ގައުމީ ބޭންކު، ބީއެމްއެލްގެ ބޭންކު ފަންޑުގެ އެހީގައި ތ. ވޭމަންޑޫ ސްކޫލުގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް، ސްޕެޝަލް އެޑިއުކޭޝަން ނީޑްސް (ސެން) ކްލާސްރޫމެއް އިމާރާތްކޮށް ހުޅުވައިފިއެވެ.
ބީއެމްއެލުން ބުނީ، މިއީ މިދިޔަ އަހަރު ބޭންކު ފަންޑުގެ ދަށުން އެހީ ލިބުނު ވޭމަންޑޫގެ ޒުވާނުންގެ ގުޅުމުން ހިންގި މަޝްރޫއެއް ކަމަށެވެ.
މި މަޝްރޫއުގެ ދަށުން އިމާރާތްކުރި ކްލާސްރޫމް ތައްޔާރުކުރީ ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންގެ ގާބިލުކަން އިތުރުކޮށް، އެހެން މީހުންނާ ގުޅިގެން މުޖުތަމައުގައި ހަރަކާތްތެރިވުމަށް ބޭނުންވާ ހުނަރު ތަރައްގީކުރުމާއި އެ ކުދިންގެ ތައުލީމީ ބޭނުންތަކަށް އިސްކަންދީގެން ކަމުގައި ބީއެމްއެލުން ބުނެފައިވެއެވެ.

ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރަކާ އެކީ ސެން ޓީޗަރަކު ހަރަކާތްތެރިވަނީ --- ފޮޓޯ: ބީއެމްއެލް
ވޭމަންޑޫ ޒުވާނުންގެ ގުޅުމުގެ ރައީސް އަހްމަދު ޝައުގަތު ވިދާޅުވީ، މި ކްލާސްރޫމް އިމާރާތްކުރުމުގެ މަގްސަދަކީ އުނގެނުމުގައި ޚާއްސަ އެހީއަށް ބޭނުންވާ ދަރިވަރުންނަށް ޚާއްސަ ކްލާހަކުން ތަފާތު ހަރަކާތްތައް ހިންގޭނެ ގޮތެއް ފަހިކޮށްދިނުން ކަމަށެވެ. އޭނާ ވަނީ، މި ކްލާސްރޫމް އިމާރާތްކުރުމަށް ވޭމަންޑޫ ސްކޫލާއި ބީއެމްއެލާއި އިތުރު ގޮތްގޮތުން އެހީތެރިކަން ދިން އެންމެންނަށް ޝުކުރު އަދާކުރައްވައިފައެވެ.

ވޭމަންޑޫގައި އިމާރާތްކުރި ސެން ކްލާސްރޫމް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން --- ފޮޓޯ: ބީއެމްއެލް
ބީއެމްއެލުން ބުނީ، މި އަހަރުގެ މިހާތަނަށް ހިރިޔާ ސްކޫލާއި ހުޅުމާލޭގައި ހުންނަ ސަލާހުއްދީން ސްކޫލުގައި ސެން ކްލާސްރޫމްތައް ތަރައްގީކޮށްފައިވާނެ ކަމަށެވެ. މި ދެ މަޝްރޫއުގެ ސަބަބުން 200 އަށްވުރެ ގިނަ ދަރިވަރުންގެ އުނގެނުމުގެ މާހައުލު ތަރައްގީކުރެވިފައިވާނެ ކަމަށް، ބޭންކުން ބުންޏެވެ.
މި ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭ ބީއެމްއެލުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި 40 ސްކޫލެއްގެ ސެން ކްލާސްތަކަށް ބޭނުންވާ އާލާތްތައް ހަދިޔާކޮށްފައިވާ ކަމަށް ވެސް، ބޭންކުން ބުންޏެވެ.