މެޒޯ މޯޑާއި މައުރޫފް ހިމެނޭހެން 13 ފަރާތަކަށް ގައުމީ އިނާމު އަރުވައިފި

ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބިލެއްވި ބޭފުޅުން: އޭގެ ތެރޭގައި މައުރޫފް ވެސް ހިމެނޭ -- ފޮޓޯ/ ރައީސް އޮފީސް

މި އަހަރުގެ ކުރީކޮޅު ނިޔާވި މަޝްހޫރު ލަވަކިއުންތެރިޔާ މުހައްމަދު މާޖިދު (މެޒޯ މޯޑު)އާއި، ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު މުހައްމަދު މައުރޫފް ޖަމީލު ހިމެނޭހެން ތިން ބޭފުޅަކަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު، އަދި ހިތްވަރުދިނުމުގެ ޤައުމީ އިނާމު ނުވަ ބޭފުޅަކަށާއި ކުންފުންޏަކަށް ދީފިއެވެ.

ޤައުމީ ދުވަހުގެ މުނާސަބަތުގައި މިހާރު ކުރިއަށްދާ ރަސްމީ ޖަލްސާގައި އެ ފަރާތްތަކަށް އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.

މި އަހަރު ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބުނު މެޒޯ މޯޑުގެ ހަނދާނަށް އެ އިނާމު ލިބުނީ ޕާފޯމިން އާޓްސްގެ ދާއިރާއިންނެވެ. އަދި، މި ފަހުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ފުރުއްވި މައުރޫފަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބުނީ އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިންނެވެ.

މީގެ އިތުރުން، އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކޮށް ދީނަށް ޚިދުމަތްކުރުމުގެ ރޮނގުން ޝައިޚް އިސްމާއީލް މުހައްމަދަށް ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ލިބިފައިވެއެވެ.

ހިތްވަރު ދިނުމުގެ ޤައުމީ އިނާމު ލިބުނު ބޭފުޅުންގެ ތެރޭގައި ދިވެހި އަދަބިއްޔާތުގެ ދާއިރާއިން ފޮތް ލިޔެ ޝާއިއުކުރުމުގެ ރޮނގުން އިނާމު ހުސްނާ ފަހުމީއާއި، ހަމަ އެ ދާއިރާއިން ޅެންވެރިކަން ކުރިއެރުވުމުގެ ރޮނގުން އިނާމު ލިބުނު އިއްޒަތު އަޙްމަދު ނިޒާރާއި، ސިއްހީ ދާއިރާއިން ސިއްހީ ރޮނގުން ޚިދުމަތްކުރުމާއި މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށް މަސައްކަތްކުރުމުގެ ރޮނގުން އިނާމު ލިބުނު އެތެރެހަށީގެ ޚާއްސަ ޑޮކްޓަރު، ޑރ. އަބްދުލްއަޒީޒް ހަމީދު ހިމެނެއެވެ.

ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިލެއްވި ބޭފުޅުން: 13 ބޭފުޅަކަށް މި އަހަރު ގައުމީ އިނާމު ލިބުނު -- ފޮޓޯ/ ރައީސް އޮފީސް

މީގެ އިތުރުން، އުރީދުއަށް ވިޔަފާރިއާއި އިގުތިސާދުގެ ދާއިރާއިން ވިޔަފާރި ފުޅާކޮށް ތަރައްގީކުރުމުގެ ރޮނގުން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ލިބިފައިވެއެވެ.

ދެން ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހާސިލްކުރެއްވި ބޭފުޅުންނަކީ:

  • ސިއްހީ ދާއިރާއިން ދިވެހިބޭސްވެރިކަން ކުރުމާއި، އެ މަސައްކަތް ތަރައްގީކުރުމުގެ ރޮނގުން -
    އާމިރާ ސުލައިމާން / ފެހިއަލި، ބ. ކެންދޫ
  • އިޖުތިމާޢީ ރައްކައުތެރިކަމާއި، އިންސާނީ ހައްގުތައް ދިރުވައި ކުރިއެރުވުމުގެ ދާއިރާއިން ޚާއްސަ ރައްކާތެރިކަމާއި އަޅާލުން ބޭނުންވާ ކުދިންނާއި މީހުންނަށް ޚިދުމަތްކުރުމުގެ ރޮނގުން -
    ފާޠިމަތު އިބްރާހީމް / ކާނިމާގެ، ޅ. ހިންނަވަރު
  • އިޖުތިމާޢީ ޚިދުމަތުގެ ދާއިރާއިން ޖަމާޢަތަށް ފައިދާހުރިއެކި މަސައްކަތްތައް ކުރުމުގެ ރޮނގުން - އަޙްމަދު ވަހީދު އަލީ / ވެހި، ހއ. ކެލާ
  • މަސައްކަތްތެރިކަމުގެ ދާއިރާއިން އެކި ބާވަތުގެ މަސައްކަތްކުރުމާއި، އެ މަސައްކަތް ކުރިއެރުވުމުގެ ރޮނގުން - އަލީމުއްދީން / ވިކްޓަރީ، އައްޑޫ ފޭދޫ
  • މުއާސަލާތާއި، އިންފޮމޭޝަން ޓެކްނޯލޮޖީގެ ދާއިރާއިން ކޮމްޕިއުޓާ ސޮފްޓްވެއާ އާއި ސޮފްޓްވެއާ އެޕްލިކޭޝަން ތަރައްގީކުރުމުގެ ރޮނގުން - މުޙައްމަދު ޖައިލަމް / ޝާދީވިލާ، ގދ. ފިޔޯރީ
  • އަންހެނުންގެ ދާއިރާއިން އާންމުކޮށް އަންހެނުން ކޮށް ނޫޅޭ ބާވަތުގެ މަސައްކަތްކުރުމުގެ ރޮނގުން - ޒަހިއްޔާ މުޙައްމަދު / މުރީދުގެ، އއ. އުކުޅަސް

ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައަކާއި، ޝަރަފުގެ ބެޖާއި، ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވީ، ހަނދާނީ ފިލައަކާއި، ހަނދާނީ ލިޔުމެކެވެ.

comment ކޮމެންޓް