މަހެއް ވިއިރު، މިދިޔަ އެމްޑީޕީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ބިނާކުރި 4،000 ފްލެޓު ލިބިފައިވާ މީހުންގެ ތެރެއިން 1،826 މީހުންނާއެކު ފްލެޓު އެއްބަސްވުމުގައި ސޮއިކޮށްފައިވާކަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އިން ހާމަކޮށްފިއެވެ.
އެ ކޯޕަރޭޝަނުން މިއަދު އާންމުކުރި ތަފާސްހިސާބުގައިވާ ގޮތުން، މިހާތަނަށް 2،774 ފްލެޓު އެއްބަސްވުމެއްގައި ސޮއިކުރަން ތާވަލުކޮށް، އޭގެ ތެރެއިން 1،826 އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ. އެއީ މިހާތަނަށް ސޮއިކުރަން ތާވަލުކުރި އެއްބަސްވުންތަކުގެ 65.8 ޕަސެންޓެވެ. އަދި 4،000 ފްލެޓުގެ ތެރެއިން 45.7 ޕަސެންޓެވެ.
މި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ މިދިޔަ މަހުގެ 21 ވަނަ ދުވަހުގައެވެ.
އެ އެއްބަސްވުންތަކުގައި ސޮއިކުރުން ކުރިއަށް ދަނީ، ސޮއިކުރުމަށް ހަމަޖެހިފައިވާ ދުވަސްތަކުގެ ހެނދުނު 9:00އިން ފެށިގެން ހަވީރު 4:00 އާއި ދެމެދު، ހުޅުމާލޭ ސިންތެޓިކް ޓްރެކްގެ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައެވެ.
އެ މަސައްކަތް ކުރިއަށްދާ ގޮތަކީ، ފްލެޓް ލިބޭ މީހުންގެ މައުލޫމާތު ހައުސިން މިނިސްޓްރީން އެފްޑީސީއަށް ދެނީއެވެ. އަދި އެ މައުލޫމާތު ދިން ކަމުގެ މެސެޖެއް އެ މީހެއްގެ ގެދޮރުވެރިންގެ ޕޯޓަލްއަށް ފޮނުވައެވެ.
އެފްޑީސީން ބުނީ ފްލެޓް ލިބޭ މީހުންނަށް، އެއްބަސްވުމުގައި ސޮއިކުރުމަށް ދާން ޖެހޭ ދުވަހާއި ގަޑި އެފްޑީސީގެ "ފަހި ޕޯޓަލް" މެދުވެރިކޮށް ޝެޑިއުލްކޮށް، އެ މީހަކަށް އަންގާނެ ކަމަށެވެ.
އެ ކޯޕަރޭޝަނުން ބުނީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ ފްލެޓުތަކުގެ މަސައްކަތް ނިމި ހަވާލުކުރުމަށް ތައްޔާރު ކޮށްފައިވާ ޓަވަރުތަކަށް އިސްކަންދީގެން ކަމަށެވެ. އަދި ފުލެޓްތައް ހަވާލުކުރާނީ ފިނިޝިން މަސައްކަތްތައް ނިންމާފައި ކަމަށާއި އެގޮތުން، ފަންކާއާއި ކުޑަދޮރާއި ދޮރު ހަރުކޮށް، ޓައިލްސް ޖަހައި ކުލަލައި، ފާޚާނާ ތަށްޓާއި މޫނު ދޮންނަ ތަށިވެސް ހަރުކޮށްފައި ހުންނާނެ ކަމަށް ވެސް ބުންޏެވެ.
މިދިޔަ ޖޫން މަހުގެ 29ވަނަ ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހައުސިން މިނިސްޓަރު އަަބްދުﷲ މުއްތަލިބު ވިދާޅުވީ، 4،000 ފުލެޓުގެ ތެރެއިން މިހާތަނަށް އަމަލީ މަސައްކަތް ނިމިފައިވަނީ 1،000 ފުލެޓުގައި ކަމަށާއި، އަމާޒަކީ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ހުރިހާ ފުލެޓެއްގެ މަސައްކަތް ނިންމުން ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ޝަރުތު ހަމަވެގެން ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓެއް ލިބިފައި ވަނިކޮށް, ޝަރުތު ހަމަނުވާ ކަމަށް ބުނެ މި ސަރުކާރުން އެ ފްލެޓު ނުދޭން ނިންމައި, އެހެން މީހަކަށް އެތަން ދޭން ނިންމުމުން, އެކަން ހުއްޓުވައިދިނުމުގެ ވަގުތީ އަމުރަކަށް ސިވިލް ކޯޓުގައި މިދިޔަ ހޯމަ ދުވަހު އަމިއްލަ ފަރާތަކުން ވަނީ އެދިފައެވެ.