ދައުލަތުގެ ފައިސާއަށް ހިޔާނާތްވިކަމުގެ ކުށުގެ ތުހުމަތުގައި, ލަންކާގެ ކުރޫގެ ރައީސް ރަނިލް ވިކްރަމަސިންހަ މިއަދު ހައްޔަރުކޮށްފިއެވެ.
ލަންކާގެ ނޫސްތައް ބުނާގޮތުން މިއަދު މެންދުރު, އެ ގައުމުގެ ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓް (ސީއައިޑީ)ގެ ބެލުމުގެ ދަށަށް ރަނިލް ވަނީ ގެންގޮސްފައެވެ.
އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު, 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި ކަމަށެވެ. އެ ގޮތުން 56000 އެމެރިކާ ޑޮލަރު ބޭނުން ކުރެއްވި ކަމަށް ތުހުމަތު ކުރެވެއެވެ.
ރަނިލް މިއަދު ހެނދުނު ވަނީ, މި މައްސަލައާ ގުޅިގެން ބަޔާން ދެއްވުމަށް, ފައިނޭޝިއަލް ކްރައިމްސް އިންވެސްޓިގޭޝަން ޑިވިޝަން (އެފްސީއައިޑީ) އަށް ވެސް ވަޑައިގެންފައެވެ.

ރަނިލް ވިކްރަމަސިންހަ ރައީސް ކަމުގެ ހުވާ ކުރައްވަނީ -- ފޮޓޯ: ލަންކާ ރައީސް އޮފީސް
ލަންކާގެ ނޫސްތައް ބުނާގޮތުގައި 2023 ވަނަ އަހަރު ކިއުބާގެ, ހަވާނާގައި ބޭއްވި, ޖީ77 ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފަހު އެނބުރި ލަންކާއަށް ވަޑައިގަތުމުގެ ކުރިން ރަނިލް ލަންޑަނުގައި މަޑުކުރެއްވެވިއެވެ. މި މަޑުކުރެއްވުމުގައި ރަނިލް އާއި އަނބިކަނބަލުން ވަނީ އިނގިރޭސި ވިލާތުގެ ޔުނިވާސިޓީއެއްގައި ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެވަޑައިގެންފައެވެ.
މި ތުހުމަތު ކުރެވުމުން ރަނިލް ކުރިން ވަނީ, އަނބިކަނބަލުން އަމިއްލަފުޅަށް އެ ދަތުރުފުޅުގެ ޚަރަދުތައް ދައްކަވާފައިވާ ކަމަށާއި، އެ ދަތުރުފުޅުގައި ދައުލަތުގެ އެއްވެސް ފައިސާއެއް ބޭނުންކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ.
ނަމަވެސް, ސީއައިޑީއިން ބުނެފައި ވަނީ މި ދަތުރުފުޅުގައި ރަނިލް ދައުލަތުގެ ފައިސާ ބޭނުންކުރެއްވީ މައިގަނޑު ގޮތެއްގައި އަމިއްލަފުޅު ބޭނުމަށް ކަމަށާއި އޭގެ ތެރޭގައި ބޮޑީގާޑުންގެ ޚަރަދުތައް ކުރުމަށް ސަރުކާރުގެ ފައިސާ ބޭނުންކުރުން ހިމެނޭ ކަމަށެވެ.
ރަނިލް އެންމެ ފަހުން ލަންކާގެ ރައީސް ކަމުގެ މަގާމާ ހަވާލުވެވަޑައިގެންނެވީ, 2022 ވަނަ އަހަރު, އޭރު އެ ގައުމުގެ ރައީސަކަށް ހުންނެވި ގޮތަބަޔަ ރާޖަޕަކްސަގެ ވެރިކަމުގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން މުޒާހަރާތައް ހޫނުވެ, އެ ސަރުކާރަށް ޕްރެޝަރު ބޮޑުވުމުން, ގޮތަބަޔަ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
އޭރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި, ރަނިލް އަކީ, 2022 ވަނަ އަހަރު, އެ ގައުމުގެ ތާރީހުގައި ކުރިމަތިވި އެންމެ ނުރައްކާތެރި މާލީ ކާރިސާއިން އެ ގައުމު ހަމައަކަށް އަޅުވައިދިން ކަމުގެ ކްރެޑިޓް ލިބޭ ރައީސެކެވެ.
ރަނިލް ވަނީ މިދިޔަ އަހަރު އެ ގައުމުގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވެސް ވާދަ ކުރައްވައިފައެވެ. ނަމަވެސް އޭނާއަށް ކުރިމަތިވެވަޑައިގެންނެވީ ނާކާމިޔާބީއާއެވެ.
އެ އިންތިޚާބު ކާމިޔާބު ކުރައްވައި މިހާރު ލަންކާގެ ރައީސްއަކަށް ހުންނެވީ, ވަރަށް ކުޑަ ޕާޓީއަކުން އިންތިޚާބުގައި ވާދަ ކުރެއްވި, އަދި ވަރަށް އާދައިގެ އާއިލާއެއްގެ ބޭފުޅެއް ކަމަށްވާ, އަނޫރާ ކުމާރާ ޑިސާނާޔަކޭއެވެ. އޭނާއަކީ ފަގީރުކަން ކުޑަކުރުމަށާއި ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރައްވާ ބޭފުޅެކެވެ.