ރަސްމާލެއާއި ހުޅުމާލޭގެ ތިން ފިޔަވަހި ހިމެނޭހެން ހަތަރު ތަނެއްގެ ބިން ހިއްކުން އަވަސްކުރުމަށް ޓަކައި ތިން ޑްރެޖަރެއް ބޭނުންކުރަން ފަށާނެ ކަން އެޗްޑީސީން ހާމަކޮށްފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު ބުނީ، ރަސްމާލެއާއި ގުޅީފަޅާއި އުތުރުތިލަފަޅާއި ހުޅުމާލޭގެ ތިން ފިޔަވަހި ހިއްކުމަށް ޓަކައި އަންނަ އޮކްޓޯބަރު މަހު 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުންކުރަން ފަށާނެ ކަމަށެވެ.
އަދި ބިން ހިއްކުމުގެ މަސައްކަތްތައް ހުއްޓުމެއް ނެތި ހަލުވިކަމާއެކު ކުރިއަށް ގެންދިއުމަށް ޓަކައި، މިހާރު ދިމާވެފައިވާ ދަތިތަކާއި ދިމާވެދާނެ ދަތިތައް ދެނެގަނެ އެ ކަންކަން ހައްލުކުރުމަށް ޓަކައި ކަމާގުޅުން ހުރި ފަރާތްތަކާ އެކު މަސައްކަތްކުރަމުންދާ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.
އެޗްޑީސީން މިކަން އިއުލާނު ކުރިއިރު، ރަސްމާލެ މަޝްރޫއު ކުރިއަށްދާ ގޮތް ސާފުކުރުމަށް އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕްގެ ބައެއް މެންބަރުން މިދިޔަ އާދީއްތަ ދުވަހު އެ ތަނަށް ވަޑައިގެން، ނޫސްވެރިންނާ ވާހަކަދައްކައިފައި ވެއެވެ.
އެގޮތުން އެ ޕާޓީގެ ޑެޕިއުޓީ ޕީޖީ ލީޑަރު އަދި ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު ވިދާޅުވިގޮތުގައި، އަވަސް މަސައްކަތެއް ކޮށްގެން ނޫނީ ރަސްމާލޭގައި މީހުންނަށް ދިރިއުޅެވޭ ވަރު ނުވާނެއެވެ. އަދި މިހާރު އެ މަސައްކަތް މިހާރު ހިނގާ ދުވެލީގައި ދާ ނަމަ ވެރިކަމުގެ ދެ ދައުރުގެ ތެރޭ ވެސް ރަސްމާލެ ހިއްކައި ނުނިމޭނެކަން ފާހަގަކުރައްވައި އޭނާ ފާޑު ވިދާޅުވިއެވެ.
އެއާއެކު އެއާ ޖެހިގެން އައި ހޯމަ ދުވަހުގެ ހެނދުނު ސަރުކާރުގެ އެކްޓިވިސްޓުންތަކެއް ވަނީ ރަސްމާލެ މަޝްރޫއު ބަލަން ފުށިދިއްގަރުފަޅަށް ގޮސް، އެ ތަނުގެ މަސައްކަތް ގޮސްފައި އޮތް މިންވަރުގެ އެކި ވީޑިއޯތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.
މި މަސައްކަތުގެ އެއްވެސް އަދާހަމައެއް ރަސްމީކޮށް، ސަރުކާރުން އަދި ހާމައެއް ނުކުރެެއެވެ.
ނަމަވެސް އެ މަޝްރޫއުގެ އިންޖިނިއަރިން މަސައްކަތްކުރާ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ އިސް މަގާމެއްގައި އަދާކުރާ މަލްޝާ ޝަރީފް ވީޑިއޯއެއް އާންމުކުރައްވައި "އެކްސް"ގައި ލިޔުއްވާފައިވާ ގޮތުގައި ރަސްމާލޭގެ ޖުމްލަ 1009 ހެކްޓަރުގެ ތެރެއިން 129 ހެކްޓަރު ހިއްކައި ވަނީ ނިމިފައެވެ. އެއީ މަޝްރޫއުގެ 12.8 ޕަސެންޓެވެ.
ރަސްމާލެ ހިއްކަން ފެށީ 2023ވަނަ އަހަރުގެ ޑިސެމްބަރު 18ގައި އަށް މަސް ދުވަހުގެ ތެރޭގައި ނިންމައިލާށެވެ. ނަމަވެސް މުއްދަތު ފަހަނަ އަޅައި ދިޔައިރު ނިމުނީ މަސައްކަތުގެ ވަރަށް ކުޑަ މިންވަރެކެވެ.
އެ މަޝްރޫއަށް ފުރަތަމަ އެއްބަސްވުމެއް ހެދީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން (ސީއެމްސީސީސީ)އާ އެކުގައެވެ. އެކަމަކު، ސަރުކާރުން ވަނީ، ކޮންޓްރެކްޓަރަށް ބިންތަކެއް ނުދީ މަޝްރޫއު ގެންދަން ބޭނުންވާ ކަމަށް ބުނެ އެ އެއްބަސްވުން ބާތިލުކޮށްފައެވެ.
އެކި ސަބަބުތަކާ ހެދި، ރަސްމާލެ ހިއްކުން އެކި ފަހަރު މަތިން ހުއްޓިފައި ވެސް ވެއެވެ.
ރަސްމާލެ މަޝްރޫއަކީ ރާއްޖެއަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލު ގެނައުމުގެ ގޮތުން ރައީސް ޑރ. މުޙައްމަދު މުއިއްޒު ފެއްޓެވި، އެ މަނިކުފާނުގެ އެންމެ ބޮޑު މަޝްރޫއެވެ. ތިމާވެއްޓާ ރައްޓެހި އީކޯ ސިޓީއެއްގެ ގޮތުގައި މި ތަން ތަރައްގީކުރާއިރު، މި ތަނުގައި 11،000 އެއްހައި ސޯޝަަލް ހައުސިން ތަރައްގީކުރަން ރައީސް ވަނީ ނިންމަވައިފައެވެ.