްޒައިމާސްގެ ފުސްކަމާއި އެކުވެ ލާމެހުނެވެ.

އޭނަގެ މައިބަދައިގާ ފިނި އޮއިވަރެއް ދަތުރުކޮށްލިއެވެ. ޔޫނުސް ހެއްޔެވެ؟ އެމީހުންގެ ދިރިއުޅުމަށް ދޮންބައްޕައެއްގެ ގޮތަށް އައިސް، މަހަށްގޮސް ހިނގި ހާދިސާއެއްގައި ނިޔާވެ، އަދި އެމީހަކު ލޯބިވާ ބައްޕަގެ ބަދަލުގައި މަންމަގެ ހިތުން ޖާގަ ހޯދުމުން އޭނަ ނަފްރަތުކުރަންފެށި ޔޫނުސްހެއްޔެވެ؟ އަނެއްކާ އޭނަގެ ބައްޕަ އުމައިރުއަށްވުރެ ކުރިން ބައްޕަގެ ދިރިއުޅުމަށް އައި މީހަކީ ޔޫނުސްހެއްޔެވެ؟ނޫނީ އަލްޒަައިމާގެ ސަބަބުން ހަނދާންތައް އެކިގޮތަށް އޮޅަމުން ދަނީހެއްޔެވެ؟ އެއީ ހަދާން ފޮހެލާ ބައްޔެއްކަމުގައި އޭނަ ދެކުނެވެ. އަދި ބައެއް އެތިކޮޅުތައްވެސް ހިފައިގެންދާ އަނިޔާވެރި ބައްޔެއްވެސް ކަމަށެވެ. އޭގެ ސަބަބުން މާޒީ ފުސްކޮށްލާ އިތުބާރެއްވެސް ނުކުރެވެއެވެ. ފަހަރެއްގައި މަންމައަށް އޮޅުނީކަމަށް ވެދާނެއެވެ. ދޭތެރެއަކުން ހަޔާތުގެ ބައެއްސަފުހާތައް ދޫކޮށްލެވުނީއެވެ. މަންމައަށް އެނގޭ ފިރިހެނުންގެ ނަންތައްވެސް އޮޅުނީއެވެ. މަންމަ ބުނަން އުޅުނީ އުމައިރުގެ ނަންކަމަށް ވެދާނެއެވެ. އުމައިރުއަކީ މަންމަގެ ފުރަތަމަ ލޯތްބެވެ. ޔޫނުސްއަކީ މާ ފަހުން މަންމަގެ ދިރިއުޅުމަށް އެހީތެރިވެދިން މީހެކެވެ.

އެކަމަކު އޭނަގެ ހިތުގައި ޝައްކުގެ އޮށް ވަޅުލެވިއްޖެއެވެ. އަލްޒައިމާސްގައި ދިމާ އިދިކޮޅަށް ވަނީ ކަމަށް ނުވާނެހެއްޔެވެ؟ބައެއް ނާދިރު ހިނދުކޮޅުގައި ފުނުގައި ވަޅުލާފައިވާ ބައެއް ހަނދާންތައް އާދަޔާ ޚިލާފަށް ސާފުކޮށް ފެންނަނީހެއްޔެވެ؟އެވެސް އެތައް ޒަމާނެއްގެ ޣާފިލުކަމެއްގައި ހުރެފައެވެ. މި ނާޒުކް ނަފްސާނީ އޮޅުމުގެ ތެރޭގައި މިރިއަމްއަށް ނޭގޭކަމެއް މަންމަ ހަނދާންވީހެއްޔެވެ؟ އުމައިރުއަށްވުރެ ކުރީގެ ސަފްހާއެކެވެ. މިރިއަމް ވުޖޫދަށް އައުމުގެ ކުރިން ހިނގި ކަމެކެވެ.

އޭނައަށް އަތުން ލޮލުގައި އަތް ޖައްސައިލެވުނެވެ. އޭނައަށް މާ ބޮޑަށް ވިސްނާ ފިކުރުކުރެވެނީހެއްޔެވެ؟އޭނަ ނޭވާ ދޫކޮށްލީ ލަސްލަހުންނެވެ. ބިރު، އަޖައިބު އަދި ޝައުގުވެރިކަން ހަށިގަނޑުގައި ހިނގައިގަތެވެ. ހަގީގަތަކީ ކޮބައިކަން، އޮޅިފައިވަނީ ކޮން ހަނދާނެއްކަން ނޭގުނެވެ. ނޫނީ ކުރިން ފޮރުވިފައިވާ ސިއްރެއް ވުޖޫދަށް އަންނަން އުޅެނީ ކަމަށްވެސް ވެދާނެއެވެ.

އޭނަގެ ޚިޔާލުތަކުގެ ތެރެއިން ނުކުމެވުނީ ޖަމީލާ ކޮނޑުގައި ފިރުމައިލުމުންނެވެ.

"ތިއީ ކާކު؟" ޖަމީލާ ބޯ ހޫރައިލަމުން ކުޑަކޮށް ހީލިއެވެ."ނަރުސްކުއްޖަކަށް ވާނީ. އަހަރެންގެ ކަންތައް ކިހާ ރަގަޅަށް ބަލަނީ..."

މަންމަގެ އަތް އޭނަގެ ކޯތާފަތުގައި ބީހިިލިއެވެ. އެއް އިރެއްގައި އޭނަ ފެންވަރުވާ، އިސްތަށިގަނޑު ގަތާދީ، ކާންދީ، ލޯބިން ފިރުމި މަންމަ އޭނަގެ އަތުގައި މިއަދު އެ ބީހިލީ ބީރައްޓެއްސެއްކަމަށް ދެކިގެންނެވެ.

އޭނައަށް ލޯ މަރައިލެވުނުއިރު ލޮލަށް ކަރުނަ ޖަމާވެއްޖެއެވެ. އޭނަ ބޭނުންވީ މަންމައަށް ކުރެވިފައިވަނީ ކުށްހީއެއްކަން އަންގާދޭށެވެ. އެކަމަކުވެސް މަންމަގެ ސިކުނޑީގައި އުފައްދައިގެން އުޅ އެ ނާޒުކް ދުނިޔެ ބިއްލޫރިކޮޅެއްފަދައިން ތަޅައިލާކަށް ބޭނުމެއްނުވިއެވެ.

"އާނ..."އޭނަގެ އަޑު ބެދުނެވެ."މިގެއަށް އައީ މަންމަ ބަލާދޭން..."

މިފަހަރު "މަންމަ" އެލަފުޒަށް ސަމަލުކަން ނުދީ މާ ދުރަށް ބަލަހައްޓައިގެން އިނިނީ އެހެން ދުނިޔެއަކަށް ގެއްލިފައެވެ. މަޑުމަޑުން ތަސްބީހައިގެ މިނާތައް ގުނަމުން ދިޔައެވެ.

***

މިރިއަމް ކްލިނިކަށް ލާންވެގެން ޒުބޭރު ދިޔައީ ރޫބީ އައުމުންނެވެ. މިރިއަމް ހުރީ މަންމައަށް ހެނދުނުގެ ނާސްތާއާއި ބޭސް ދީފައެވެ. އިތުރަށް ކުރަންޖެހޭ ކަންތައްތަކާއި އެހެން އިރުޝާދުތައް އޭނަ ދިނެވެ. ފަރުވާކުޑަނުކުރާން އެދުނެވެ. އެއްވެސް ހާލަތެއްގައި މަންމަ ގޭޓުން ނުކުމެގެން ނުވާނެއެވެ.ދާން އުޅެންޏާ ގުޅަންވެސް ވާނެއެވެ. ކާރަށް އަރާފައި ޒުބޭރު އާއްމުކޮށް ދާ މަގުު ނޫން ދިމާލަކަށް މިސްރާބު ޖެހިއެވެ.

"ޒުބޭރު...މިއީ އާއްމުކޮށްދާ މަގެއްނޫން. އަހަރެން ގަޑި ޖައްސަން ތިއުޅެނީ؟"

ޒުބޭރު ކާރު ދުއްވަމުން ދިޔައީ ނުބައި މަގަކުންނެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު