ކޮރަޕްޝަނާއި ފަސާދަ އާދައިގެ ކަމަކަށްވެއްޖެ، ފިޔަަވަޅު ނޭޅި އޮތުމުން ނުރައްކާ ބޮޑު: ސިޔާމް

އެމްޑީއޭގެ ރައީސް އަދި. ދ. މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުޙައްމަދު ރައްޔިތުންގެ މަޖިލީހުގައި ބަހުސްކުރައްވަނީ -- ފޮޓޯ: މަޖިލިސް

ދިވެހިރާއްޖޭގައި ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއް ނެތި ކުރުމަކީ އާދައިގެ ކަމަކަށް މިއަދު ވެއްޖެ ކަމަށާއި، އެފަދަ އަމަލުތަކަށް ފިޔަވަޅު ނޭޅުމުގެ ސަބަބުން ރާއްޖޭގެ މިނިވަންކަމަށާއި، ގައުމިއްޔަތަށް އޮތް ނުރައްކާ ބޮޑު ކަމަށް އެމްޑީއޭގެ ރައީސް އަދި ދ. މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު މިއަދު ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖޭގެ ގައުމީ ދުވަހާ ގުޅިގެން ދެއްވި ޚިތޯބުގައި ސިޔާމް ވިދާޅުވީ ގައުމީ ދުވަސް ފާހަގަކުރާއިރު ވަށައިގެން ހިނގަމުންދާ ކަންތައްތަކާމެދު ފުންކޮށް ވިސްނައި ފިކުރު ކުރުމަކީ ކޮންމެހެން ވެސް ކުރަންޖެހޭ ކަމެއް ކަމަށެވެ.

އެގޮތުން ދުރާލާ ރޭވިގެން ހިންގަމުންދާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް އެއްވެސް ޖެހިލުމެއް ނެތި ކުރުމަކީ އާދައިގެ ކަމަކަށް މިއަދު ވެފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެފަދަ ކަންކަން ބަލައި ފިޔަވަޅު އެޅުމަށް އުފައްދާފައިވާ ދައުލަތުގެ އިދާރާތަކުން އެފަދަ ކަންކަމާމެދު އެކަށީގެންވާ ސަމާލުކަމެއް ދެމުން ނުދާކަން ފާހަގަކުރައްވައި އެމަނިކުފާނު ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. ވަކިން ޚާއްސަކޮށް ނުފޫޒާއި ބާރު ހުރި ފަރާތްތަކުން ހިންގާ ވައްކަމާއި ކޮރަޕްޝަންގެ އަމަލުތަކަށް އެކަށީގެންވާ ފިޔަވަޅެއް އެޅެމުންދާތަން ނުފެންނަކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށް ވިދާޅުވިއެވެ.

މިއީ ދިވެހީންގެ މިނިވަންކަމާއި ގައުމިއްޔަތަށް އޭގެ ނުރައްކާ އިންތިހާއަށް ބޮޑު ކަންކަން ކަމަށާއި، އެފަދަ އަމަލުތައް ހުއްޓުވުމަށް ކަމާބެހޭ ހުރިހާ ފަރާތްތަކުން ހަރުދަނާ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރައްވާ ކަމަށް ސިޔާމް ވިދާޅުވިއެވެ.

ހަމައެއާއެކު ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލް ދެމެހެއްޓުމަށާއި، ދެމެހެއްޓެނިވި އަދި ފުދުންތެރި އިގްތިޞާދެއް ގާއިމުކުރުމަށް ޓަކައި މި ގައުމުގެ އެންމެހާ ޒުވާނުން މިއަދު ކަމަރު ބަނދެ، އާ ހިތްވަރަކާއި ފޯރިއާއެކު، ދެމެހެއްޓެނިވި އަޒުމެއްގައި ހިތްވަރާއެކު މަސައްކަތްކުރުމަށް ސިޔާމް ވަނީ ގޮވާލައްވައިފައެވެ. އަދި އެއީ ގައުމީ ވާޖިބެއް ކަމުގައި ދެކި، ކޮންމެ ދިވެއްސަކު ވެސް އެ މަތިވެރި މަގުސަދު ހާސިލްކުރުމަށް އެއްބާރުލުން ދިނުމަކީ މުހިންމު ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދަށުގައި 15 އަހަރާއި ހަ މަސްދުވަސް ހޭދަކުރުމަށްފަހު، ދިވެހީންނަށް މިނިވަންކަން ލިބުނުއިރު ދިވެހީން ތިބީ ވަރަށް ވެސް ނިކަމެތި، ދަތި ހާލަތެއްގައިކަން ތާރީޚުން ހާމަވާ ކަމަށެވެ. އަދި އެ ނިކަމެތި ހާލަތުން ދިވެހީން ސަލާމަތްކުރައްވައި 'އައްދައުލަތުލް މަހަލްދީބިއްޔާ' ގެ ނަމުގައި ދައުލަތެއް އުފައްދަވައި، ހަމަޖެހުމާއި ތަރައްގީ ގެނެސްދެއްވައި، އިސްލާމީ ވަޙްދަތު ގާއިމުކުރައްވައި، ވަރުގަދަ އިގްތިސޯދެއް ބިނާކުރެއްވުމަށް ކުރެއްވި ލާމަސީލު މަސައްކަތަކީ މިއަދު ކޮންމެ ދިވެހި ރައްޔިތަކު ވިސްނައި ފިކުރުކޮށް، އޭގެން އިބުރަތް ހާސިލްކުރަންޖެހޭ މުހިންމު ކަމެއް ކަމަށް ސިޔާމް ވިދާޅުވިއެވެ.

އެ ދުވަހު ބޮޑުތަކުރުފާނާއި އެމަނިކުފާނުގެ ބައިވެރިން އެ މަސައްކަތް ނުކުރެއްވިނަމަ މިއަދު މި ލޮބުވެތި ވަތަން އޮންނާނެގޮތް ތަސައްވުރުކޮށްލުމަށް ވެސް ދަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގައުމީ ދުވަހުގެ މުނާސަބަތުގައި، ދުވަހުގެ ބަތަލު ކަމަށްވާ އައްސުލްތާން ޣާޒީ މުހައްމަދު ތަކުރުފާނުލް އައުޒަމް ސިރީ ސަވާއްދީއްތަ މަހާރަދުން ނުވަތަ ބޮޑުތަކުރުފާނާއި އެމަނިކުފާނާއެކު ރާއްޖޭގެ މިނިވަންކަމަށްޓަކައި މަސައްކަތްކުރެއްވި އެންމެހާ އަބްތާލުންގެ ފުރާނަފުޅުތަކަށް ސުވަރުގޭގެ މަތިވެރި ނިއުމަތް މިންވަރުކުރެއްވުން އެދި މާތްﷲގެ ހަޟްތަރުގައި ދުޢާ ދަންނަވަން، އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް މުހައްމަދު

ސިޔާމް ވަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި ގައުމީ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމެހާ ލޮބުވެތި ދިވެހި ރައްޔިތުންނަށާއި، އެމްޑީއޭގެ މެންބަރުންނަށް އަރިސްކުރައްވައިފައެވެ.

comment ކޮމެންޓް