އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލުން ލީޑްސް ޔުނައިޓެޑް ކޮޅަށް ފަސް ލަނޑު ޖަހައިފިއެވެ.
އާސެނަލްގެ ދަނޑުގައި ކުޅުނު މި މެޗު އެ ޓީމުން ކާމިޔާބުކޮށްފައިވަނީ 5-0 އިންނެވެ.
އާސެނަލުންވަނީ 34 ވަނަ މިނެޓުގައި އެ ޓީމަށް ލިބުނު ކޯނަރަކުން މެޗުގެ ލީޑު ނަގައިފައެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ޖޫރިއަން ޓިމްބާއެވެ. އާސެނަލުން ކާމިޔާބު ކުރި ދެވަނަ ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބުކާޔޯ ސާކާއެވެ. މި ލަނޑު ޖެހުމުގެ ކުރިން އާސެނަލްގެ ކެޕްޓަން މާޓިން އޮޑެގާޑަށް އަނިޔާވެގެން ވަނީ ބާލާފައެވެ.
މެޗުގައި އާސެނަލުން ކާމިޔާބު ކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ ކުޅުން ފެށިތާ ތިންވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މި ސީޒަންގައި އަލަށް ގުޅުނު ވިކްޓާ ގިޔޮކެރޭސްއެވެ. މިއީ އޭނާ އާސެނަލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑުގެ އިތުރުން ލީގުގައި ވެސް ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ. އާސެނަލްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑު ވެސް ކާމިޔާބުކޮށްދިން ޓިމްބާއެވެ. އަދި، ފަހު ލަނޑު އިތުރު ވަގުތުގެ ފަސްވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްފައިވަނީ ގިޔޮކެރޭސްއެވެ.
މެޗުގައި އާސެނަލުން ވަނީ އުމުރުން 15 އަހަރުގެ މެކްސް ޑޯމަންއަށް ޕްރިމިއާ ލީގުގައި ފުރަތަމަ މެޗު ކުޅުމުގެ ފުރުސަތު ދެވަނަ ހާފުގައި ދީފައެވެ. އޭނާ ވެފައިވަނީ އާސެނަލަށް ޕްރިމިއާ ލީގުގައި ކުޅުނު ދެވަނައަށް އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ.
މި ކާމިޔާބީއާ އެކު އާސެނަލުން މިވަނީ މި ސީޒަންގައި ލީގުގައި މިހާތަނަށް ކުޅުނު ދެ މެޗު ކާމިޔާބުކޮށް، ލަނޑުގެ ތަފާތުން ޓޮޓްނަމް ހޮޓްސްޕާއަށް ވުރެ ކުރި ހޯދާ އެއްވަނައަށް އަރާފައެވެ. އަދި، ލީޑްސް އުޅެނީ ތިން ޕޮއިންޓާ އެކު 11 ވަނައިގައެވެ. މުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު ބޯންމޯތުންވަނީ ވުލްވަހެމްޕްޓަން ވޮންޑަރާސް 1-0 އިން ބަލިކޮށް ލީގުގައި ފުރަތަމަ ކާމިޔާބީ ހާސިލުކޮށްފައެވެ. އަދި، ބްރެންޓްފަޑުން 1-0 އިން އެސްޓަންވިލާ ބަލިކޮށް ލީގުގައި ފުރަތަމަ ކާމިޔާބީ ހޯދާފައިވާއިރު ބާންލީން ވެސް ވަނީ ސަންޑަލަންޑް 2-0 އިން ބަލިކޮށް ލީގުގައި ފުރަތަމަ ކާމިޔާބީ ހާސިލުކޮށްފައެވެ.