ކުރީގެ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމަކީ 'ޒާތީ ހަސަދަވެރިއެއް' ކަމަށާއި ގދ. ކާޑެއްދޫ އެއާޕޯޓަށް ބޭނުންވާ މަރާމާތާއި، ހިންގުމުގެ ޚަރަދުތައް ދިޔައީ ހުއްޓުމެއް ނެތި ކުރަމުން ކަމަށް ވިދާޅުވެ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު ގާސިމް އިބްރާހީމް ރޭ ރައްދުދެއްވައިފިއެވެ.
ގާސިމްގެ ކުންފުނި، ވިލާ އެއާގެ ދަށުގައި އޮތް ކާޑެއްދޫ އެއާޕޯޓަށް އެ ކުންފުނިން ވައުދުވި ތަރައްގީ ނުގެނެސް އޮއްވައި، ލީސް އެގްރިމަންޓު ބާތިލުކޮށް ދައުލަތަށް އެއާޕޯޓު ނެގުމަށްޓަކައި ވިލާއަށް 18 މިލިއަން ޑޮލަރު ދޭން ސަރުކާރުން ހުށަހަޅައިފައި އޮތުމުން ގިނަ ބަޔަކު ވަނީ ކަންބޮޑުވުން ފާޅުކުރަން ފަށައިފައެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ޕީއެންއެފުން ބޭއްވި ވޭކްއަޕް ޖަލްސާގައި ކުރީގެ ރައީސް ޔާމީން ވެސް ވަނީ ކާޑެއްދޫ އެއާޕޯޓާ ގުޅުވައި ތުހުމަތުތަކެއް ކުރައްވައިފައެވެ. އެގޮތުން، ކާޑެއްދޫ އެއާޕޯޓުގެ ލީސް އެގްރިމަންޓު ބާތިލުކޮށް ދައުލަތަށް ނަގަނީ، ވިލާ އެއާއިން ދައުލަތަށް ދައްކަންޖެހޭ 33 މިލިއަން ޑޮލަރުގެ ޓެކްސް ފައިސާ މައާފުކުރާ ގޮތަށްކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި، ފެންނަ މަންޒަރަކީ، އެ އެއާޕޯޓު "ހިންގަން އުޅެއުޅެ ނުހިންގިގެން ސަރުކާރުން އެ ތަން ބޮލުގައި އަޅަންޖެހުނު" ތަން ކަމަށް ޔާމީން ވިދާޅުވިއެވެ.
ގާސިމް ވަނީ ޔާމީންގެ އެ ތުހުމަތުތައް ދޮގު ވެސް ކުރައްވައިފައެވެ.
ކާޑެއްދޫ އެއާޕޯޓާ ގުޅިގެން ދައުރުވާ ވާހަކަތަކަށް ރައްދުދެއްވައި ރޭ ގާސިމް ނެރުއްވި ބަޔާނެއްގައި ވަނީ ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.
ގާސިމް ވިދާޅުވި ގޮތުގައި ވިލާއިން ކާޑެއްދޫ އެއާޕޯޓާ ހަވާލުވުމަށް ފަހު ރާއްޖޭގެ ސިވިލް އޭވިއޭޝަންގެ މިންގަނޑުގައި އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށްޓަކައި އެއާޕޯޓަށް އަލަށް ގެންނަންޖެހޭ ކިތަންމެ ބަދަލުތަކެއް ވެސް ގެނެސްފައިވެއެވެ. އަދި، އެއާޕޯޓަށް ބޭނުންވާ މަރާމާތާއި، ހިންގުމުގެ ޚަރަދުތައް ވެސް ހުއްޓުމެއްނެތި ކުރަމުންދިޔަ ކަމަށް ގާސިމް ވިދާޅުވިއެވެ.
ބައިނަލްއަގުވާމީ އެއާޕޯޓަކަށް ބަދަލުކުރުމަށް 150 މިލިއަން ޑޮލަރުގެ ޕްލޭނެއް ބޭރުގެ ޕާޓްނަރަކާއެކު ހެދުމަށްޓަކައި، އެ އެއާޕޯޓު ކުއްޔަށް ދޭ މުއްދަތު 99 އަހަރަށް ބަދަލުކުރުމަށް އެދިފައިވަނިކޮށް ރައީސް ޔާމީން އެކިއެކި ބަހަނާތައް ދެއްކުމަށްފަހު 2017 ވަނަ އަހަރު ވިލާ ކުންފުނި އަތުން އެއާޕޯޓު އަތުލައި ސަރުކާރަށް ނެގީ ކަމަށް ގާސިމް ވިދާޅުވިއެވެ. އޭރު ޔާމީންގެ ބަހަނާއަކަށްވީ ސިވިލް އޭވިއޭޝަންގެ މިންގަނޑުތަކަށް ނުފެތުން ކަމަށް ގާސިމް ވިދާޅުވިއެވެ.

ރައީސް ޔާމީނާއި ގާސިމް -- ފޮޓޯ/ ރައީސް އޮފީސް
ގާސިމް ވިދާޅުވި ގޮތުގައި ޔާމީން އެފަދައިން އަމަލުކުރެއްވީ އެ މަނިކުފާނުގެ ސަރުކާރުން އޭރު ރާއްޖޭގެ ސިޔާސީ ލީޑަރުން ޖަލަށްލަމުން ދިޔުމުން އެކަމުގައި ޚުދު ގާސިމް އަމިއްލައަށް ބަސްބުނި ހިސާބުންނެވެ.
ކާޑެއްދޫ އެއާޕޯޓު ގާނޫނީ އިމުން ބޭރުން އަދުލުވެރި ބަދަލެއްނެތި ރައީސް ޔާމީންގެ ސަރުކާރުން ވަކިކުރުމުގެ އިތުރުން، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އަށް ވިލާއިން ދައްކަންޖެހޭ 199 މިލިއަން ޑޮލަރުގެ ޓެކްސް އެބަހުރިކަމަށް ސީދާ ޔާމީންގެ އޯޑަރަށް މީރާއިން ނިންމި ކަމަށް ގާސިމް ވިދާޅުވިއެވެ.
އެ ދައުވާ އުފުލައި، ޕާމިޓްތައް ކެންސަލްކޮށް، އިންޕޯޓް ލައިސަންސް ބާތިލުކޮށް، ވިލާގެ އެކައުންޓުތައް ފްރީޒްކޮށް، އެތައް ހާސް މުވައްޒަފުންނަށް މުސާރަ ނުދެވި ވިލާއިން ހޭދަކުރީ ނުހަނު ނިކަމެތި ދުވަސްތަކެއް. 2018ގެ ރިޔާސީ އިންތިޚާބު ނިމެންދެން ޔަމީންގެ އަނިޔާވެރިކަމުގެ ހިތްދަތި ވޭން އަޅުގަނޑާއި ވިލާ ކުންފުނީންގެ މުވައްޒަފުން ވަނީ ތަހައްމަލު ކޮށްފައި، ގާސިމް އިބްރާހީމް
ޕީއެންއެފް ޖަލްސާގައި ވިލާއަށް ނުހައްގު ބަދަލެއް ދެނީކަމަށް ވިދާޅުވެ ޔާމީން ދެއްކެވި ވާހަކަފުޅަކީ ރައްޔިތުންނަށް ކަމުގެ ހަގީގަތް އޮޅޭނެހެން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި، އެއީ ޔާމީންގެ އާއްމު އުސޫލު ކަމަށް ވިދާޅުވިއެވެ.
އެގޮތުން، 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ފަހު ބުރުގައި ޔަމީނަށް ވެރިކަމާ ހަމައަށް ވަޑައިގެންނެވުނީ ގާސިމްގެ ބުރަ މަސައްކަތުން ކަމަށާއި ޔާމީނަށް އެހީތެރިވީ އެ މަނިކުފާނަކީ 'ޒާތީ ހަސަދަވެރިއެއްކަން' އެނގިހުރެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
ޔާމީނަށް ތާއީދުކުރެއްވުމުގެ ފަހަތުގައި ވަނީ އެ މަނިކުފާނުގެ ބޭބޭފުޅު ކަމަށްވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެދިވަޑައިގަތުމާއި އޭރު ގައުމު އޮތް ހާލަތުން ގައުމަށް ހެޔޮ ގޮތް އެދުން ކަމަށް ގާސިމް ވިދާޅުވިއެވެ.
ވިލާ ކުންފުންޏާއި އަޅުގަނޑާ މެދު ޔާމީންގެ ހިތުގައި އޮންނަ ގިލަންވެރި އަދި ހަސަދަވެރިކަމަށް ލުއިކަމެއް ހޯދަން ރައްޔިތުންގެ ކުރިމަތީގައި އަގުވައްޓާލަން އުޅުން އެއީ ފުރަތަމަ ފަހަރެއް ނޫން. ޔާމީން އެފަދަ ކަންތައް ކުރައްވާތާ ކިތަންމެ ދުވަހެއް، ގާސިމް އިބްރާހީމް

ކާޑެއްދޫ އެއާޕޯޓް -- ފޮޓޯ: ހޮލިޑިފައި
ގާސިމް ވިދާޅުވީ ރޭގަނޑުގެ ފުރަ ދަންވަރު ރާއްޖޭގެ ކްރިމިނަލް ކޯޓު ހުޅުވައި، އޭނާ އައިސީޔޫގައި އެނދުމަތިކޮށްފައިވަނިކޮށް އޭނާގެ މައްޗަށް ގާނޫނުއަސާސީއާ ޚިލާފު ހުކުމްކުރުވި ބޭފުޅަކު އޭނާގެ އާއިލާއާ މެދު ކޮށްފައިނުކުރާނެ ކަމެއް މި އުޑުދަށުގައި ނުވާނެކަން ކަށަވަރު ކަމަށެވެ.
ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ޞާލިޙުގެ ވެރިކަމުގައި 2022 ވަނަ އަހަރު އަލުން ކާޑެއްދޫ އެއާޕޯޓު ވަނީ ވިލާއާ ހަވާލުކޮށްފައެވެ. ނަމަވެސް، ކޮވިޑް-19ގެ ސަބަބުން އޭރު އިގުތިސާދީ ގޮތުން ކުރިމަތިިވި ގޮންޖެހުންތަކާހުރެ ބައިނަލްއަގްވާމީ އެއާޕޯޓެއް ގޮތަށް ތަރައްގީކުރުން އޮތީ މަޑުޖެހިފައި ކަމަށް ގާސިމް ވިދާޅުވިއެވެ.
މި ސަރުކާރު އައުމަށް ފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އެ އެއާޕޯޓު ބައިނަލްއަގްވާމީ އެއާޕޯޓެއް ގޮތަށް ތަރައްގީކުރުމަށް ރައްޔިތުން ގާތު ވައުދުވެލެއްވުމާއެކު އެއާޕޯޓު ތަރައްގީކުރުމުގެ ޕްލޭންގެ މަސައްކަތް ފެށުން އަނެއްކާ ވެސް ވިލާއިން މަޑުޖައްސައިލީ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެ ފަހުން ކާޑެއްދޫ އެއާޕޯޓު ސަރުކާރަށް އަނބުރާ ހަވާލުކުރަން އެދުނެވެ. އެކަމަށް ވިލާ އެއާ ކުންފުނިން ހުށަހެޅީ، ދައުލަތުން 21 މިލިއަން ޑޮލަރު ދޭ ގޮތަށެވެ. އެ ހުށަހެޅުމާ ގުޅިގެން ރައީސް އޮފީހުން ބެލި ބެލުމުން، ކާޑެއްދޫ އެއާޕޯޓުގެ އަގަކީ، 18.5 މިލިއަން ޑޮލަރެވެ. އެއާޕޯޓު ތަރައްގީކުރަން ޖާމިނުކޮށް އެ ކުންފުންޏަށް އދ. އަތޮޅުން ދީފައިވާ ދެ ފަޅުގެ އަގަކީ 15 މިލިއަން ޑޮލަރެވެ. އެއީ ޖުމްލަ 33.5 މިލިއަން ޑޮލަރެވެ.
އެހެންކަމުން ކާޑެއްދޫ އެއާޕޯޓު އަނބުރާ ހޯދަން ވިލާ އެއާ ކުންފުންޏަށް ސަރުކާރުން ދެ ގޮތެއް ހުށަހެޅިއެވެ. އެއީ:
- ފުރަތަމަ ގޮތަކީ ސަރުކާރަށް އެއާޕޯޓު ހަވާލުކުރުމަށް ޓަކައި، އެ އެއާޕޯޓަށް ވިލާ އެއާ ކުންފުނިން ކޮށްފައިވާ ޚަރަދުގެ ބަދަލުގެ ގޮތުގައި 18 މިލިއަން އެމެރިކާ ޑޮލަރު، 18 މަސް ދުވަހަށް ބަހައިގެން އެ ކުންފުންޏަށް ދެއްކުން.
- ދެވަނަ ގޮތަކީ ވިލާ ގްރޫޕުގައި ހިމެނޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ޓެކްސް ފައިސާއިން 18 މަސް ދުވަހަށް ބަހައިގެން އެޖަސްޓްމަންޓު ހެދުން.