ގައުމިއްޔަތަށް ޚިދުމަތްކުރުމުގެ ޚާއްސަ ޝަރަފު، ހއ. އުތީމުގެ ރައްޔިތުންނަށް އަރުވަން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް އޮފީހުން ބުނީ، އުތީމުގެ ރައްޔިތުންނަށް އެ ޝަރަފު އަރުވަން ރައީސް ކަނޑައެޅުއްވީ، އުތީމު ގަނޑުވަރު ބެލެހެއްޓެވުމުގައި، އެ ރަށުގެ ރައްޔިތުން އަދާކުރި ދައުރާއި، އެކަމަށް ދިން އަހައްމިއްޔަތުކަން ފާހަގަކުރުމުގެ ގޮތުން ކަމަށާއި، އުތީމުގެ ރައްޔިތުންގެ ބެލެހެއްޓުންތެރިކަމާއެކު އުތީމު ގަނޑުވަރަށް 500 ވަރަކަށް އަހަރު ވެފައިވާތީ ކަމަށެވެ.
މި ޝަރަފު އަރުވާނީ ގައުމީ ދުވަހުގެ މުނާސަބަތުގައި މާދަމާ ހެނދުނު 10:00 ޖަހާއިރު އުތީމުގައި ބާއްވާ ރަސްމީ ޖަލްސާގައި ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.
ރައީސާއި ތާރީޚާއި ސަގާފަތާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިބްރާހީމް އުތީމު ގަނޑުވަރުގައި -- ފޮޓޯ/ ރައީސް އޮފީސް
ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި ހިތްވަރުދިނުމުގެ ގައުމީ އިނާމު ދޭއިރު، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށް ލިބިވަޑައިގަންނަވާނެ ކަމަށާއި، ހިތްވަރުދިނުމުގެ ގައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ލިބޭނެ ކަމަށް، ރައީސް އޮފީހުން މައުލޫމާތު ދެއެވެ.
ގައުމީ ދުވަސް ފާހަގަކުރަނީ، ޕޯޗުގީޒުންގެ ބާރުގެ ދަށުގައި 15 ވަރަކަށް އަހަރު ދިވެހީން އުޅުމަށްފަހު، ރާއްޖެއަށް މިނިވަންކަން ލިބުމާއި، އެ މިނިވަންކަން ހޯދައިދެއްވުމުގައި އިސްކޮށް ހުންނެވި އުތީމު މުހައްމަދު ތަކުރުފާނު (ބޮޑުތަކުރުފާނު)ގެ ހަނދާނުގައެވެ.
އުތީމު ގަނޑުވަރަކީ ބޮޑުތަކުރުފާނު ދިރިއުޅުއްވި ގެކޮޅެވެ.