މިތުރާ ގަޔާވެލީ... 33

ރޫބީ ދައުވަތު ކާޑު ދިއްކޮށްލުމުން، ނިޝްރީން ހުރީ ފުސްމޫނު ހަދައިގެންނެވެ. އޭގައި ނުހިފާ، ނިޝްރީން ހިނގައިގަތީ އިކާންގެ ކެބިންއާއި ދިމާއަށެވެ. ރޫބީއާއި އަނގައިން ނުބުނާ ތަނުގައި ރޫބީ ހުންނަ ތަނެއްގައިވެސް ނިޝްރީން މަޑުކޮށްނުލައެވެ. އޭނާ ދެއްކި ވާހަކަތަކަށް އިކާން ބީރު ކަންފަތެއް ދީފާނެކަމަށް ނިޝްރީން ކުޑަކޮށްވެސް ހިއެއް ނުކުރެއެވެ. އަމުދުން ރޫބީއާއި ކައިވެނިކުރާތީ، ނިޝްރީންގެ ހިތުގައިވި ހަސަދައިގެ އަލިފާންގަނޑު ފަޅައިގެން ދިޔައެވެ. ރޫބީއަކީ އެ އޮފީހަށް މާ ފަހުން އައި މީހެކެވެ. އިކާނާއި ކައިވެނި ކުރުމުން، ރޫބީ އެ އެންމެންގެ މައްޗަށް އިސްވާނެއެވެ. އެ ފުރުސަތު ނުދޭން ކުރެވެން ހުރި ކަމެއް ކުރަން ނިޝްރީން ނިންމިއެވެ.

********

ނިޝްރީން ޓަކި ޖަހައިލުމުން، އެތެރެއަށް ވަނުމުގެ ހުއްދަ ލިބުނެވެ. އިކާން އިނީ ފޯނަށް ނަޒަރު ހުއްޓާލައިގެންނެވެ. އެހެން ދުވަސް ދުވަހަށްވުރެ އިކާންގެ މޫޑު ރަނގަޅުކަން ނިޝްރީނަށް އެނގުނެވެ.

"ޕާސަނަލް ވާހަކައެއް ދައްކާލަން މިއައީ.." ނިޝްރީން ބުނެލިއެވެ.

"އިށީނދޭ!" އިކާން އިޝާރާތްކުރީ ކުރިމަތީގައި ހުރި ގޮނޑިއަށެވެ. "ގުޅާލަން އުޅެނިކޮށް ތިއައީ..."

އިކާން ކުދި ސިޓީއުރަތަކެއް ނަގާފައި ނިޝްރީންގެ ކުރިމަތީގައި ބެހެއްޓިއެވެ.

"ތީ އަހަރެންގެ ކައިވެނީގެ ހަފުލާގެ ކާޑުތައް..." ކާޑުތަކަށް އިޝާރާތްކުރަމުން އިކާން ބުނެލިއެވެ. "މި ސެކްޝަން ހުރިހާ ކުދިންނަށް ބަހާލާ.."

ކާޑުތަކަށް ބަލަން ނިޝްރީން އިރުކޮޅަކު އިނެވެ. އިކާން ކަންތައް ކުރިގޮތުން ހީވީ، ނިޝްރީން އައި ބޭނުން އެނގި، ނިޝްރީންގެ އަނގަ ބަންދުކޮށްލަން ވާހަކަ ދެއްކި ހެންނެވެ. އެ ކާޑުތައް ބެހުން އެއީ ނިޝްރީނަށް ފަސޭހަ ކަމެއް ނޫނެވެ. ސީދާ ދިމާއަށް ނުބުނެ އިކާން ދުރުދުރުން އޭނާގެ ނިންމުން ނިޝްރީނަށް އިއްވައިފިއެވެ. އެވަރުންވެސް ދޫކުރާކަށް ނިޝްރީން ބޭނުމެއް ނުވިއެވެ.

"ރޫބީ އުޅެނީ އިކާންދެކެ ލޯބިން ނޫންކަން އެނގިލައްވާއިރު، ކީއްވެތޯ ކައިވެންޏަކާ ހަމައަށް ތި ދިޔައީ؟... އަޅުގަނޑު އެހުރިހާ އެއްޗެއް ދެއްކީމަވެސް ގަބޫލުނުކުރެވުނުތޯ؟...." ނިޝްރީން ޝަކުވާކުރިއެވެ.

"ރެސްޕެކްޓް ހާރ..." އިކާން ހިތްހަމަނުޖެހުނެވެ. "ނިޝްރީން އަތުގަ އޮތް ވީޑިޔޯ ފޮހެލާ!..."

"އޭނ؟" ނިޝްރީނަށް ލިބުނީ ހައިރާންކަމެވެ.

"ރޫބީއަކީ އަހަރެންގެ ވާންއުޅޭ އަނބިމީހާ... މިތަނުގެ ވެރިމީހާގެ އަނތްބަކަށް އިހުތިރާމު ކުރުމަކީ ތަނުގެ މުވައްޒަފުން ކުރަންޖެހޭނެ ކަމެއް... އެއްވެސް މީހަކު ރޫބީ ދައްކޮށްލާ ގޮތަށް ވާހަކަ ދައްކާ އަޑު އަހަން އަހަންނަށް ވަރަށް އުނދަގޫވާނެ... މިއަދުގެ ފަހުން ނިޝްރީންވެސް ރޫބީގެ އެއްވެސް ގޯސް ވާހަކައެއް ދައްކަން އަހަރެން ކައިރިއަށް ނާންނާތި!" އިކާން އަމުރުކުރިއެވެ.

ނިޝްރީންގެ ދެލޯ ފެންކަޅިވިއެވެ. ރޫބީއަށްޓަކައި އިކާން ކޮންމެފަދަ ކަމެއްވެސް ކޮށްފާނެކަން އެނގުމުން، ނިޝްރީން މުޅީން މާޔޫސްވިއެވެ.

އިކާންމެންގެ ހަރަކާތްތަކަށް ބަލަން ހުރި ވިރުދާ ރޫބީގެ ގައިގައި ކޮއްޓައިލިއެވެ.

"ނިޝްރީން ކޮންމެސް ނުބައެއް އެބަ ހަދާ..." އިކާންމެން ދައްކައިލަމުން ވިރުދާ ބުންޏެވެ.

ރޫބީ ބަލައިލިއިރު، ނިޝްރީން އިކާންގެ ކެބިންއިން ނުކުންނަނީއެވެ. ރޫބީއަށް ކަޅި އަޅައިލާފައި ނިޝްރީން ގޮސް ވަނީ ލިފްޓަށެވެ.

"ކޮންމެސް ކަންތައްގަނޑެއް ހިނގައިފި..." ވިރުދާ ހުރީ ޝައުގުވެރިވެފައެވެ.

********

"ޕާޓީ އޮތީ ކޮންތާކުހޭ؟.." މުޅި ތަނުގައި ހަރުލައިގެން ދިޔައީ، ނައީމުގެ ހަރުކަށި އަޑެވެ.

އޮފީސްތެރޭގައި ދެކޮޅަށް ހިނގަހިނގައި ހުރި ނައީމުގެ ދެފައި އެއްތާކު ނުޖެހެއެވެ. ހާސްވެގެން ނިތްކުރިމަތިން ދާހިއްލާލާފައިވާއިރު، ނައީމުގެ ހިތް ވަނީ އަވަސްވެފައެވެ. ނައީމާއިއެކު މަސައްކަތް ކުރަމުންދިޔަ މީހާވެސް ހުރީ ކޮޅަށެވެ. އޭނާގެ މޫނުން ފެންނަމުން ދިޔައީ ގޮތް ހުސްވެފައިވާކަމުގެ އަސަރުތަކެވެ. ކޮންމެ ޖުމުލައަކާއިއެކު ނައީމުގެ ރުޅި ގަދަވުން ނޫންކަމެއް ނުވާނެކަން އެމީހަކަށް އެނގެއެވެ.

"ތޯހާ ކައިރީ މި އަހަނީ ކޮންތާކުހޭ އެމީހުންގެ ކައިވެނި ޕާޓީ އޮތީ..." ނައީމު ތަންކޮޅެއް ބާރަށް ބުނެލިއެވެ.

"ލަކްސް ހޮޓެލްގެ ޓެރެސްގަ..." ތޯހާ އަވަސް އަވަހަށް ޖަވާބު ދިނެވެ.

"ދެން ދިޔަސް އެންމެ ރަނގަޅު..." ނައީމު ބުނެލިއެވެ.

"ކިހިނެއްތޯ ހަދަންވީ ރޫބީއަށް؟" ތޯހާ ސުވާލުކުރިއެވެ.

"ކަލޭމެންނަށް ހަވާލުކުރާ ޓާސްކެއް އެބަ ފުރިހަމަވޭތަ؟... ރޫބީ ހުރި ތަނެއް މީން ދުވަހަކުވެސް ހޯދުނީކީއެއް ނޫން..." ނައީމު ހަޅޭއްލަވައިގަތެވެ.

"އަޅުގަނޑު..." ތޯހާ އެއްޗެއް ބުނަން އުޅުނެވެ.

"ކޮން އަޅުގަނޑެއް މަޅުގަނޑެއް... ހަމަ މިހާރު މިތަނުން ނުކުމޭ..." ނައީމު އަމުރުކުރިއެވެ.

ތޯހާ ފަސްފަހަތަށް ދަމުން ގޮސް ކެބިންއިން ނުކުތް ތަން ފެނުމުން، ނައީމު ކޮންމެވެސް މީހަކަށް ގުޅިއެވެ.

"ލަކްސް ހޮޓެލް..." ފޯނު ނެގި އަޑު އިވުމުން ނައީމު ބުނެލިއެވެ. "އެއްހާސް މީހުން ފޮނުވައިގެންވެސް ވަރިހަމަ، ކައިވެނީގެ ކުރިން އޭނަ ކިޑްނެޕްކޮށްގެން އަހަރެންގެ ކުރިމައްޗަށް ގެނެސްދީ..."

"އަދި އެއް ކަންތައް..." ފޯނު ކަނޑައިލަން އުޅެފައި ނައީމު ބުނެލިއެވެ. "މިވަގުތުން ފެށިގެންވެސް، އިކާންގެ ޑްރައިވަރު ފޮލޯކުރޭ! އަހަރެންގެ ހިތް ބުނެފި ޕްލޭން ވޯކްކޮށްފާނެއޭ... ރޫބީގެ ލޮކޭޝަން އެނގިއްޖެއްޔާ ކުރަން މިއުޅޭ ކަންތައް އިތުރަށް ފަސޭހަވާނެ..."

ފޯނު ކަނޑައިލިއިރު ނައީމުގެ ތުންފަތުގައިވީ މާނަފުން ހިނިތުންވުމެކެވެ. ކުރަންއުޅޭ ކަންތައް ކާމިޔާބުވާނެކަމުގެ ފުރިހަމަ ޔަގީންކަން ނައީމަށް އޮތެވެ.

*********

"މިއަދު އެކަނި ގެއަށް ދާ ދުވަހެއްތަ؟..." ގަރާޖުން ސައިކަލު ނެރެގެން އައި ވިރުދާއަށް ފެނުނީ ރޫބީ އެކަނި ދޮރު ކައިރީގައި ހުއްޓައެވެ.

ރޫބީ އިޝާރާތްކުރީ، ވިރުދާގެ ފަހަތުން އައި ކާރަށެވެ. ކާރު ދުއްވަން އިނީ އިކާނެވެ. ވިރުދާ ދެލޯ ބޮޑުކޮށްލަމުން އަވަހަށް ސައިކަލު އެއްފަރާތަކަށް ޖައްސައިލިއެވެ. ރޫބީ ކާރަށް އަރަންދެންވެސް ވިރުދާ ބަލަން އިނެވެ. ކާރު ގޮސް ލޯމަތިން އޮބާލުމުން، ވިރުދާ ކޮންމެވެސް ނަންބަރަކަށް ގުޅިއެވެ.

"ސޮރީ! މާކުރިން އިކާން އައީ..." ފޯނުގެ އަނެއްކޮޅެއް އެއްޗެއް ބުނުމުގެ ކުރިން ވިރުދާ އަވަސް އަވަހަށް ބުނެލިއެވެ. "އަދި މާދަމާވެސް އެބައޮތެއްނު... މާދަމާ އެކަން... ހަލޯ ހަލޯ..."

ފޯނު ކަނޑައިލި އަޑު އިވުމުން ވިރުދާގެ މޫނުން ފެނުނީ މާޔޫސްކަމެވެ. އެ ނަންބަރަށް ގުޅަން އޭނާ ތަކުރާރުކޮށް މަސައްކަތް ކުރިއެވެ. ފޯނު އޮތީ ނިވާލާފައެވެ.

********

ގެއަށް ދިޔުމުގެ ބަދަލުގައި ރޫބީ ގޮވައިގެން އިކާން ދިޔައީ ރެސްޓޯރެންޓަކަށެވެ. ތަން ހުރިލެއް ޝާހީކަމުން ތަނުގެ އެއްޗެހި އަގުބޮޑުވާނެވަރު ރޫބީއަށް އެނގުނެވެ. އެ ބޮޑު ރެސްޓޯރެންޓްގައި އެއްވެސް މީހަކު ނެތެވެ. އެއްޗެހި އަގުބޮޑުކަމުން އެހެން މީހަކު އެތަނަށް ނުވަންނަނީއެވެ. އެއީ ރޫބީއަށް ވިސްނުނު ގޮތެވެ. ހާއްސަ ވަގުތަކަށްޓަކައި އިކާން އެ ރެސްޓޯރެންޓް އެއްކޮށް ކުއްޔަށް ނެގިކަމެއް ރޫބީއަކަށް ނޭނގެއެވެ.

ހުރިހާ ވޭޓަރުން ތިބީ ރޫބީމެންގެ ހިދުމަތުގައެވެ. މާހައުލުގެ ފުރިހަމަކަމުން، ރޫބީ ހުރީ އަޖައިބުވެފައެވެ. ބަލައިލި ކޮންމެ ދިމާއަކުން ރޫބީއަށް ފެނުނީ ރަތާއި ހުދު ކުލައިގެ ފިނިފެންމަލެވެ. ހަމަ އެގޮތަށް ފާރުތަކުގައިވެސް ފިނިފެންމާ ހަރުކޮށްފައި ހުއްޓެވެ. ހުދު މޭޒުތަކުގެ މަތީގައި ރަތް ފިނިފެންމަލުގެ ފިޔައިން ހިތުގެ ބައްޓަން ހަދާފައި ހުރިއިރު، ކޮންމެ ހިތެއްގެ މެދުގައި ރޯކޮށްފައިވާ އުއްބައްތިން ތަނުގައި ހިފާލާފައިވީ މީރު ވަހެކެވެ.

"ހާދަ ލޯބި ތަނެކޭ..." ރޫބީ ވަށައިގެން ނަޒަރު ހިންގާލާފައި ގޮސް އޭނާއަށް އެންމެ ކަމުދާ މޭޒު ކައިރީގައި އިށީނެވެ. "މިތާ އެއްޗެހި އަގުބޮޑުވީމަ ކަންނޭނގެ މީހަކު ނާންނަނީ... އަހަރެމެން ދެމީހުން އެކަނި މިއޮއް ބޮޑު ތަނުގަ މި ތިބީ..."

އިކާނަށް ފޯނެއް އައުމުން ދުރަށްޖެހިލިއެވެ. މަޑުމަޑުން ހިނގާފައި ގޮސް ބަދިގެ ބަޔަށް ވަނެވެ. މިފްޒާލް ހުރީ ކޭކެއް ހިފައިގެންނެވެ.

"ހުރިހާ ކަމެއްވެސް ދާންވާނީ އަހަރެން ޕްލޭންކުރި ގޮތަށް އިނގޭ..." މިފްޒާލް ކޭކު ހިފައިގެން ހިނގައިގަތުމުން، އިކާން ބުނެލިއެވެ.

"މި ޕްލޭން އިކާންއަކާ ނުގުޅޭ.." މިފްޒާލް ދިމާކުރިއެވެ.

"ކީއްވެ؟..." އިކާނަށް ލިބުނީ ހައިރާން ކަމެކެވެ.

"ކާކުތަ ދެން ޕްރޮޕޯސްކުރާއިރު، ކޭކު ހިފައިގެން ހުންނާނީ؟..." މިފްޒާލް ހުރީ ކޭކު ހިފައިގެން ރޫބީގެ ކުރިމައްޗަށް ދާން ނުކެރިފައެވެ.

"އިންޓަނެޓުން ފެނުނު އައިޑިއާއެއް ތީ..." އިކާން ބުނެލިއެވެ.

މިފްޒާލް ކޭކު ހިފައިގެން ނުކުތްއިރު، އޭނާގެ ދެފަރާތުގައި ދެ އަންހެންކުދިން ތިއްބެވެ. އެއް ކުއްޖެއްގެ އަތުގައި ރަތާއި ހުދުކުލައިގެ ފިނިފެންމަލުގެ މާބޮނޑިއެއް އޮތެވެ. އަނެއް ކުއްޖާ ހުރީ ގިޓައެއް ހިފައިގެންނެވެ. އިކާން ދިޔައީ އެމީހުންގެ ފަހަތުންނެވެ.

ފަހަތުގައި މީހަކު ހުއްޓުނުހެން ހީވި ނަމަވެސް ރޫބީ ހީކުރީ އެއީ އިކާން ކަމަށެވެ. އެކަމަކު އިކާންނަމަ، ފަހަތުގައި ހުންނަންވީ ކީއްވެ ހެއްޔެވެ؟ ރޫބީ ފަސްއެނބުރުމުގެ ކުރިން އެމީހަކު އޭނާގެ އަނގަމަތީގައި އަތް އެޅިއެވެ. ގަދަކަމުން ކަހަލަ ގޮތަކަށް ނަގައިގެން ގެންގޮސް ރެސްޓޯރެންޓްގެ ފާހާނާ ބަޔަށް ވެއްދިއެވެ.

ރޫބީ އޮތީ ދެމިފައެވެ. މުށިތަކުގެ މަތީގައި އޮތްއިރު، އެ ހަށިގަނޑުގައި އެއްވެސް ހަރަކާތެއް ނެތެވެ. ރޫބީގެ ކައިރީގައި ހުރި މީހަކު ބެލީ ރޫބީ ނޭވާލާތޯއެވެ. ގިނައިރެއްނުވެ، ފާހާނާގެ ދޮރުގައި ވަރަށް ބާރަށް ޖެހިގަތް އަޑު އިވުނެވެ. ދޮރުމަތީގައި ހުރި އިކާންގެ ނަޒަރު އޭނާގެ ކުރިމަތީގައި ހުރި ނުދަންނަ ޒުވާނާއިން ފެށިގެން ތިރީގައި އޮތް ރޫބީއަށް ހުއްޓުނެވެ. އިކާންގެ ދެއަތް މުށްކެވުނެވެ. އިކާން އުޅުނީ އެމީހެއްގެ ގަމީހުގައި ހިފައިގަންނާށެވެ. އެމީހަކު އިކާންގެ ގައިގައި ޖެހިގަނެފައި، އެތަނުން ދުވެ، ފިލިއެވެ.

"ކިހިނެއްވީ؟..." މިފްޒާލް ދުވެފައި އައިއިރު، އިކާން ރޫބީ ނަގައިގަނެގެން ފާހާނާއިން ނުކުންނަނީއެވެ. އިކާން ހުރީ ހާސްވެފައެވެ. ވާހަކައެއް ނުދެއްކުނެވެ.

"އޭސީ ރޫމްގަ ބާއްވާލަންވީނު... އެތާ ހުންނާނެ ސޯފާ..." މިފްޒާލް އިޝާރާތްކުރީ ރެސްޓޯރެންޓުގެ އޭސީކޮށްފައި ހުންނަ ބަޔަށެވެ.

ރޫބީ ލޯ ހުޅުވައިލިއިރު، އިކާން އިނީ ރޫބީގެ އަތުގައި ހިފާލައިގެންނެވެ. ރޫބީ ލޯ ހުޅުވައިލުމާއި އެކީހެން، އިކާން އޭނާގެ އަތުގައި އޮތް އަނގޮޓި ރޫބީގެ އިނގިލީގައި އަޅުވާލަދިނެވެ. ރޫބީ ކުއްލިއަކަށް ތެދުވެފައި، އިކާންގެ ގައިގައި ބައްދައިލިއެވެ. އިކާންގެ ހިތް ނުހުއްޓުނީ ކިރިޔާއެވެ. ރޫބީގެ އެންމެ ގާތްވެލުމަކުން، އިކާނަށް އޭނާގެ ހިތުގެ މައްޗަށް ބާރެއް ނުފޯރުވުނެވެ.

ރޫބީގެ ދެލޮލުން ހޯސްލާފައި ކަރުނަ އަންނަމުން ދިޔައެވެ. އެ ކަރުނަތައް ހިނދެމުން ދިޔައީ އިކާން ލައިގެން އިން ގަމީހަށެވެ. ކޮނޑުމަތިން ތެތްކަމެއް އިހުސާސްވުމުން، ރޫބީ ރޮނީކަން އިކާނަށް އެނގުނެވެ. އިކާން މަޑުމަޑުން ރޫބީގެ ބުރަކަށީގައި ފިރުމާލަ ދިނެވެ.

"ބިރުގަތީތަ؟..." ރޫބީއަށް ވީގޮތް ވިސްނޭ ފަދައިން އިކާން ސުވާލުކުރިއެވެ.

"އިކާން ނައިނަމަ އެމީހާ..." ރޫބީއަށް ރަނގަޅަށް ވާހަކައެއް ނުދެއްކުނެވެ.

ނަޖާތަށް ދިމާވި ހާދިސާގެ ފަހުން، ރޫބީގެ ހިތް ބިރުގަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ.

"އަހަރެން ހުއްޓާ، ނައީމަކަށް ނުކެރޭނެ ރޫބީއަށް ގެއްލުމެއް ދޭކަށް..." އިކާން ޔަގީންކަން ދިނެވެ.

ރޫބީ ކުރިއަށްވުރެ ބާރަށް އިކާންގެ ގައިގައި ބައްދައިލިއެވެ. އިކާން އިނީ ނޭވާލާންވެސް އުނދަގޫވެފައެވެ. ނޭވާއެއް ބޭރުކޮށްލާ ހިސާބުންވެސް އަމިއްލަ ނަފުސުގެ ލަގަން އަތުން ދޫވެގެން ހިނގައިދާނެތީ އޭނާ ޖެހިލުންވިއެވެ.

(ނުނިމޭ)

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު