އުތީމު ދުވަސްވީ މީހުންގެ މައިޒާން ރައީސް ހުޅުވައިދެއްވައިފި

އުތީމު ދުވަސްވީ މީހުންގެ މައިޒާން ރައީސް ހުޅުވައިދެއްވަނީ: ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް މުއިއްޒާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައި -- ފޮޓޯ/ ރައީސް އޮފީސް

ހއ. އުތީމު އިސްރަށްވެހީންގެ މައިޒާން 'އޮނުހިޔާ' ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހުޅުވައިދެއްވައިފިއެވެ.

އޮނުހިޔާ ހުޅުވައިދެއްވުމަށްފަހު ބޮޑުތަކުރުފާނުގެ ހަނދާނުގައި ރައީސް މުއިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވަނީ އެ މައިޒާނުގައި ހައިވަކަރު ދެ ގަސް އިންދަވާފައެވެ.

މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި އުތީމުގައި ކުރިއަށް ގެންދާ ރަސްމީ ހަރަކާތްތަކުގެ ތެރޭގައި ޣާޒީ ބަންޑާރައިންގެ އަސަރުތައް ދިރުވުމުގެ މަޝަރޫއުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވުމުގެ ގޮތުން ބޮޑުތަކުރުފާނު ދޮރާށީގެ ބިންގާވެސް މިއަދު ވަނީ އަޅުއްވާފައެވެ. އެ ދޮރާށީގެ ބިންގާ އަޅުވައިދެއްވީ ދިވެހި ބަހާ، ތަރިކައާ ބެހޭ ވަޒީރު އާދަމް ނަޞީރު އިބްރާހީމެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި ބޮޑުތަކުރުފާނު ދޮރާށި ފަރުމާކޮށްފައިވަނީ ކަޅުއޮށްފުންމީގެ ހަ ބަތަލުންނާއި، އިސްލާމް ދީން އިޔާދަކުރެއްވުމާއި، ދިވެހިންގެ ސަގާފަތާއި މިނިވަންކަން ރަމްޒުކޮށްދޭ ގޮތަށެވެ.

އެގޮތުން ދިވެހިންގެ އެވޭލާ މިސްކިތްތަކުން ފެންނަ ތަނބުތައް ނަކަލުކޮށްފައިވާ ހަ ތަނބު ރަމްޒުކޮށްދެނީ ދިވެހިންގެ މިނިވަންކަމަށްޓަކައި ޖިހާދުކުރެއްވި ހަ ބަތަލުން ކަމަށާއި، ރޭގަނޑަށް ދިއްލޭ މި ހަ ބައްތިން ރަމްޒުކޮށްދެނީ ކަޅުއޮށްފުންމީގެ ހަ ބަތަލުން ދިވެހި ގައުމަށް ކުރެއްވި ޚިދުމަތްތަކުގެ ފަނޑުވުމެއްނެތް ހަނދާންތައް ކަމަށް އެ އޮފީހުން ބުންޏެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ އަރިހުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲގެ އިތުރުން ސަރުކާރުގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.

comment ކޮމެންޓް