ޑި ބްރުއިނާގެ ލަނޑާ އެކު ނަޕޯލީ މޮޅުވިއިރު އޭސީ މިލާނަށް ބައްޔެއް

އިޓާލިއަން ސެރީއާގެ އާ ސީޒަންގައި އެންމެ ފަހުގެ ޗެމްޕިއަން ނަޕޯލީން ސަސުއޮލޯ ބަލިކޮށް، ފެށުން ރަނގަޅުކޮށްފިއެވެ.

ސަސުއޮލޯގެ ދަނޑުގައި ކުޅުނު މި މެޗު ނަޕޯލީން ކާމިޔާބުކޮށްފައިވަނީ 2-0 އިންނެވެ.

މެޗުގެ ފުރަތަމަ ލަނޑު ޖަހައި، ލީޑު ނަޕޯލީން ނަގާފައިވަނީ 17 ވަނަ މިނެޓުގައި ސްކޮޓް މެކްޓޮމިނޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މެކްޓޮމިނޭ ވަނީ މިދިޔަ ސީޒަންގައި ކުޅުނު 34 މެޗުގައި 12 ލަނޑު ކާމިޔާބުކޮށްދީ، މިދިޔަ ސީޒަންގައި ސެރީއާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހާސިލުކޮށްފައިވާ ކުޅުންތެރިޔާއެވެ. މެޗުގައި ނަޕޯލީގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ 10 އަހަރު ވަންދެން މެންޗެސްޓާ ސިޓީއަށް ކުޅުމަށް ފަހު މި ސީޒަންގައި ފްރީ ޓްރާންސްފާއެއްގެ ދަށުން ނަޕޯލީއަށް ބަދަލުވެ، ސެރީއާގައި ނަޕޯލީއަށް ފުރަތަމަ މެޗު ކުޅެމުންދިޔަ ތަޖުރިބާކާރު މިޑްފީލްޑަރު ކެވިން ޑި ބްރުއިނާއެވެ.

މެޗު ނިމެން 11 މިނެޓަށް ވެފައިވަނިކޮށް ސަސޮއުލޯގެ އިސްމާއީލް ކޯނޭއަށްވަނީ ދެވަނަ ރީނދޫ ކާޑާ އެކު ރަތްކާޑެއް ވެސް ދައްކާފައެވެ.

މި ކާމިޔާބީއާ އެކު ނަޕޯލީގެ ފެށުން ރަނގަޅުކުރިއިރު ސެރީއާގައި ފާހަގަކޮށްލެވޭ އޭސީ މިލާންގެ ނަސީބު އެހާ ރަނގަޅެއް ނުވިއެވެ. މި ސީޒަންގައި ސެރީއާއަށް އަލަށް ޕްރޮމޯޓްވި ކްރެމޮނެސޭއާ އަމިއްލަ ދަނޑުގައި ވާދަކުރި މެޗު 2-1 އިން ކާމިޔާބުކޮށްފައިވަނީ ކްރެމޮނޭސޭއެެވެ. މެޗުގެ ފުރަތަމަ ލަނޑު 28 ވަނަ މިނެޓުގައި ޖަހައި، ލީޑު ނަގާފައިވަނީ ކްރެމޮނޭސޭއެވެ. މި ލަނޑު ކާމިޔާބުކޮށްދިނީ ފެޑެރީކޯ ބަޝްޗިރޯޓޯއެވެ. މެޗުގައި މިލާނުން ކާމިޔާބުކުރި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ އެއްވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސްޓްރަހިންޔާ ޕަވްލޮވިޗެވެ.

ނަމަވެސް، ކްރެމޮނޭސޭއިންވަނީ 61 ވަނަ މިނެޓުގައި ފެޑެރީކޯ ބޮނަޒޯލީ ކާމިޔާބުކޮށްދިން ލަނޑުން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނަގާފައެވެ. މެޗުގައި މިލާންގެ ޓީމުން ލޫކާ މޮޑްރިޗް ފެނުނު ނަމަވެސް އޭނާއަށް މެޗުގައި މިލާން ސަލާމަތްކޮށްދެވޭ ގޮތެއް ނުވިއެވެ. މުބާރާތުގައި ގެނޯއާއާއި ލެއްޗޭ ބައްދަލުކުރި މެޗު ނިމުނީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި އެއްވަރުވެގެންނެވެ.

comment ކޮމެންޓް