ވެސްޓް ހޭމްއާ ދެކޮޅަށް ޗެލްސީއަށް ފަސޭހަ މޮޅެއް

ވެސްޓް ހޭމްއާ ދެކޮޅަށް ޗެލްސީއަށް ވަނީ ފަސޭހަ މޮޅެއް ލިބިފައި --

އިންގްލިޝް ޕްރިމިއާ ލީގުގައި ޗެލްސީ އާއި ވެސްޓް ހޭމް ޔުނައިޓެޑްއިން ބައްދަލުކުރި މެޗު ޗެލްސީން ފަސޭހަކަމާއެކު ކާމިޔާބު ކޮށްފިއެވެ.

ވެސްޓް ހޭމްގެ ދަނޑުގައި ކުޅުނު މި ލަންޑަން ޑާބީ ޗެލްސީން ކާމިޔާބު ކޮށްފައިވަނީ ފަހަތުން އަރައި ފަސް ލަނޑު އެއް ލަނޑުންނެވެ. މިމެޗަށް ވޯމް އަޕް ކުރަމުން ދަނިކޮށް ޗެލްސީގެ ކޯލް ޕާމާއަށް އަނިޔާވުމުގެ ސަބަބުން އޭނާ މިމެޗުގައި ނުކުޅެއެވެ.

ޗެލްސީގެ ފަރާތުން މޮޅު ކުޅުމެއް ފެނުނު މިމެޗުގައި ގިނަ ބަޔަކު ހައިރާން ކޮށްލުމަށްފަހު މެޗުގެ ލީޑު ނަގައިފާވަނީ ވެސްޓް ހޭމްއިންނެވެ. މިލަނޑު މެޗުގެ ހަ ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ލޫކަސް ޕަކުއެޓާއެވެ.

މިލަނޑާއެކު ވެސްޓް ހޭމްގެ ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބުނުއިރު ޗެލްސީއިންވެސް ލަނޑެއް ޖެހޭތޯ ކުރި މަސައްކަތް އިތުރު ކުރިއެވެ. އަދި މިލަނޑު ޖެހިތާ ނުވަ މިނެޓް ފަހުން ޖާއޮ ޕެޑްރޯ ކާމިޔާބު ކޮށްދިން ލަނޑުން ޗެލްސީން މެޗުގެ ނަތީޖާ ހަމަހަމަ ކުރިއެވެ. މިމެޗުގައި ވެސްޓް ހޭމްއިން ދެވަނަ ފަހަރަށް ލީޑު ނެގުނު ކަމަށް ހީވި ނަމަވެސް ނިކްލަސް ފުލްކްރޫގް ކާމިޔާބު ކޮށްދިން ލަނޑުވަނީ ވީއޭއާރުން ޗެކް ކުރުމަށްފަހު އޮފް ސައިޑް ކަމަށް ދައްކާފައެވެ.

ޗެލްސީއިން މެޗުގެ ލީޑު ނަގާފައިވަނީ މެޗުގެ 23 ވަނަ މިނެޓުގައި ޕެޑްރޯ ނެޓޯ ކާމިޔާބު ކޮށްދިން ލަނޑުންނެވެ. އަދި މިލަނޑު ޖެހިތާ 11 މިނެޓް ފަހުން ކެޕްޓަން އެންޒޯ ފެނާންޑޭޒްވަނީ ޗެލްސީގެ ތިން ވަނަ ލަނޑު ކާމިޔާބު ކޮށްދީ އެޓީމަށް ދެ ލަނޑުގެ ލީޑެއް ނަގައިދީފައެވެ.

މިމެޗުގެ ދެވަނަ ހާފުގައި ވެސްޓް ހޭމްގެ ކުޅުން ރަނގަޅު ކުރާނެކަމަށް ބެލެވުނު ނަމަވެސް މެޗުގެ 54 ވަނަ މިނެޓުގައި ފެނުނީ ޗެލްސީއިން އެޓީމުގެ ހަތަރު ވަނަ ލަނޑު ކާމިޔާބު ކުރި ތަނެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޮއިސެސް ކައިސޭޑޯއެވެ. އަދި ފަހު ލަނޑު އޭގެ ހަތަރު މިނެޓް ފަހުން ކާމިޔާބު ކޮށްދިނީ ޓްރެވޯ ޗަލަބާއެވެ.

މިމެޗުގައި އިތުރު ލަނޑެއް ނުފެނުނު ނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމުންވެސް ތަނަވަސްކުރިއެވެ.

މިކާމިޔާބީ އާއެކު ޗެލްސީން ވަނީ ލީގުގެ ފުރަތަމަ މެޗުގައި ކްރިސްޓަލް ޕެލަސްއާ ކުޅެ އެއްވަރުވުމުން ލިބުނު ފާޑު ކިޔުންތަކަށް ރަނގަޅު ޖަވާބެއްދީ ސީޒަންގެ ފުރަތަމަ ކާމިޔާބީ ހާސިލްކޮށްފައެވެ. އަދި ވެސްޓް ހޭމް މިވަނީ މިނާކާމިޔާބީ އާއެކު ކުޅުނު ދެމެޗުން ބަލިވެފައެވެ. މިއީ އެ ޓީމު އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ބަލިވި ހަ ވަނަ މެޗުވެސްމެއެވެ.

comment ކޮމެންޓް