ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުވެ، އިސްލާމީ ސަގާފަތް ދިރުވަންޖެހޭ: ޚުތުބާ

ބަޔަކު މިސްކިތަށް އަރަނީ: ޚުތުބާގައި ގޮވާލީ ދީނީ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިއާރުތައް އާލާކުރަން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ދީނާ ބީރައްޓެހި ސަގާފަތްތަކާ ދުރުހެލިވެ، އިސްލާމީ ޝިއާރުތަކާއި ސަގާފަތްތައް ދިރުވަން އާލާކުރުމަށް މިއަދުގެ ހުކުރު ޚުތުބާގައި ޚުތުބާގައި ގޮވާލައިފިއެވެ.

މިއަދުގެ ހުކުރު ޚުތުބާގައި އަލިއަޅުވާލީ، ރަނގަޅު މުޖުތަމައެއް ބިނާކުރުމުގެ މައްޗަށެވެ.

ޚުތުބާގައި ބުނީ، އިންސާނާ ދުނިޔޭގައި ލެއްވީ އެއްވެސް މަގުސަދެއް ނެތި، ބޭކަރު ގޮތެއްގައެއް ނޫން ކަމަށާއި ކޮންމެ ހާލަތެއްގައި ވެސް އިންސާނާއަށް އެންމެ މަސްލަހަތު ހުރި ގޮތް ދެނެވޮޑިގެންވަނީ މާތްﷲ ކަމަށެވެ. އެގޮތުން، އިންސާނާގެ ހަޔާތް ބައްޓަންކުރަނީ ހެޔޮ މަގު ދެއްކެވުމަށް ނަބީބޭކަލުން ފޮނުއްވި ކަމަށާއި މި އުންމަތުގެ ނަބިއްޔާ ފޮނުއްވީ ޤިޔާމަތަށް ދާންދެން އޮންނަ ފުރިހަމަ ޝަރީއަތަކާ އެކީގައިކަން ޚުތުބާގައި ފާހަގަކުރިއެވެ.

ބަޔަކު ނަމާދު ކުރަނީ: މިއަދުގެ ހުކުރު ޚުތުބާގައި ވަނީ، ދީނާ ދުރު ސަގާފަތްތަކާ ދުރުވާން ނަސޭހަތްތެރިވެފައި -- ސަން ފޮޓޯ/ މުހައްމަދު މާވީ

މިހާރު ހާލަތު ބަޔާންކޮށް ޚުތުބާގައި ވަނީ މިއަދުގެ ޒުވާނުންގެ ތެރޭގައި އިސްލާމް ދީނާ ދުރު ސަގާފަތްތަކާއި ފެތުރުމަށް މަސައްކަތް ކުރާ ކަމަށާއި އައުރަ ނިވާނުކޮށް ހެދުން އެޅުން ދެޖިންސުގެ ޒުވާނުންގެ މެދުގައި އާންމު ވަމުންދާ ކަމަށެވެ.

އެކަންކަމަކީ، ﷲ ލައުނަތް ލައްވާފައިވާ ކަންކަން ހަނދާންކޮށްދީ، ޚުތުބާއި ވަނީ މުޖުތަމައުގައި ފެތުރޭ ދީނާ ދުރު ކަންކަމާ މެދު ހޭލުންތެރިވުމަށް ނަސޭހަތްތެރިވެފައެވެ.

"ދީނާ ބީރައްޓެހި ސަގާފަތްތަކުން ދުރުހެލިވެ، އިސްލާމީ ޝިޢާރުތަކާއި ސަގާފަތްތައް ދިރުވައި އާލާކުރާން ވެއްޖެއެވެ. މުޖުތަމަޢުގެ އެންމެހައި އަފުރާދުންނަކީ ހެޔޮ ކަންކަމަށް އަމުރުކުރާ ނުބައި ކަންކަން މަނާކުރާ ބަޔަކަށް ވާން ވެއްޖެއެވެ. ދެ ދުނިޔޭގެ ހަގީގީ ބާއްޖަވެރިކަމާއި އަމާންކަން ލިބޭނޭ ހަމައެކަނި މަގަކީ އިސްލާމް ދީނުގައި ސާބިތުވެ، އިސްލާމީ ޝަރީޢަތަށް ޢަމަލުކުރުމެވެ" ޚުތުބާގައި ބުންޏެވެ.

ބަޔަކު ނަމާދުކޮށްގެން މިސްކިތުން ފައިބައިގެން ދަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެއާއެކު، މިއަދުގެ އިސްލާމީ އުންމަތަށް ހުޅުވާލެވިފައިވާ އެންމެ ފަހި ފުރުސަތެއް ކަަމަށް ޚުތުބާގައި ފާހަގަކުރީ، ޒުވާނުން އިސްލާމް ދީނާއި އިސްލާމީ ޝަރީއަތާ ގާތްކުރުމަށް ހުޅުވިފައިވާ ފުރުސަތެވެ. އިސްލާމީ ޝަރީޢަތުގެ ރިވެތިކަމުން ބީރައްޓެހިވުމުގެ ސަބަބުން، ޢަޤީދާއާއި އީމާންތެރިކަމުގެ ހަޤީޤީ ރޫޙާ ދުރު މަގުތަކަށް ބައެއް ޒުވާނުން ކަސިޔާރުވާ ކަމަށް ޚުތުބާގައި ބުންޏެވެ.

އެހެންވެ، އެކަމާ މާޔޫސްވުމުގެ ބަދަލުގައި، ރީތިކޮށް ނަސޭހަތްތެރިވެ، ޙިކުމަތާއި އޯގާތެރިކަމާ އެކު، އެ ޒުވާނުންނަށް ހެޔޮމަގު ދައްކައިދޭން ޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އެއީ، އުންމަތަށްޓަކައި ފަރުދީ ގޮތުން ކޮންމެ މުސްލިމަކު އަދާކޮށްދޭން ޖެހޭ ވާޖިބެއްކަން ޚުތުބާގައި ހަނދާންކޮށްދިނެވެ.

"ޝައްކެއްނެތެވެ. ދުނިޔެއާއި އާޚިރަތުގައި ބާއްޖަވެރިކަން ހުރީ، އިސްލާމީ ޝަރީޢަތާ އެއްގޮތަށް ދިރިއުޅުމުގެ ހުރިހާ ކަމެއް ބައްޓަންކޮށްގެންނެވެ. އިސްލާމް ދީނުގެ ޢަދުއްވުން ޒަމާނީ އެކިއެކި ވަސީލަތްތަކުގެ އެހީގައި، މުސްލިމުންނާއި، އިސްލާމްދީނާ މެދު ދޮގުތައް ފަތުރައި ޝައްކުތައް އުފައްދައެވެ. ހިތާމައަކީ މި ކަމުގެ ވިހަ އަސަރު އަހަރެމެންގެ ތަޢުލީމާއި ތަރުބިޔަތަށް ވެސް ފޯރާކަމެވެ" ޚުތުބާގައި ބުންޏެވެ.

އިސްލާމީ މަރުކަޒުގައި ބަޔަކު ޚުތުބާ އަޑުއަހަން މަޑުކޮށްލައިގެން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ހަމައެހެންމެ، އުންމަތުގެ މުސްތަގުބަލު އުޖާލާވާނީ އިސްލާމީ ނިޒާމާ އެއްގޮތަށް މުޖުތަމައުގެ ހުރިހާ އެންމެން ބައްޓަން ވެގެންކަމާއި ޅަފަތުގައި އިސްލާމް ދީނުގެ މަތިވެރި ޝިއާރުތަކާއި ޝަރީއަތައް އެ ކުދިންގެ ހިތްތަކުގައި ބިންވަޅު ނަގައިދިނުމަށް ޚުތުބާގައި ގޮވާލިއެވެ.

މިއަދުގެ މުޖުމަތައުއަށް އަލިއަޅުވާލައި ޚުތުބާގައި ބުނީ، އިސްލާމީ ޝަރީއަތޭ ބުނުމުން މިހާރު ގިނަ ބަޔަކަށް ވިސްނެނީ އެއީ ޒިނޭ ކުރާ މީހާ ރަޖަމުކުރުމާއި މީހެއްގެ ލޭ އޮހޮރުވައިލައިފި އެ މީހާގެ ކިބައިން ޤިޞާޞްހިފުން ކަމަށެވެ.

އެކަމަކު، ޙަޤީޤަތަކީ، އިސްލާމީ ޝަރީޢަތުގެ ބިންގަލުގެ މަތީގައި މުޖުތަމަޢެއް ބިނާވުމުން މިނިވަންކަމާއި އަމާންކަމާއި ތަރައްޤީއާއި ކުރިއެރުން އެތަނަކަށް ލިބުން ކަމަށް ޚުތުބާގައި ބުންޏެވެ.

މުސްލިމުން ބައިބައިވެ، ދުޝްމިނުންގެ ނިކަމެތި ވަނީ އިސްލާމީ ޝަރީއަތްތަކާ ބީރައްޓެހި ވުމުގެ ސަބަބުން ކަމަށާއި އުންމަރުގެ އިއްތަޒާއި ގަދަރު އަނބުރާ ލިބޭނީ ﷲގެ މަގަށް މީސްތަކުން އެނބުރިގެން ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

comment ކޮމެންޓް