ބިކިނީ ހެދުންތަކުން އުތީމު ގޮނޑުދޮށް 'ލަދުގަންނަވާލަން' ތާއީދެއްނުކުރަން: އާދަމްބެ

ހއ، އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ): އާދަމްބެ ވިދާޅުވީ އުތީމުގެ ބީޗުން ބިކިނީގައި ފަތުރުވެރިން ތިބުމަށް ތާއީދުނުކުރައްވާ ކަމަށާއި، ނަމަވެސް އެކަމަށްޓަކައި އެ ރަށު ޒުވާނުންނަށް ރަށް ކައިރިން ފިނޮޅެއް ދީ ގެސްޓްހައުސް ތަރައްގީކުރަން ރަނގަޅު ކަމަށް --- ފޮޓޯ: ރައީސް އޮފީސް

ފަހަރެއްގައި ވެސް ހއ. އުތީމުގެ ބީޗުން ބިކިނީގައި ފަތުރުވެރިން ތިބުމަށް ތާއީދުނުކުރައްވާ ކަމަށާއި، ނަމަވެސް އެކަމަށްޓަކައި އެ ރަށު ޒުވާނުންނަށް ރަށް ކައިރިން ފިނޮޅެއް ދީ، އެ ފިނޮޅު ރަށަކަށް ތަރައްގީކޮށް ގެސްޓްހައުސް އަޅައި ވިޔަފާރިކުރަން ފަހިކޮށްދިނުން ރަނގަޅު ކަމަށް ހއ، އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ އާދަމް އަބްދުއްރަހްމާން (އުތީމު އާދަމްބެ) މިއަދު ވިދާޅުވެއްޖެއެވެ.

ދައުލަތަށް 42 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އާދަމްބެއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން އުތީމުގައި ބޭއްވި ރަސްމީ ޖަލްސާގައި ނިޝާން ދިޔަމިގިލީގެ ޝަރަފުގެ އިއްޒަތް އަރުވައިފައެވެ. އަތޮޅުވެރިކަން ކުރެއްވުމުގެ އިތުރުން، އުތީމުގެ ކަތީބުކަމާއި ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ މުދީރުކަމާއި ބައެއް ރަށްރަށުގެ ސްކޫލުތަކުގެ ޕްރިންސިޕަލްކަން ވެސް އާދަމްބެ ކުރައްވާފައިވެއެވެ.

މިއަދުގެ ޖަލްސާގައި ދެއްކެވި ވާހަކައިގައި އާދަމްބެ ވިދާޅުވީ، ޒަމާން ބަދަލުވެއްޖެ ކަމަށެވެ. އެގޮތުން، ކަނޑުމަގުން ކުރި ދަތުރުތައް ވައިގެ މަގަށް ބަދަލުވުމާއި ރިޔަލު ދޯނީގައި ކުރި ދަތުރުތައް ހައިސްޕީޑް ލޯންޗަށް ބަދަލުވި ގޮތުގެ މިސާލު އާދަމްބެ ނެންގެވިއެވެ.

އެއާއެކު ވެސް، އިސްލާމީ ރިވެތި އުސޫލުގައި ހިފެހެއްޓުމަށް ނަސޭހަތްތެރިވެ އާދަމްބެ ވިދާޅުވީ، ރިވެތި އުސޫލުތަކުގެ މަގުން ހިނގޭނީ އަސާސްތައް ހަރުދަނާކޮށްގެން ކަމަށެވެ.

އުތީމު އާދަމްބެ: އޭނާ ވިދާޅުވީ، އުތީމުގައި ގެސްޓްހައުސް އަޅަން ތާއީދުނުކުރާ ކަމަށް -- ފޮޓޯ/ ރައީސް އޮފީސް

އެހެންނަމަވެސް އަޅުގަނޑުމެން ދަތުރުކުރަން މަގު ހިފަން ވާނީ އިސްލާމީ ރިވެތި އުސޫލުގެ މަގުން، އަޅުގަނޑުމެން ދަތުރުކުރަން އަރަން ވާނީ ދިވެހިވަންތަ ޤައުމީ ތަރުބިއްޔަތުގެ އުޅަނދަށް، އަޅުގަނޑުމެން ލަފަންވާނީ އަޅުގަނޑުމެންގެ ހިތްހަމަޖެހޭ އުފާވެރި އަމާން ޤައުމިއްޔަތުގެ ބަނދަރަށް،އާދަމް އަބްދުއްރަހްމާން - ހއ، އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ

އާދަމްބެ ވިދާޅުވީ، ސަރުކާރުން ބޭނުންވަނީ އުތީމު އުތީމުގެ ގޮތުގައި ބާއްވަން ކަމަށާއި އެ ރަށުގެ ޒުވާނުން ބޭނުންވަނީ ރަށުގެ މަގުތައް ރީތިކޮށް ހަދައި، ގެސްޓްހައުސްތަކުގެ ވިޔަފާރިއާ ދިމާލަށް ދިއުމަށް ކަމަށެވެ.

އެއާއެކު، 1950ގެ ދުވަސްވަރު އުތީމު ރައްޔިތުންގެ ފުދުންތެރިކަން ފަރުޖެއްސުމަށްޓަކައި ސަރުކާރުން ފަޅު ރަށެއް ހަމަޖެއްސި ކަމަށާއި އެ ފަޅުރަށުން ކާއްޓާއި ރުކުރަލާއި ކަނޑޫފާ ފަދަ ތަކެތި ލިބިގަނެ، ރައްޔިތުންގެ ފުދުންތެރިކަން ފަރުޖައްސަމުން ދިޔަ ކަމަށް އާދަމްބެ ވިދާޅުވިއެވެ. އެކަމަކު، މިއަދު އެ މަސައްކަތްކުރަން މީހުން ބޭނުންނުވާ ކަމަށާއި ސަބަބަކީ މިއަދު މަސައްކަތްކުރުމަށް ފަހި މަގުތަކެއް ތަނަވަސްވެ އޭގެ ނަތީޖާ ފެންނަމުން ދާތީ ކަމަށް އާދަމްބެ ވިދާޅުވިއެވެ.

އަޅުގަނޑު ފަހަރެއްގައި ވެސް އުތީމު ތުނޑީގެ ތާހިރު ދޮން ވެލިގަނޑާއި އެ ތަނާ ގުޅިފައި އޮތް އަލި ރަހަފޮދެއް ފަދަ ފެހިކުލައިގެ މޫދު ބިކިނީ ހެދުންތަކުން ލަދުގަންނަވާލާކަށެއް ތާއީދެއް ނުކުރާނަން. ފަހަރެއްގައި ވެސް އަޅުގަނޑުމެން ދިރިއުޅޭ ވެށީގައި މައުސޫމް ޅަދަރިންގެ ކުރިމަތީގައި އަޅުގަނޑުމެންގެ އިހުތިރާމު ލިބިގެންވާ މައިންބަފައިންގެ ކުރިމަތީގައި ޣައިރު މުސްލިމުންގެ ނޭވާތަކުން އެ ވެށި ތަޣައްޔަރުކުރާކަށް ވެސް އަޅުގަނޑު އެއްބަހެއް ނުވާނަން،އާދަމް އަބްދުއްރަހްމާން - ހއ، އަތޮޅުގެ ކުރީގެ އަތޮޅުވެރިޔާ

އިތުރަށް އާދަމްބެ ވިދާޅުވީ، އުތީމުގެ ބީޗް ސަރަހައްދުން ބިކިނީ ލައިގެން މީހުން ތިބެން ތާއީދުނުކުރައްވާ ކަމަށާއި ރަށުގައި ދިރިއުޅޭ ކުޑަކުދިންގެ ކުރިމަތީގައި އެ މަންޒަރު ފެނި އިސްލާމްދީނާ ބީރައްޓެހި އާދަކާދަތަކުން ރަށް "ތަޣައްޔަރުކުރަން" ބޭނުންނުވާ ކަމަށެވެ.

https://sun.mv/210360

އެކަމަކު، އުތީމުގެ ޒުވާނުން ސައިކަލު ދުއްވާނެ ތަނަކާއި ގެސްޓްހައުސް އަޅާނެ ބިން ބޭނުންވާ ކަމަށް އާދަމްބެ ވިދާޅުވިއެވެ.

"އާދެ، އަޅުގަނޑުގެ މޮހޮރުގެ ބޮލުގައި ޖަހާލާނަން، އަޅުގަނޑު ދަންނަވަން މިއުޅެނީ މިއަދު އަޅުގަނޑުމެން މިތިބި ހިސާބުން އުތީމުގެ ޒުވާނުންނަށް އެކަން ފަހިކޮށްދެއްވުމަށްޓަކައި މިތާ ދާދި ކައިރީގައި ފިނޮޅުތައް އެބަހުރި، އޭގެން ފިނޮޅެއް ރަށަކަށް ބަދަލުކޮށްލައްވާފައި މި މީހުންނަށް ދެއްވައިފިއްޔާ އެ ތަނުގައި އެ މީހުން ގެސްޓްހައުސް އަޅާނެއޭ ޓޫރިޒަމް ވިޔަފާރިކުރާނެއޭ ޑޮލަރު ހޯދާނެއޭ، އޭގެ ފައިދާ އެ މީހުންގެ ދިރިއުޅުމަށް ކުރަމުން ދާނެ،" އާދަމްބެ ވިދާޅުވިއެވެ.

އާދަމްބެ ވިދާޅުވީ، އެގޮތަށް ބޮޑުތަކުރުފާނުގެ އަސަރާ އެކު އުތީމު ބޭއްވޭނެ ކަމަށެވެ.

ވާހަކަ ކުރުކޮށްލެއްވުމުގެ ކުރިން އާދަމްބެ ވަނީ، އީމާންކަމުގެ ތޮށިގަނޑު ވަރުގަދަކޮށް، އިސްލާމީ ރިވެތި ހަމަތަކުގެ މަތީގައި ތިބުމަށް ނަސޭހަތްތެރިވެވަޑައިގެންފައެވެ.

https://sun.mv/210234

ފާހަގަކޮށްލެވޭ ގޮތުގައި ރައީސް މުއިއްޒު ވެސް މި ފަހުން ވަނީ ގެސްޓްހައުސް ހިންގާ ރަށްރަށުގައި އެ ވިޔަފާރި ދީނީ ހުދޫދުތަކުގެ ތެރެއިން ކުރަން އިލްތިމާސްކުރައްވާފައެވެ. އެ މަނިކުފާނު ވިދާޅުވީ، ލޯކަލް ޓޫރިޒަމް ކުރިއަށްގެންދާއިރުގައި ދިވެހީންގެ އިންތައް ހިފަހައްޓަން ވަރަށް ވިސްނަންޖެހޭ ކަމަށެވެ. އަދި، މުއްސަނދިކަން ހޯދަން މަސައްކަތް ކުރާއިރު، އެ މަސައްކަތުގައި ބަރަކާތް ލައްވާނީ އިސްލާމް ދީނުގައި ބުނެދޭ ހަމަތަކުގެ މަތިން ކުރިއަށްދިޔުމުން ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް، ދީނާއި ގަވައިދުތަކާ ޚިލާފަށް އަމަލުކުރާ ކަމުގެ ކަންބޮޑުވުން މިސާލަކާ އެކު ރައީސް ފާޅުކުރެއްވިއެވެ.

ލޯކަލް ޓޫރިޒަމް ހިންގާ ބައެއް ރަށްރަށުގައި އެގޮތަށް ކަންތައް ކުރި ނަމަވެސް، އެއީ ހެއްދެވި ފަރާތަށް އޮޅުވާލެވޭނެ ގޮތެއް ނޫން ކަމަށާއި އެފަދަ ގޮތަކަށް މުއްސަނދިކަން ހޯދުމުން ލިބޭ އެއްޗެެއްގައި ބަރަކާތްނުލައްވާނެކަން ރައީސް ތަކުރާރުކުރެެއްވިއެވެ.

comment ކޮމެންޓް