"ގުރުއާނަކީ ކޮންމެ ދުވަހެއްގެވެސް ތިބާގެ އެންމެ ގާތް ބައިވެރިޔަކަށް ހަދާށެވެ. އެންމެ ސަފުހާއެއް، އެންމެ އާޔަތެއްވެސް ތިބާގެ ހިތާއި ގެއަށް އަލިކޮށްދޭނެއެވެ."

***

"ޑިއަރ އަޒިއެލް.

ޗާޓަކުން ހޯދައިގެންވެސް އަލުން ނުފެންނާނެ ހިސާބަކަށް ދާން އުޅޭފަދައިން ދުއާ ކިޔަން ހުއްޓާ ފެނުނު ދުވަހު އަހަރެން ވަރަށް ބިރުގަތް. އެކަމަކު މިހާރު ސާފުވެއްޖެ...ވަރަށް ރަގަޅަށް އަންޑަސްޓޭންޑް ވެއްޖެ. ހިތަށް އަރަނީ ކުރިންވެސް އެކަން ދަސްވިނަމައޭ......" އޭނަ އެ ކަރުދާސްކޮޅު ފަށް ޖަހާލާފައި ރިބަންކޮޅަކުން އައްސާލައިފިއެވެ. ޕޯސްޓްކުރަން ބޭނުންވިއެވެ. އަދި ނުކުރެވިފައެވެ.

***

މަޣުރިބު ނަމާދަށް ގޮވިއިރުވެސް އުޑުމަތި އޮރެންޖްގެ ގަދަކުލައަކުން ފަވާލާފައިވިއެވެ. އަޒިއެލްއާއި ކައިލާ ފެންޑާގައި ޕިއްޒާ ކެއުމުގައި މަޝްޣޫލުވެގެން ތިއްބެވެ.އަޒިއެލް ކުއިލްޓްމަތީގައި ކުޝަންތަކަށް ލެނގިލައިގެން އިންއިރު ކައިލާވެސް އިނީ ކުރިމަތީގައެވެ. ވަށައިގެންވާ ޕޮޓްތަކުގައި ހުރި މާމެލާމެލީގެ މީރުވަހުން ހިތާއި ރޫހަށްވެސް ހިތްހަމަޖެހުން ގެނެސްދޭނެއެވެ.

"ތިއްތި....ހަނދާންވޭތަ؟ ކައިއާއި ދިމާލަށް ޕްރޮފެސަރ ކައިލާއޭ ކިޔާއުޅުނުކަން...."

"ހޫމް..ސަބަބަކީ އަހަންނަށްވުރެ ކުރިން އޮކްސިޖަން އެ ލަފުޒު ރަގަޅަށް ކިޔަން އެނގުނީމަ...އައި ވޯޒް ޖެލަސް.."

"ކައި ހިތަށް އެރީ މާޒީއިން އަރައިގަނެވުނީއޭ... ދުރަށް ފޮނުވައިލުމުންވެސް....."

"އެނގޭތަ؟ ކައި ރާއްޖެ ފޮނުވައިލީ އަހަންނާއި ހެދި ކަމެއް އޭރު ނުދެނެހުރިން..މާފަހުން އެނގުނީ...."

ހަނދާނެއް ނެތެއްނު އެރޭ...ކައި އެ ބިރުގަތް ރޭ މަތިން...."

"ނޫން ހަނދާން އެބަހުރި..ކޮންމެ ތަންކޮޅެއް...ކޮންމެ ހަޅޭކެއް.....އަހަރެން ހުރިހާ ބޮކިތައް ދިއްލާ.....ފާރުތަކުގައި ލިޔުނު ހުރިހާ ލަފުޒުތަކެއްވެސް ހަނދާނުގައި ވޭ....." އަޒިއެލް ޕިއްޒާ ފޮތިން އެތިކޮޅެއް ކައިލިއެވެ.

"ވަރަށް ބިރުގަތް ހިތަށް އެރީ ތިއްތި ހަމަ ގެއްލިދާނެއޭ...ނޫނީ ފަޓާހެއްހެން ގޮވާފާނެއޭ...ފަހުން ތިއްތި ނެތީމަ ވަރަށް ބޮލަށް ފަސޭހަވި އެކަމަކު ފަހުން ގިލްޓީވާންފެށީ..."އޭނަ ތެދުވެގެންގޮސް އަޒިއެލް ގާތު އިށީނެވެ. އެހާ ކައިރިއެއްނޫނެވެ. ނަމަވެސް ވަރަށް ގާތުގައެވެ.

"އަހަރެންވެސް އެރޭ ބިރުގަތް އަމިއްލަ ނަފުސްދެކެ. މިހާރުވެސް ކުޑަކޮށް ބައެއްފަހަރު..."

"ހިތަށް އަރާ އޭރުވެސް ބުނެދިން ނަމައޭ...އެވަރަށް ނުފޮރުވާ..ނޫންނަމަ ފަހަރެއްގައި ތިއްތިދެކެ އަވަހަށް ލޯބިވާން ދަސްވީސްކަން ނޭގޭ...އޭރު ބައްޕަމެން ބުނާނީ ތިއްތި ސެންސިޓިވްކަމުންނޯ...އެއީ ކުށެއްކަމަށް ވިސްނުނީ......"

"އެންމެ ރަގަޅު..ކައި މިހާރު ތިހިރީ މިގޭގައި، އެއީވެސް ލޯތްބަށް ފުދޭ...."

އޭނަގެ ލޮލުން ކަރުނަތިއްކެއް ވެއްޓުމާއެކު އަޒިއެލްގެ ކޮނޑުގައި ބޯ އަޅައިލެވުނެވެ. ކުޑައިރުންފެށިގެން ފުރަތަމަ ފަހަރަށް އެދޭތެރެއަށްވެރިވި ހިމޭންކަމާއެކުވެސް އިހުސާސްވީ ރައްކާތެރިކަމެވެ. ނަފްސާނީ މައްސަލަތައް ޖެހިފައިވާ ކުދިންނަށްވެސް ލޯތްބާއި އަޅައިލުން ބޭނުންވާނެއެވެ.

***

އަމްރާން ސްކްރަބްސްފައި ހުރެ ގޮސްވަނީ ހުސްވަގުތުކޮޅު ހޭދަކޮށްލާ ކޮޓަރިއަށެވެ. ފިނި ކޮފީއެއް ބޯން ފެށީ ސިކުނޑި ފިނިކޮށްލުމަށެވެ. މޭޒުމަތީގައި ބަލިމީހުންގެ ޗާޓުތަކެވެ. މަޑުމަޑުން ކޮޓަރީގެ ދޮރުގައި ޓަކިދިން އަޑުއިވުނެވެ. އޭނަ ދޮރު ހުޅުވައިލިއިރު ކުރިމަތީގައި ހުރީ ޑޮކްޓަރ ކަމީލާއެވެ. އެކުއްޖާ އަމިއްލައަށް ތައާރަފުވެލިއެވެ. ހީކުރެވުނުވަރަށްވުރެ ކެރޭ ކުއްޖެކެވެ. އަމިއްލަ ނަފުސަށް އިތުބާރުކުރާ ހިތްވަރުގަދަ ކުއްޖެއްކަން އެލޮލުން ހާމަކޮށްދިނެވެ.

"އަހަރެންވެސް ކޮފީއެއް ބޯލަންކަމަށް....." ކަމީލާ އޭނަގެ ކޮފީތަށި ހިފައިގެން ކައުޗްގައި އިށީނެވެ.

"ސާދަ ގަޑިއިރުވަންދެން ބްރޭކް ނުނަގާ ތިއުޅެނީ ޑޮކްޓަރ އަމްރާން..އަހަރެން ގުނާލިން ގަޑި..ވަރަށް ޑެޑިކޭޓެޑް..."

"އެހާވަރުން އަދި އަހަރެން މަރެއްނުވާނެކަން ނޭގޭ....މައިލްޑް ހާޓްއެޓޭކެއް ޖެހުނަސް ހަމަ އޯކޭތާ......"

"އަބަދުވެސް ކޮންމެފަދަ ހާލަތެއްގައިވެސް އެހާ ހަމަޖެހިލައިގެން ހުންނަނީ...ބޭރުގައި ކޮންމެފަދަ ހަލަނި ކަމެއް އޮތަސް ހަމަ ކޫލް..."

"ސަބަބަކީ އަހަރެން ބޮޑުވީވެސް މަގޭ ޖެހިގެން ހުންނަ ބެޑްރޫމްގައި ހަމަ "ހަލަނި" އެއް ދިރިއުޅޭތީ...."އޭނައަށް އެހެން ބުނެވުމާއެކު އަމިއްލަ ނަފުސް ކުށްވެރިކުރިއެވެ. ހިއްސާކުރެވުނީ ޒާތީ މައުލޫމާތެކެވެ. ކަމީލާގެ މޫނުމައްޗަށް އެއްވެސް ބަދަލެއްނައެވެ. އޭނަ ސިއްސުވައިލާފަދަ ބޮޑު ޚަބަރަކަށްނުވިއެވެ.

"އަހަންނަށްވެސް ތިކަން އިހުސާސްވޭ...ސަބަބަކީ އަހަރެންގެ އަންކަލްއަކީވެސް ބައިޕޯލާ މީހަކަށްވީމަ...އެއް ހަފްތާގައި އަހަންނަށް ގުރުއާން ކިޔަވާދީފައި އަނެއް ހަފްތާގައި ބޮކިތަކާއި ދިމާލަށް ހަޅޭއްލަވަން ހުންނާނީ...."

"އަހަރެންވެސް ކޮއްކޮ ސަލާމަތް ކުރަން ގެއަށް ބަދަލުވިން...ޑޮކްޓަރަކަށް ވީމަ އެކަން ރަގަޅުކުރުމުގެ ގާބިލުކަން ހުންނާނެކަމަށް ދެކުނިން. އެކަމަކު ބައެއްފަހަރު އަހަރެންވެސް ވަރުބަލިވޭ..ރުޅިވެސް ގަދަވާވަގުތު އާދޭ، އެކަމަކު ރުޅިއައިއްޔާ ފަހުން އެކަމާ ލަދުގަނޭ.އަމިއްލަ ނަފުސް ކުށްވެރިކުރެވޭ. މިހާރު ވަރަށް ބޮޑަށް އެކަންތައް ކޮންޓްރޯލްކުރެވޭ........" އޭނަ ހިއްސާކުރިއެވެ. އާއިލާގައި އެފަދަ މީހަކު ހުރުމުން ކުރެވޭނެ ތަޖުރިބާ ދެމީހުންނަށްވެސް ކުރެވިފައިވުމުން އެ މައުޟޫއަށް ވާހަކަ ދައްކަން ފަސޭހަވާނެއެވެ.

"އެއީ ބަލިކަށިކަމެއްނޫން.. އެއީ.........މީހުންނަށް ފަރުވާދޭ މީހަކަށްވުމުގެ ކުރިން ހަމަ އިންސާނަކަށްވާތީ ކުރާ އިހުސާސް....."

"މާދަން އަހަރެން ހަނދާން ހުންނާނެކަން ނޭގޭ އަހަންނަކީ ހަމައެކަނި ހިތްވަރުގަދަ މީހެއްނޫންކަން..."

ދެމީހުންގެ ނަޒަރު ބަދަލުވިއެވެ. އިރުކޮޅަކަށް އެ ނަޒަރު ދެމިގެން ދިޔައީ ބަސްމޮށުމެއް ނެތިއެވެ. ކަމީލާ ތެދުވެ މޭޒުމަތީގައި ކުޑަ ޕާރުސަލެއް ބަހައްޓާފައި ދާން ހިނގައިގަތެވެ. "ނަރުހުންގެ ޓްރޭއިން ނެގި ކުކީސް.........އަހަރެންވެސް ޑޮކްޓަރ އަމްރާން ހާލުގައި ޖެހިފައި ހުއްޓާ އެހީތެރިކަމުގެ އަތެއް ދިއްކޮށްލިކަމަށް ވާނެ.....އެއްވެސް އެއްޗެއް ނުކައި ނުބޮއި ނުނިދާ ހުރުމަކީ މަރަށް ދައުވަތު ދިނުން..."

އޭނަ ފުރަތަމަ ފަހަރަށް ހީލިއެވެ. ކޯތާފަތަށް އަޑިކޮޅެއް އެޅުނެވެ. "ތެންކްސް.....މިއަށް އަދި ތި ލެކްޗާއަށް........"

އޭނައަކީ އާއްމުކޮށް އަންހެންކުދިންނާއި ވާހަކަދައްކާ މީހެއްނޫނެވެ. ނަމަވެސް އޭނަ ވާހަކަދެއްކީ ކަމީލާއަކީ ކޮންކުއްޖެއްކަން ރަގަޅަށް އެނގިފައި އޮތުމުންނެވެ. އުމައިމާމެންގެ ގެއަށް އަލަށް ބަދަލުވީ ކުލްސޫމްއާއި ދަރިފުޅުކަން މަންމަގެ ފަރާތުން އޮޅުންފިލާފައިވުމުން ކުރިއްސުރެ އެކުއްޖާ ދެކެލުމުގެ ޝައުގު ހިތުގައި އުފެދުނެވެ. އޭނައަށް އެނަންވެސް ރީތިވީއެވެ.

ކަމީލާއަށް ނޭގުނަސް މި ވާހަކަދެއްކެނީ އަވަށްޓެރިއަކާއެވެ. ދެމީހުންގެ މަންމަމެންނަކީ އެއްގެއެއްގައި އުޅެ ބޮޑުވި ގާތް އެކުވެރިންނެވެ. ބައެއް ފަހަރު ފުރާނަތައް ކުރިންވެސް ގުޅި އެކީ އެ އާލަމުގައި އުޅެފައި އަންނަނީކަން ނޭގެއެވެ. އޭނައާއި ކަމީލާވެސް ކުރިން ދެނެފަރިތަ ދެ ފުރާނައަށް ވެދާނެއެވެ. އެހެންނޫންނަމަ ފުރަތަމަ ފެނިލުމާއެކު އެހާ އެކުވެރިކޮށް ވާހަކަ ނުދެއްކުނީހެވެ.

އޭނައަަށް ކަމީލާ ފުރަތަމަ ފެނުނީ އޭނަ ގޭގެ ފަހަތުބައިގާ ފޯނެއްގައި ހުއްޓައެވެ. ކަމީލާއަށް އޭނަ ހުރިކަމެއް ނޭގޭނެއެވެ. ފެންސްހުރުމާއެކު ގަސްތަކުގެ ސަބަބުންނެވެ. އޭނަވެސް ކޮންމެހެން އެތަނަށް ދިޔައީ މީހަކު ފެނިދާނެކަމަކަށް ނޫނެވެ. ކަމީލާ އެދުވަހު ހުރީ ޖިންސަކާއި ޓީޝާޓެއްލައިގެން ކުރު ހިޖާބުކޮޅެއް އަޅައިގެންނެވެ. މާގަސްތަކުގައި ފިރުމަމުން ފަހަރަކު މަލެއް ނޭފަތުގައި ޖައްސަމުން ދިޔައެވެ. ފޮޓޯތައް ނެގިއެވެ. އެކުއްޖާގެ އަމަލު ހުރިގޮތުން މާތަކާއި ހެދި މޮޔަވެފައިވާ ކުއްޖެއްކަން އެނގުނެވެ. އޭނައަށްވެސް ނަޒަރު ދުރުކޮށްލަން ނޭގިފައި އިރުކޮޅެއްވާންދެން ބަލަން ހުރެވުނެވެ. ނޭވާލާންވެސް ނުކެރިފައެވެ. ސިއްރުކަމެއް ކުރަނިކޮށް ފަޅާ އަރައިފިއްޔާ ޔަގީނުންވެސް ރަކިވާނެއެވެ. ފަނަރަވަރަކަށް މިނިޓްފަހުން ކަމީލާ ދުއްވައިގަތީ އޭނަގެ މަންމަ ގޮވާއަޑު އިވިފައެވެ. މަންމަގެ ބަސްއަހާ ދަރިއެއްކަން ޔަގީނެވެ. އެންމެ ފަހަރަކު ގޮވައިލުމާއެކު އިޖާބަދިނީއެވެ. އޭނައަށް އެ ސިފަ ކަމުދިޔައެވެ.

***

އަމްރާން ގެއަށް ވަންއިރު ގޭތެރެވަނީ އަނދިރިކަމުގެ ތެރެއަށް ގެނބިފައެވެ. އެންމެން ގަދަ ނިދީގައި ކަން ނޭގެއެވެ. އޭނަ ބޫޓުވެސް ބޭލީ ފަރުވާތެރިކަމާއެކުގައެވެ. އެއްވެސް މީހެއްގެ އަރާމު ނިދިން ހޭލައްވަން އޭނަގެ ނަފުސް ދެކޮޅެވެ. މަންމަ މޭޒުމަތީގައި ނޯޓްކޮޅެއް ބާއްވާފައި އޮތްތަން ފެނުމުން ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ދުވަހުގެ ހުރިހާ ވަރުބަލިކަމެއް ފިލައިގެން ދިޔަފަދަ އިހުސާސެއް ކުރެވުނެވެ.

"ސެލެޑާއި ޗިކަންވެސް ހުންނާނެ...އަޒިއެލް އިޝާނަމާދަށް މަސްޖިދަށް ބައްޕައާއިއެކު ދިޔަ...ﷲ ތައަލާ އަކީ ރަހީމްވަންތަ ރަހުމާންވަންތަ...ލަވް މަންމަ...."އަމްރާން އެ ނޯޓްކޮޅު ނިތްކުރީގައި ޖައްސައިލަމުން މައްޗަށް ބަލައިލިއެވެ.

***

ފަހީމް ކުޑަދޮރު ކައިރީގައި އިނދެގެން ނޯޓްފޮތުގައި އެއްޗެއް ލިޔަމުންދިޔައެވެ." ބައެއްފަހަރު ޒަޚަމްތަކާއި އެކު ތިބާ ދޫކޮށްފައި ދާ މީހުންނަކީ އެހެން މީހުންގެ ޒަޚަމްތަކުގައި މަލަން އަޅަން ތިބާއަށް ދަސްކޮށްދޭ މީހުންނެވެ."

***

ކައިލާވެސް އެނދުގައި އޮށޯވެލައިގެން ފޯނުގެ ގެލެރީއަށް ބަލަން އޮތެވެ. އޭނަގެ ނަޒަރުގައި އަޅައިގަތީ ކުޑައިރުގެ ފޮޓޯއެކެވެ. އޭނައާއި އަމްރާން އަދި އަޒިއެލްއެވެ. އެހާ ސާފެއްނޫނެވެ. ނަމަވެސް ހުރިހާ ދިމާލެއްގައިވަނީ އިރުގެ އަލިކަމެވެ. އޭނަ ހިނިތުންވެލިއެވެ. އާއިލާ އެއްކޮށް އުޅުމަކީ އޭނަގެ ހުވަފެނެކެވެ. އެ ހުވަފެން ފުރިހަމަވިކަމަށްޓަކާ ﷲއަށް ހަމްދުކުރެވުނެވެ.

އޭނަ ޑޮކްޓަރ ހައިފާ ޔޫނުސްގެ ދަރުސެއް ބަލައިލިއެވެ. އެއަށްފަހު ގުރުއާން އެޕް ހުޅުވާލައިގެން މުލްކު ސޫރަތް ކިޔަވަންފެށިއެވެ. ކިޔަވަމުންގޮސް ހިތުދަސްވެފައިވާ ސޫރަތެކެވެ. މާނަ ކިޔެވުމުން ބައެއްފަހަރު ހިތަށް އަސަރުކޮށް ލޮލުން ކަރުނަ ހިލުވައިލައެވެ. ﷲގެ ވަހީބަސްފުޅުތަކުން ހިތަށް ލިބުނީ ބުނަންނޭގޭފަދަ ހިތްހަމަޖެހުމެކެވެ.

***

ކަމީލާވެސް ކުރުގެޅިލައިގެން އެނދުގައި އޮށޯވެލައިގެން އޮތްއިރު އޭނަ އަމްރާންއަށް ފޮނުވަން ލިޔުނު މެސެޖް އެތައް ފަހަރު ކިޔައިލެވުނެވެ. އެކަމަކު ފޮނުވައިލާނެ ހިތްވަރެއް ނުލިބުނެވެ."އެއްވެސް މީހަކު ފިކްސް ނުކުރިޔަސް ވެދާނެ..ބައެއްމީހުން ހަމަ ލައިކްވާނެ ހަމަ ތިހުރިގޮތަށް ހުއްޓަސް...."

އެންމެފަހުން ފޯނު ނިވާލާފައި ނިދަން މަސައްކަތްކުރިއެވެ. އަމްރާންގެ ހިނިތުންވުމާއެކު ސީރިޔަސްކަންވެސް އޭނަގެ ޚިޔާލުތަކުން ޖާގަ ހޯދިއެވެ. އެންމެފަހުން ސިކުނޑިން އެ މޫނު އެއްފަރާތްކޮށްލަން އެހެން ދިމާލަކަށް ވިސްނުން ގެންދަން މަސައްކަތްކުރިއެވެ. އޭނައާއި މަންމަ ފަރުޒާނާމެން ގެއަށް ދިޔުމުން ބައްދަލުވީ އެގޭ ދެމަފިރިންނާއެވެ. އަދި ކުދިންނާއި ދިމާވުމުގެ ނަސީބެއް ނުލިބެއެވެ. އެގެއަށް ވަނުމުން އުފާވެރި އަދި ރޫހާނީ އިހުސާސެއް ކުރެވުނެވެ. ހިތަށް ފިނިކަމެއް ލިބުނެވެ. އަމިއްލަ ތަނެއްކަމުގެ އިހުސާސްވެސް ގަދަވެގަތެވެ. ފަރުޒާނާ އޭނައާއި ވާހަކަދެއްކީ "ދަރިފުޅު" ކިޔައިގެންނެވެ. މުއްސަދިނަމަވެސް ހިތްތިރި އޯގާތެރި މީހެކެވެ.

އަމްރާންގެ އާއިލާ ކިހިނެއްވާނެހެއްޔެވެ؟ ކޮއްކޮ ނަފްސާނީ މީހަކަށް ވުމުން އާއިލާގެ އެހެން މީހުންނަށްވެސް އަސަރުތަކެއްކުރުމަކީ އެކަށީގެންވާކަމެކެވެ.

"އަމްރާން މިސްޓީރިއަސްގޮތެއް ހުރޭ އެހެންވެ ބާ އެވަރަށް އޭނަގެ ކަންތައް ހޯދަން ބޭނުންވަނީ؟ސޯޝަލް މީޑިއާއިން ފެނިދާނެތަ؟" އޭނަ ފޯނު ހުޅުވާލައިގެން ހާވަންފެށިއެވެ.

***

އިރުގެ ރަން އަލިން އެގެ ފެންވަރުލާފައިވާއިރު ގޭތެރޭގައި ދުވަނީ އެކި ސެންޓްތަކާއި ފިނިފެން އެއާފެރްޝްނާ އަދި ކުޅުދިޔާވާފަދަ މީރު ކާއެއްޗެހީގެ ވަހެވެ. ކައިލާ ހިޖާބުގައި ދަތިޖަހަން ހުއްޓާ މަންމަ ގޮވައިލި އަޑުއިވުނެވެ." ކޮންމެވެސް ކުއްޖަކު ބައްޕަގެ ކުރުތާ އިސްތިރިކޮށްދީބަލަ ނޫނީ ރިވޮއިލިޝަނަރީއެއްހެން ރޫޖައްސައިގެންވެސް ބައްޕަ މަސްޖިދަށް ދުރުވާނެ.."

"ރިވޮލިއުޝަނަރީއަކުން އިސްތިރިނުކުރާނެކަން މަންމައަށް ނޭގުނު......އެމީހުން ވިއްޔާ އިންސާނުންނަށް އެކަނި ނޫން މިނިވަންކަން ހޯދަދޭނީ. ފޭރާންތައްވެސް މިނިވަން ކުރާނެ..."

އެންމެން ހީގަތުމުން ޔޫސުފްއަށްވެސް ޖެހުނީ ހުނުމުގައި ބައިވެރިވުމަށެވެ. އަމްރާންވެސް ތައްޔާރުވުމަށްފަހު ލޯގަނޑުކައިރީ ހުއްޓުނެވެ.

"ބައެއް ދުވަހު އުފާވެސްކޮށްލަންވާނެ...ދުނިޔެއަކީ މަދު ދުވަސްކޮޅެއްގެ އުފަލެއް...."

***

ކުލްސޫމްއާއި ކަމީލާ ލަންޑަނަށް ބަދަލުވުމުގައި ފަރުޒާނާގެ އާއިލާގެ އެހީތެރިކަން ވަރަށް ބޮޑަށް ލިބުނެވެ. އެއާއެކު އެގެއާއި މުޅި ސަރަހައްދުވެސް ވީ ކުލްސޫމްއަށް ހުވަފެނީ ތަނަކަށެވެ. ހުވަފެނެއްގައިވެސް އޭނަގެ ހަޔާތުގެ ބައެއް ލަންޑަނުގައި ހޭދަކުރަން ޖެހިދާނެކަމަކަށް ނުދެކެއެވެ. ނަމަވެސް މިހިސާބަށް އައުމަކީ ހިތުގެ އަޑިން އަބަދުވެސް އެދުނުކަމެކެވެ. އޭނަގެ ހުރިހާވެސް ކަމަކީ އަންހެންދަރިފުޅެވެ. ކޮންމެ ނަމާދެއްގެ ފަހުގައި ދުޢާކުރެވުނީ އެދަރިފުޅަށްޓަކައެވެ. ދެދުނިޔޭގެ ނަސީބު މިންވަރުކުރެއްވުމަށް އެދިއެވެ. ސާލިހު ކުއްޖަކަށްވުމަށް އެދިއެވެ. އެންމެފަހުން ކަމީލާ ކިޔަވާ ނިމިގެން މަންމަގެ ހުވަފެންތައް ފުރިހަމަކޮށް ޑޮކްޓަރަކަށްވިއެވެ.އެވެސް އެންމެ މޮޅު ކުދިންގެ ތެރޭގައި ހިމެނިގެންނެވެ. އޭނަގެ އަނދިރި މާޒީއިން އަރައިގަނެވުމުގެ ސިއްރަކީ ހެއްދެވިފަރާތަށް ކުރި އިތުބާރެވެ. ދުޢާތަކެވެ. އެންމެފަހުން އޭނަ މިހިރީ ހުވަފެނީ ގެއެއްގައެވެ. ﷲ އިރާދަކުރެއްވީތީ ކުރިމގު ފެންނަނީ އުޖާލާކޮށެވެ. އެކަމާއި ފޮނިވެ ކިބުވެރިވެގެން އިޝްތިހާރުކުރުމުގެ ނިޔަތެއްނެތެވެ. ސަބަބަކީ އެސްފީނާއާއި ހަސަދައަކީވެސް އޮންނަ އެއްޗަކަށްވާތީއެވެ. ރިޒުގު ބައްސަވަނީ ހެއްދެވި ފަރާތުންނެވެ. އެކި މީހުންނަށް ދެއްވަނީ އެކިވަރަށެވެ. އެއީވެސް އިމްތިހާނެކެވެ. ޝުކުރުވެރިވާ އަޅުންނަށް ގިނައިން ދެއްވާނެކަމަށް ގުރުއާނުގައި ވޭ ނޫންހެއްޔެވެ؟

ކުލްސޫމްގެ ހިތް ވީ ޝުކުރުން ފުރިފައެވެ. އެހެންހުއްޓާ ހިތަށްނާރާފަދަ ހުށަހެޅުމެއް ލިބުނީއެވެ. ފަރުޒާނާ ބޭނުންވީ އޭނަގެ ދޮށީ ދަރިފުޅާއި ކަމީލާގެ ކައިވެނި ކުރުވުމަށެވެ. އުފަލުން ހިތްހުއްޓޭފަދަ ލަފުޒުތަކެކެވެ.

ފަރުޒާނާމެންގެ ހަވީރު ސައިބޯން ގޮސްފައި އައިގޮތަށް މަންމަގެ ތުންފަތް މަތިން ހިނިތުންވުން ނުފިލާތީ ކަމީލާ ހައިރާންވިއެވެ. މަންމައަކީ ލަވަ ކިޔާ މީހެއްނޫނޫނެވެ. ނަމަވެސް ދޭތެރެއަކުން މިއަދު މަންމައަށް މަދަހައެއް ކިޔައިލެވެއެވެ. ކުދި ކަންތައްތަކުގައި އުޅުނުއިރުވެސް މަންމަ އުފަލުން ފުރިފައި ހުންނަތަން ފެނުނެވެ. އެރޭ ދެމީހުން ކާން މޭޒުދޮށުގައި ތިބެފައި މަންމަ ފައުޅުކުރި ސިއްރަކުން ކަމީލާގެ ހިތް ނުހުއްޓުނީ ހަމަ ކިރިޔާއެވެ.

"ދަރިފުޅު....ފަރުޒާނާ އެހި ކަމީލާ ސިންގަލް ހެއްޔޭ...ދުވަހަކުވެސް މީހަކާއި ރައްޓހިނުވާ ކުއްޖެކޭ ބުނިން....މަންމައަށް ނޫނެކޭ ބުނާކަށް ނުކެރުނު...އޭނަ ބޭނުމީ އެގޭ ދޮށީ ދަރިފުޅާއި ކަމީލާގެ ކައިވެނި ހަމަޖެއްސުމަށް..."

ކަމީލާގެ އަރުތެރެ ބެދުނެވެ."މަންމާ ސޮރީ އަހަންނަށް މިވާހަކަ ނުބުނެވި އޮތީމަ..އަހަންނަށް ކަމުދާ މީހަކު ފެނިއްޖެ.....ޕްލީޒް މަންމާ ފަރުޒާނާދައްތަ ކައިރީ ބުނެފާނަންތަ އެހެން...ވަރަށް ބޮޑަށް ސޮރީ މަންމާ..."

ކުލްސޫމްގެ ތުންފަތުގައިވި ހިނިތުންވުން ގެއްލުނެވެ.

"މަންމައާއި އެކުއްޖާ ދިމާވީމަ އެނގޭނީ..މަންމަވެސް ލައިކްވާނެ.."

"ފަރްޒާނާގެ ބޯއިވެސް އެހާ ސްމާޓް..އެވަރު ނަސީބެއް މީހަކަށް ނުލިބޭނެ ދަރިފުޅު..."

"މަންމާ..އެއީ ނަސީބެއްނޫން. ﷲ ތައަލާ މިންވަރު ކުރައްވާފައިވާ ގޮތް...އެކި މީހުންނަށް އެކި ގޮތްގޮތަށް ނިއުމަތް ދެއްވާނެ...މަންމާ..ފަރްޒާނާ ދައްތަ ރިކުއެސްޓް ކުރީމަ ލަދުން ސަލާމަތްވާން މަންމަވެސް އެއްބަސްވީކަން އެނގޭ. އެއްވެސް ވަރަކަށް ޝައުގެއްނެތް ކަމެއްގެ ތެރެއަށް ވަންނަން ޑިސައިޑްކުރުން ވަރަށް އުދަގޫ...ތަންކޮޅެއްކުރިން މަންމަ އެވާހަކަ ބުނިނަމަ...."

"އެންމެ ރަގަޅު..މަންމައާއި ބައްދަލުކުރުވަން އެ ފިރިހެންކުއްޖާ ނުގެންނާނަންތަ؟"

"އަދި ތަންކޮޅެއް އަވަސް މަންމާ..."ކަމީލާ ވިސްނައިލިއެވެ. ހަގީގަތުގައި އަދި އަމްރާންގެ ހިތް އޮތްގޮތެއްވެސް ނޭގެއެވެ. އަނެއްކާ މީހެއްގެ ފިރިއެއް ހެއްޔެވެ؟ އެންމެ ރަގަޅެވެ. ޔަގީނުންވެސް އާއިލާއެއް ރޫޅައިލުމަކީ އޭނަ ކުރާނެ ކަމެއްނޫނެވެ. އަދި އަމްރާންގެ ހިތުގައި އޭނައަށް ޖާގައެއް ނެތިއްޔާ ގަދަކަމުން ހާސިލުކުރަން މަސައްކަތެއްނުކޮށް މަންމަ ދެއްކި ބައިވެރިޔަކާއި އޭނަ ގުޅިދާނެއެވެ. ނަމަވެސް އޭނަ އަމްރާންއަށް ކޮންމެވެސް ވަރަކަށް ހިތް ހުޅުވައިލާނެއެވެ.

ކުލްސޫމް ރީތިކޮށް ވާހަކަދެއްކިޔަސް މޮޅިވެރިކަން އެލޮލުން ފެނުނެވެ. އެހެންވެ ކައިގެން ނިދިއައިކަމުގެ ބަހަނާ ދައްކާފައި އަވަހަށް ކޮޓަރިއަށް ވަނީއެވެ. ކަމީލާވެސް ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ.

ކަމީލާއަށް މިވީގޮތުން އަވަށްޓެރިޔާގެ ގެއަށް ޒިޔާރަތްކުރުން ނިމުމަކަށް އައީއެވެ.

އޭނަ ދެކޮޅުހެދިކަން އެނގުމުން އެމީހުން ހިތްހަމަނުޖެހިދާނެއެވެ.

ނުނިމޭ

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު