" ހިތާމައާއި މޮޅިވެރިކަން އަދި ޚިޔާލުތައް ގިނަވުމުން މި ދުޢާ ކުރުމުން ހިތަށް ހަމަޖެހުން ލިބޭނެއެވެ."يَا حَيُّ يَا قَيُّوْمُ بِرَحْمَتِكَ أَسْتَغِيْث"'

***

މިރިއަމް ކްލިނިކަށް ލާންވެގެން ޒުބޭރު ދިޔައީ ރޫބީ އައުމުންނެވެ. މިރިއަމް ހުރީ މަންމައަށް ހެނދުނުގެ ނާސްތާއާއި ބޭސް ދީފައެވެ. އިތުރަށް ކުރަންޖެހޭ ކަންތައްތަކާއި އެހެން އިރުޝާދުތައް އޭނަ ދިނެވެ. ފަރުވާކުޑަނުކުރާން އެދުނެވެ. އެއްވެސް ހާލަތެއްގައި މަންމަ ގޭޓުން ނުކުމެގެން ނުވާނެއެވެ.ދާން އުޅެންޏާ ގުޅަންވެސް ވާނެއެވެ. ކާރަށް އަރާފައި ޒުބޭރު އާއްމުކޮށް ދާ މަގުު ނޫން ދިމާލަކަށް މިސްރާބު ޖެހިއެވެ.

"ޒުބޭރު...މިއީ އާއްމުކޮށްދާ މަގެއްނޫން. އަހަރެން ގަޑި ޖައްސަން ތިއުޅެނީ؟"

ޒުބޭރު ކާރު ދުއްވަމުން ދިޔައީ ނުބައި މަގަކުންނެވެ.

ޒުބޭރު ކާރުގެ ލޯގަނޑުން އޭނަގެ މޫނަށް ނަޒަރު ހުއްޓައިލިއިރު ތުންފަތަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ." ގަޑި ޖައްސަން؟ އަހަރެން؟ ތިއީ ފަހަރެއްގައިވެސް އަހަންނާއި ގުޅޭ ކަމެއްވެސް ނޫން. އަހަރެން ހަމަ....މިރިއަމްއަށް ރީތި މަންޒަރުތައް ފެންނަ ޓުއާއަކަށް ގެންދަންވެގެން ވެގެން..."

"ތަންތަން ބަލަން؟ މިގަޑީގައި؟ ޔޫ އާ އިމްޕޮސިބަލް..."

"މިއަދު ތަންކޮޅެއް ކުޑައިރުގެ ހަނދާންތައް އާވީ....."ޒުބޭރު ގެ ހުނުމުގައިވީ ސަމާސާއެވެ.

"ތިބުނި އެއްޗެއް ނޭގުނު؟"އޭނަ ރުންކުރުވާގޮތްވިއެވެ. ދުވަސްކޮޅަކުން ކުރީގެ ޒުބޭރު ވުޖޫދަށް ނައިއްޔާ ވެދާނެއެވެ.

"މިރިއަމް މަގޭ ބައިސްކަލް އަތުލީ ދުއްވަން ވެގެންނޯ ކިޔާފައި.."ޒުބޭރު އިނީ މަޖާވެފައެވެ. "އެހާ ޔަގީންކަމާއެކު އެހިގޮތުން ދުއްވަން އެނގިގެންކަމަށް ހީކުރީ..އެންމެ ފަހުން އަހަންނަށް ޖެހުނީ ބައިސްކަލްގެ ފަހަތުގައި ހިފަހައްޓައިގެން ހުންނަން....ބައިސްކަލް ހުއްޓެންދެން މިރިއަމް ހަޅޭއްލެވީ....."

އޭނައަށް މަލާމާތްކުރުމުން ރުޅިގަދަވިޔަސް ހެވުނެވެ." ތިހާ ބިރުން ހަޅޭއްލެވިކަމެއް ހަނދާނެއްނުވޭ........އެއީގްރޭޑް 3 ގައި؟"

ޒުބޭރު މާޔޫސްވީކަމަށް ހެދުނެވެ. "އޯ ޔެސް...އަދި އަހަންނަށް އެދުވަހު އަމުރުކުރަމުންވެސް އުޅުނީމެއްނު..ބޭކަރީ ކައިރިން ދިޔައިރު ބަނަހެއް ގަންނަން މަޑުނުކޮށްފިއްޔާ ފުންމައިލާނެކަމަށް އިންޒާރުދިން.."

މިރިއަމް ހެމުން ސީޓުގައި ރަގަޅަށް ލެނގިލިއެވެ. މާޒީގެ ދުވަސްތައް ހަގީގަތުގައިވެސް ހާދަ އުފާވެރިއެވެ. ފިކުރެއް ޚިޔާލެއް ނެތި އެކުވެރިންނާއެކީ ސަކަރާތް ޖެހުމުގައެވެ. ގަނޑުފިލާ، ތިންހަމަ، އޮށްވަޅު ކުޅެ ބައިސްކަލް ދުއްވުމާއި މޫދަށް އެރުމުގައި ވަގުތު އެކީ ހޭދަކުރިއެވެ. ގޮނޑުދޮށުން ބޮލި ހޮވުން އަދި ކިރު ކަކުނި ނެގުމުގައި އޭނަވެސް އެހެން ކުއްޖަކަށް ދޫނުކުރެއެވެ. ގެއަށް އަންނަމުން ގަސްތަކަށް އަރާ މޭވާއާއި މަދުތައް ބިނދެގެން ކައެވެ. ހުރިހާ އުފަލެއް ތާއަބަދު އެއްގޮތަކަށް ދެމި ނޯންނާނެއެވެ. އިންސާނުން ދުނިޔެއަށް އައުމަށްފަހު އެކި އުމުރު ފަހަނަޅާގޮސް ވަކި ހިސާބަކުން ދުނިޔެއާއި ވަކިވެގެން ދެއެވެ. އެއީ ދުނިޔޭގެ އެއްވެސް އެއްޗެއް އަބަދަށް ދެމިގެން ނުވާނެކަމުގެ ފުރިހަމަ މިސާލެކެވެ.

ސަޔާރާ ބުނާފަދައިން ދުނިޔެއަށް ފޮނުއްވީ ވަކި މަގުސަދެއްގައެވެ. އެކަން ހަނދާން ނައްތާލައިގެން ނުވާނެއެވެ.

ކޮންމެވެސް ސަބަބަކާއިހެދި އަދިވެސް އޭނައަށް ސަޔާރާފަދަ އަޅުވެރި ކުއްޖަކަށް ނުވެވެއެވެ. އޭނަގެ ސިކުނޑިއަށް ހަމަޖެހުމެއް ނުލިބޭ ސަބަބަކީ އެއީހެއްޔެވެ؟

"އެކަމަކުވެސް މިރިއަމް ބައިސްކަލް ދުރު ދަތުރެއްކޮށްފައި ނިންމައިލީ...އަހަންނަށް ޓްރަސްޓކުރިވަރުން...އަހަރެން ހުންގާނުގައި ހުރީ..ވެއްޓުނަ ނުދީ ހިފެހެއްޓިން...." ޒުބޭރު ބުނެލިއެވެ.

އޭނަގެ ހަނދާނުގެ ވާފަށްވެސް މާޒީއަށް އެއްލައިލެވުނެވެ. ރީތި ހަނދާންތަކެވެ. އޭނައަށް ހެވުނެވެ. ކުޑައިރުުގެ އުފާވެރި ބައިސްކަލް ދަތުރުގެ ހަނދާންތައް އާކުރެވުނެވެ. ޒުބޭރުވެސް ބައިސްކަލުގެ މާލިމީކަމުން މިހިރީ ކާރަކަށް އަރާފައެވެ. ފައިވާން ގަނޑަކަށް އަރައިގެން އަޑުގޮއްވަމުން އުޅުނުއިރު ފައިތިލަ ފޮރުވިފައިވަނީ އަގުބޮޑު ބޫޓަކުންނެވެ. އެފަދަ ބަދަލެއް ޒުބޭރު އަށް އަންނާނެކަމަށް ހީކުރާނީ ކާކުހެއްޔެވެ؟

***

އަގުބޮޑު އިމާރާތްތަކާއި އެޕާޓްމެންޓްތަކުން ފުރިހަމަވެފައިވާ ހިމޭން މަގަކަށް ކާރު އަނބުރައިލުމުން މިރިއަމްގެ ނިތްކުރިއަށް ރޫ އެރިއެވެ." ޒުބޭރު..ދެން މަޖަލެއްނޫން މިހާރު...ކޮންތަނަކަށް މިއައީ؟ އަހަންނަށް ވަރަށް ލަސްވެއްޖެ...ގަޑިއަށް ހުރުމަތްތެރިކޮށް ހިތަމޭ ކިޔާފައި މި ކޮން ގަނޑެއް މިގަންނަނީ؟"

ޒުބޭރު ހުންގާނުގެ އަތްގަނޑުގައި ތަންކޮޅެއް ބާރު ކޮށްކަމުން ފުން ނޭވާއެއް ދޫކޮށްލިެވެ. އެވާހަކަ އޭނަ ބުނެދޭނީވެސް ކިހިނެއްހެއްޔެވެ؟ އެއްފަރާތުގައި ގޭޓެއްލާފައި ހުރި ގަނޑުވަރެއްކަހަލަ އިމާރާތުގައި ނަޒަރު ހަރުލިއެވެ.

"އުމައިރު ދިރިއުޅޭ ގެއަކީ މިއީ.."

އެ ނަން އެދެމީހުންގެ ތެރެއަށް ވައްޓައިލެވުނީ ފެންގަނޑެއްގެ ތެރޭގައި ޖެހުނު ބޮޑު ހިލައެއްހެން ހިމޭންކަން ނައްތައިލަމުންނެވެ. އޭނަގެ މެޔަށް ފިނިވެލުމާއެކު ވިންދުވެސް ހުއްޓުނެވެ. ލޯ ބޮޑުކޮށްލަމުން ބަލައިލެވުނީ އިވުނު އަޑާއިމެދު ޔަގީން ނުވެގެންނެވެ."ވަޓް؟ ކީކޭ ބުނަން ތިއުޅެނީ؟"

ޒުބޭރު ކުޑަކޮށް ބޯ އަރިކޮށްލުމުން ލޯގަނޑުން މިރިއަމްއާއި ނަޒަރު ދިމާވިއެވެ.

" ފަސް އަހަރު ކުރިން މާލެއަށް ބަދަލުވީއިރު މިމަގުން ވަރަށް ހިނގާ އުޅުނިން. އަހަރެމެންގެ ރަށުން އައިސްގެން އުޅޭ އުމައިރުއެއް މި ތަނުގައި ވަޒަންވެރިގެން އުޅޭ ކަމަށް މީހުން ކިޔާ، ވަގުތައި އުމުރު މިހުރިހާކަމެއްވެސް ހަމަ މިރިއަމްގެ ބައްޕައާއި ދިމާވޭ..ކުރިން އެ ވާހަކަ ނުބުނީ.......އަހަންނަށް ޔަގީންނުވީމަ.."

މިރިއަމްގެ މެޔަށް ފިތިގެން ދިޔަފަދައިން އުދަގުލެއް އިހުސާސްވިއެވެ. ނޭވާވެސް ތާށިވިއެވެ. އޭނަ ގުދުވެފައި ނިކަން ރަގަޅަށް އެގެއާއި ދިމާލަށް ބަލަންއިނީ އެގެވެސް އޭނައަށް ޖަވާބުދާރީ ވެދާނެތީއެވެ.

"އަހަރެން އެއްފަހަރު އެގޭގެ ދޮރުގައި ޓަކިދިނިން. އެއްވެސް މީހަކު ނުހުޅުވާ...މާޒީގެ ގޯސްޓްތައް ފަހާ ދުވަންވެއްޖެއްޔާ މިރިއަމްގެ ހިތަށް އުދަގޫވާނީ..." ޒުބޭރު ގެ މޫނުމަތިން ކަންބޮޑުވުމުގެ ކުލަވަރު ފެނިލިއެވެ." ޔޫ އޯކޭ؟"

އޭނަގެ އިނގިލިތައް ރޫރޫ އަޅަންފެށިއެވެ.

"ވީއިރު....މިހުރިހާ ދުވަހު ބައްޕަ ދިރިއުޅުނީ މިތާގައި؟ މި ޝާހީ ގޭގައި؟ މަންމައާއި އަހަރެން އެހާ......." އޭނައަށް ޖުމްލަ ފުރިހަމައެއް ނުކުރެވުނެވެ.

"އަހަންނަށް ތިކަން ޔަގީނެއްނޫން...އަހަންނަށް އެނގޭހާ އެއްޗަކީ އުމައިރު ކިޔާ މީހަކު މިގޭގައި ދިރިއުޅޭކަމާއި އަހަރެމެން ރަށުގެ މީހެއްކަން...އޭގެ ފަހުގެ ރާސްތާ ނޭގުމުގެ ތެރޭގައިވަނީ..........."ޒުބޭރު ގެ އަޑު މަޑެވެ. ދުލުން ނުބުންޏަސް އެކަމާއި ހިތާމަކުރާކަން އެނގޭހާ ވަރު އެ ލޮލުން ހުރީ ފެންނާށެވެ.

މިރިއަމް އެ ބޮޑު ދޮރާށްޓަށް ބަލަން އިންއިރު ލޯ ކަރަންފެށިއެވެ. އޭނަގެ ސިކުނޑި އޮޅުންބޮޅުންވިއެވެ. ސުވާލުތަކުގެ ތޫފާނެއް އައެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލިޔަސް އަޑު ނިކުންނަވަރަށްވުރެ ހާލަތު ބޮޑުވިއެވެ. ހިމޭންކަން ފުންވެ ދިގުދެމިގެން ދާންފެށުމުން ޒުބޭރު އަވަހަށް ކާރުގެ އިންޖީނު ހިންގައިލިއެވެ." މިރިއަމްއަށް އެނގުމުގެ ހައްގު ލިބިގެންވާކަމަށް އަހަރެން ދެކުނީ..."

ލޯމަތިން އެގެ ގެއްލެންދެން އޭނައަށް ބަލަން އިނދެވުނެވެ. ނިކަން ސިއްރުން ލޮލުން ވެއްޓުނު ކަރުނަ ތިކި ފޮހެލިއެވެ.

***

ޒުބޭރު އަދި މިރިއަމްއަށްވެސް ފެންޑާގެ ތަބުގެ ހިޔަނީގައި ހުއްޓިލައިގެން ހުރި މީހާ ފެނުނުނަމަ ހާދިސާ ބަދަލުވީހެވެ. ހާރިސާގެ އުމުރުން ދުވަސްވިޔަސް ލޮލުގެ ތޫނުކަން ބާޒެއް ފަދައެވެ. އޭނަ ލޯ ހަނިކޮށްގެން ހުރެ އެ ކާރަށް ބެލިއެވެ. ކާރު ދުއްވަން އިން މީހާ ދެނެގަނެވުމުން ރުޅިގަދަވެގެންގޮސް ދަތްކުނޑި ވިކައިގަނެވުނެވެ. ހަރުވެ ލެނބިފައިވާ އިނގިލިތަކުން ސްކާފްގައި ހިފަހައްޓާލައިގެން ހުރިލެއް ބާރުކަމުން ހުޅުތައް ހުދުވިއެވެ. މިމަގުގައި ދުއްވަން އެންމެނަށް ހުއްދަ އޮތަސް އެ ހައްގު ނެތީ އެ ފިރިހެނާއަށެވެ.

އޭނަގެ ތުންފަތް ހަރަކާތްކުރިއެވެ. އެހެން މީހަކަށް ނީވުނަސް އޭނަގެ ކަރުތެރެއިން ނުރައްކާތެރި އަޑެއް ލައްވައިލިއެވެ." ވަގުތު ކުޑަތަން އެބަވޭ އިނގޭ ކަލޯ..ތިހެން ކާރުގައި އިއްޒަތުގައި އިނދެވޭނީ ދުވަސްކޮޅަކަށް........"

***

އޮމާން ދުވެއްޔެއްގައި އައި ކާރު މަޑުކޮށްލީ ކްލިނިކް ކައިރިއަށެވެ. މިރިއަމް އޭނަގެ ދަބަސް ހިފައިގެން ނުކުމެ ހިނގައިގަތީ ޒުބޭރުއާއި އަނގައިން ބުނުމެއްނެތިއެވެ. ފެނުނު ގެއަކާއި ހެދި އުފެދިގަތް ޚިޔާލުތަކުގެ ތޫފާނުން އަރައިނުގަނެވި ގެއްލިފައެވެ. ޒުބޭރު ކާރުގެ ބިއްލޫރި ތިރިކޮށްލިއެވެ.

"މިރިއަމް..ކޮން އިރަކުން ނިމޭނީ؟"

އޭނަގެ ޚިޔާލުތަކުގެ ދުނިޔެއިން ނުކުމެވުނެވެ." ހަޔެއް...ނޫނީ ހަގަޑި ބައި......ބަލިމީހުންގެ ކަންތައް ހުރިގޮތަކުން..."

"އެންމެ ރަގަޅު. އެގަޑިއަށް އަންނާނަން އިންޝާﷲ.." އޭނަ ގަޑިއަށް ބަލައިލިއެވެ." މިރޭ އަދި ރަށަކަށް ޖައްސަލައިލަން ޖެހޭ...މުހިއްމު މަސައްކަތެއް ކޮށްލަން އެބަޖެހޭ..."

"އެންމެ ރަގަޅު..."އޭނައަށް ޒުބޭރުގެ މޫނަށް ނަޒަރު ހުއްޓައިލެވުނެވެ.

"އެހާބޮޑަށް ނުވިސްނާތި...ވިއްސާރަވެފައިވެސް ވިލާތައް ކެހިގެން ދޭ.. ރޭގަނޑަށްފަހު އިރުއަރާ....ކޮންމެކަމެއްގައި ހިކުމަތެއްވޭ..... ހެއްދެވިފަރާތަށް އިތުބާރުކުރަންވާނީ..ހުރިހާ ހިތާމައަކާއި މޮޅިވެރިކަމެއް އެފަރާތާއި ހަވާލުކޮށްލުމުން ބޮލަށް ފަސޭހަވާނެ...އުމައިރުގެ މާޒީވެސް އަދި އެނގޭނެ...ވަގުތު ޖެހުނީމަ..."ޒުބޭރުގެ ނަޒަރު ކުޑަކޮށް ދިގުދެމިގެން ދިޔައެވެ.

ޒުބޭރުގެ ކާރު ލޯމަތިން ގެއްލުމުން އޭނައަށް ތުންފަތް ޖައްސާ ބާރުކޮށްލެވުނެވެ. ލަދުވެތިކަމާއި ކުށުގެ އިހުސާސްތައް ސިކުނޑީގައި ވަކި ހިއްޕައިލިއެވެ. ޒުބޭރުގެ ވަފާތެރިކަމާއިމެދު ޝައްކުކުރެވުނީ އެންމެ ރަގަޅަށްކަމުގައި ނުވެ ހިނގައިދާނެއެވެ. ގާނޫނީ ވަކީލެއް ވެއްޖެއްޔާ ދަތުރުފަތުރުކޮށް މީސްމީހުންނާއި ބައްދަލުވެސް ކުރާނެއެވެ. އޭނަގެ ޚިޔާލުތައް ގިނަކަމުން މޮޔަވެސް ވެދާނެ ނޫންހެއްޔެވެ؟ ޒުބޭރުއަކީ ޒިންމާދާރު މީހެކެވެ. ގެއަށް ބޭނުންވާ ސާމާނު ހޯދަދޭން ފަހަރެއްގައިވެސް ހަނދާން ނުނެތެއެވެ. ގޭތެރޭގެ އިސްކުރަކުން ފެން ލީކުވުން ކަހަލަ ކަމެއްވިޔަސް އެންމެ ކުރިން އެކަން ދެނެގަނެ ރަގަޅުކުރާނެއެވެ. މަންމައަށް އަޅާލާ އެހީތެރިވެދިނުމުގެ ނަމޫނާއެކެވެ. އެފަދަ ރަގަޅު މީހަކު ބޭވަފާތެރިވެދާނެހެއްޔެވެ؟ ހަމްޒާ ގެ ސޫރަ ލޮލަށް ފެނުނެވެ. ބަލާބެލުމަށް ހަމަ އެންމެ މާތް ސްމާޓް މީހެކެވެ. ނަމަވެސް ބޭވަފާތެރިންގެ ލިސްޓުގެ އެންމެ ކުރީގައި އެނަން ވެއެވެ.

މިރިއަމް ގެއަށް ވަދެފައި އެކި މަސައްކަތުގައި އުޅެމުން މަންމައަށް ސައިދީ ހެދިއެވެ. މަންމަ ގިނަވަގުތު އިނީ ނަމާދުކުރުމުގައެވެ. ގުރުއާން ކިޔެވުމުގައެވެ. މަންމަ އެކަނިމާއެކަނި އެނދުގައި ގުރުއާން ކިޔަވަން އިންތަން ފެނުމާއެކު މަންމައަށް ބަލަން އިރުކޮޅަކު ހުރެވުނެވެ. މަންމަ އިސްއުފުލާފައި ހީލިއެވެ. ހިތާމަވެރި ހިނިތުންވުމެކެވެ. އޭނަގެ ހިތަށް އެހެން ކަހަލަ އަސަރެއް ކުރިއެވެ. މަންމައަށް އޭނަގެ ހިތުގައިވާ އެއްޗެއް ފަހުމްވީހެއްޔެވެ؟ އޭނަގެ ދުރުކަން ދެނެގަނެވުނީހެއްޔެވެ؟ ﷲ ތައާލާ އަންގަވާފައިވަނީ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށެވެ. އުފްވެސް ނުބުނުމަށެވެ. ހިތުގައި ޖެހޭވަރުގެ ކަމެއް ނުކުރަން ޖެހޭއިރު އޭނައަށް މަންމަ ދެރަކޮށްލެވުނު އަދަދެއްވެސް ނޭގެއެވެ. އޭނަ ރުޅި ދައްކައިގެން ހުރީ އެހެން ގޮތަކަށެވެ. ހިމޭންކަމުން މަންމައަށް އަދަބުދީގެންނެވެ. އޭނަ ފެންކަޅިވާގޮތްވިއެވެ. މިވަރަށް މަންމައާއިމެދު ހިތުގައި ޝަކުވާ މި ބޭއްވީ އުމައިރުއާއިހެދިއެވެ. ބައްޕަގެ މާޒީވެސް އެނގެނީއެއް ނޫނެވެ. ކުށްވެރިއަކީ ކާކުހެއްޔެވެ؟ ބައްޕަ އެމީހުން ދޫކޮށްލާފައިގޮސް ގަނޑުވަރެއްގައި އުޅެނީ މަންމަގެ ސަބަބުންހެއްޔެވެ؟ މަންމައާއި ޔޫނުސް ގުޅުމެއް އޮވެގެން އެކަން އެނގުމުން ހެއްޔެވެ؟

""ޢަސްތަޣުފިރުﷲ..އަދިވެސް މަންމަ ކުށްވެރިކުރަނީ.. އެއްވެސް މީހެއްގެ ކުށެއްނެތިވެސް ބައެއްފަހަރު ވަކިވޭ. ބައްޕަގެ މައްސަލައެއްތަ؟ ބައްޕައަށް ބޮޑު ބައްޔެއް ޖެހިގެން ދިޔައީތަ؟" އަމިއްލަ ނަަފުސާއި ސުވާލުކުރެވުނެވެ." ހުރިހާ ކަމެއް ބޭނުން...މިވަގުތު...."

ފިކުރުތަކާއިހެދި ފޮނި އެއްޗެހިވެސް ކެވޭލެއް ގިނައެވެ. ދޭތެރެއަކުން ގަނެގެންވެސް ކޭކުތަކާއި ހަލްވާވެސް ކައިލެވެއެވެ. އޭނަ ފްރިޖް ހުޅުވައިލުމާއެކު އައިސްކްރީމްތަށި ފެނުމުން ހެވި ދިއްލުނެވެ. ކުޑަ ބޯތަށްޓެއްގެ ފުރެންދެން އަޅައިގެން ކައިލެވުނެވެ. ތަށިގަނޑު ބަހައްޓަން އުޅުނުތަނާ ފިިނިވެ ގަނޑުވެފައިވާ ޗޮކްލެޓެއް ފެނުނެވެ. މިއީ ކުރިން މަންމައަށް ކޮންމެ ދުވަހަކުހެން އޭނަ ގެނެސްދޭ ހަދިޔާއެކެވެ. އޭނަ އެ ޗޮކްލެޓް ނެގިއިރު ލޯ ފެންކަޅިވެއްޖެއެވެ. އޭނަ ހާދަ ނުލަފާވެއްޖެއެވެ. ކުށެއްނޫނެވެ. ބޮޑު ފާފައެކެވެ. ﷲތައާލާ ނަހީކުރެއްވި ކަމެއް ކުރެވެނީއެވެ. "ޔާﷲ ފޮގިވް މީ"

އޭނަ ޒުބޭރުއަށް މެސެޖްކޮށްފައި ބުނީ ޗޮކްލެޓް ފޮށްޓެއް ގެނެސްދިނުމަށެވެ. އެއަށްފަހު ބާކީހުރި އައިސްކްރީމް ހިފައިގެން މަންމަގެ ކޮޓަރިއަށް ދިޔައިރު މަންމަ އޮތީ ގަދަ ނިދީގައެވެ. އޭނަ މަންމަގެ ގައިމަތީ ރަޖާއަޅާލަދިނެވެ. އިރުކޮޅެއްވާންދެން މަންމަގެ މޫނަށް ބަލަހައްޓައިގެން ހުރިއިރު ލޮލުގައި ކަރުނައިގެ އަސަރުވިއެވެ. ޑިމެންޝިއާއަކީ އަނިޔާވެރި ހާލަތެކެވެ. ލޯބިވާ މީހުންނާއި އަމިއްލަ ނަފުސްވެސް ހަދާން ނެތެއެވެ. ނަމަވެސް މިފަހަކަށް އައިސް ގިނަ މީހުންނަށް އެ މައްސަލަ ކުރިމަތިވެއެވެ.

އޭނަ ވަންތަނާ މޭޒުމަތީގައި އޮތް ފޯނު ރިންގުވާންފެށިއެވެ. ޒުބޭރު މިގަޑީގައި ގުޅަނީ ޗޮކްލެޓް ގަންނަން ބުނީމަކަމަށް ވެދާނެއެވެ.

"މިރިއަމް. ކޮންމެހެން ބައްދަލުކުރުވަން ޖެހޭ މީހަކު އެބަހުރި...." ޒުބޭރު ދެއްކީ އެހެން ވާހަކައެކެވެ.

"މީހެކޭ؟ "އޭނައަށް ބުނެވުނީ ބާރަށެވެ. އެތަނުގައި ގުގުމައިލުމުން ސިހޭގޮތްވިއެވެ.

"އާނ....ތިހިސާބަށް ފޯރީމަ ބުނެދޭނަން..ގެއަށް ދެވޭއިރު މިރިއަމް ހޭލާ ހުންނާނެކަމަށް އުއްމީދުކުރަން..."

އަދި ކިރިޔާ ނުވައެއް ޖެހީއެވެ. އޭނަ މިހާ އަވަހަށް ނިދަންވީ ކީއްވެހެއްޔެވެ؟ ނަމަވެސް އޭނަގެ ހިތުގައި ޝައުގުވެރިކަމާއެކު އެހެން އިހުސާސެއްވެސް އުތުރި އަރައިގަތެވެ. އަޑު އެއްވަރެއްގައި ހިފަހައްޓަން ކޮލުގައި ދައިގަނެވުނެވެ." ތިހާ އޮޅުންއަރާ ގޮތަށް ވާހަކަ ނުދައްކާ ސީދަލަށް ބުނެބަލަ....ކާކުގެ ވާހަކަ ތިދައްކަނީ..."

"މިރިއަމް...ލަހެއްނުވާނެ...ޝީ ވިލް ބީ ދެއަ ސޫން..." ޒުބޭރު ފޯނު ކަނޑައިލިއެވެ. އެދައްކަނީ އަންހެނެއްގެ ވާހަކަކަން ޔަގީންވެއްޖެއެވެ. އޭނައަށް ކުރެވުނު ޝައްކުތައް އޭނަ ގެނެސް މި ލައްގަނީ މި "ހިނދުކޮޅަށް" ނޫންހެއްޔެވެ؟ އެ ސިއްރުތައް، ގެއަށް ލަހުން އައުން، މާ ބޮނޑި އަދި އޮރެންޖް އިސްތަށިވެސް މެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު