ކުރީގެ އަތޮޅުވެރިޔާ، އުތީމު އާދަމްބެއަށް ޝަރަފުގެ އިއްޒަތް އަރުވައިފި

ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އާދަމް އަބްދުއްރަހްމާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް

ސާޅީސް ދެ އަހަރު ވަންދެން ދިގު މުއްދަތަކަށް ގައުމަށް ޚިދުމަތްކުރެއްވި، ހއ، އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) އަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް މިއަދު އަރުވައިފިއެވެ.

ރައީސް، އާދަމްބެއަށް އެ ޝަރަފު އެރުއްވީ ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން ހއ. އުތީމުގައި މިހާރު ކުރިއަށްދާ ރަސްމީ ޖަލްސާގައެވެ.

އުތީމުގެ ކަތީބުގެ މަގާމުން އޮގަސްޓް 26، 1965 ގައި ޚިދުމަތްކުރައްވަން ފެށްޓެވި އާދަމްބެ ވަނީ، 15 އަހަރުވަންދެން އެ މަޤާމު އަދާކުރައްވައި، އޭގެ ފަހުން ހއ. އަތޮޅުގެ އަތޮޅުވެރިޔާގެ މަޤާމު ވެސް ތިން ފަހަރެއްގެ މަތިން، 11 އަހަރުވަންދެން ފުރުއްވައިފައެވެ.

ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އާދަމް އަބްދުއްރަހްމާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް

އުތީމުގެ ކަތީބުކަމުގައި އާދަމްބެ ކޮށްދެއްވި ޚިދުމަތްތަކަށް ބަލާލާއިރު، 1970ގެ އަހަރުތަކުގައި އަތޮޅުތަކުގެ ރަށްރަށަށް ދިމާވި ކާޑު ލިބުން ދަތިވި މައްސަލަ ހައްލުކުރެއްވުމަށްޓަކައި އެޅުއްވި ފިޔަވަޅުތައް ފާހަގަ ކޮށްލެވެއެވެ.

އޭގެ އިތުރުން، އޭރުގެ އަތޮޅުތަކާ ބެހޭ މިނިސްޓްރީން ރަށްރަށް ތަރައްގީކުރުމުގެ މަޝްރޫއުތައް ހިންގި ދުވަސްވަރު މާލޭން ރަށްރަށަށް ތަކެތި ގެންގޮސްގެން، މަސައްކަތްކުރާ ބަޔަކަށް އަގުދީގެން، އަތޮޅު އޮފީސް ނުވަތަ ރަށުއޮފީހުގެ ބެލުމުގެ ދަށުން ކުރާ ކަމެއްގެ ގޮތުގައި އެކަންކަން އޮތް އޮތުން ކޮންޓްރެކްޓް އުސޫލަށް ބަދަލުކުރުމަށް ހުށަހަޅުއްވައި އޭރުގެ މިނިސްޓަރަށް ދަންނަވައިގެން އެ އުސޫލުތައް ބަދަލުކުރައްވާފައިވެއެވެ.

ހަމަ އެއާއެކު، ކުރިން މާލޭން ނޫނީ ނުލިބޭ އިދާރީ ބައެއް ޚިދުމަތްތައް ވެސް ރަށްރަށުންނާއި އަތޮޅުތަކުން ލިބޭނެ ގޮތް ހައްދަވައިދެއްވުމަށް އާދަމްބެ ކުރެއްވި މަސައްކަތުގެ ސަބަބުން، ބައެއް ޚިދުމަތްތައް ރަށްރަށަށާއި އަތޮޅުތަކަށް ފުޅާވެގެން ދިޔައެވެ.

ހއ. އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އާދަމް އަބްދުއްރަހްމާނަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވަނީ --- ފޮޓޯ: ރައީސް އޮފީސް

އަތޮޅުވެރިކަން ކުރެއްވުމަށް ފަހު އާދަމް ވަނީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުގެ މަގާމު ތިން އަހަރަށްވުރެ ދިގު މުއްދަތެއް ވަންދެން ފުރުއްވައި، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު، ޒަމާނަށް ދެމިހުންނަނިވި ތާރީޚީ ބިނާއެއްގެ ގޮތުގައި ބެހެއްޓެވުމަށް ވަރަށް ޚާއްސަ އިސްކަމެއް ދެއްވައި، މަސައްކަތް ކުރައްވައިފައެވެ.

އަދި ބައެއް ސްކޫލްތަކުގެ ޕްރިންސިޕަލްގެ މަގާމު ވެސް ފުރުއްވައި، ދިވެހި ބަހާއި އަދަބިއްޔާތުގެ ރޮނގުން ވެސް އާދަމްބެ ޚިދުމަތްކުރައްވާފައި ވެއެވެ.

ފާހަގަކުރެވޭ ގޮތުގައި ދިވެހި އަދަބިއްޔާތަށް ޚިދުމަތް ކުރުމުގެ ދާއިރާއިން ޅެންހެދުމުގެ ރޮނގުން 2004ވަނަ އަހަރު އާންމު ޚިދުމަތުގެ ހިތްވަރުދިނުމުގެ އިނާމުގެ އިތުރުން، އޭގެ 12 އަހަރު ފަހުން 2016 ވަނަ އަހަރު ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ވެސް އާދަމްބެއަށް ލިބިވަޑައިގެންފައިވެއެވެ.

comment ކޮމެންޓް