ހދ. ހިރިމަރަދޫ ރައްޔިތުން އެ އަތޮޅު ހަނިމާދުއަށް ބަދަލުކުރަން ސަރުކާރުން ނިންމުމާއެކު، އެ ރަށުން ބަދަލުވާން ބޭނުންވާ ރައްޔިތުންނަށް ބޭނުންވާ ބޯހިޔާވަހިކަން ދޮޅު އަހަރުތެރޭ ގާއިމުކޮށް ތަޅުދަނޑި ހަވާލުކޮށްދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އަރުވައިފިއެވެ.
ހިރިމަރަދޫ ރައްޔިތުން ކ. ތުލުސްދުއަށް ބަދަލުކޮށްދޭން އެ ރަށު ކައުންސިލުން ސަރުކާރުގައި އެދިފައިވަނިކޮށް، ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ބަދަލުކުރަން ނިންމާފައިވާކަން ސަރުކާރުން ހާމަކުރީ މިއަހަރުގެ ފެބްރުއަރީ ހަތަރެއްގައެވެ.
ރައީސް މުއިއްޒު މިވަގުތު ހދ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ އެ އަތޮޅު ހިރިމަރަދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ހިރިމަރަދޫގައި ހުރި ކޮންމެ ގޯއްޗަކަށް ހަނިމާދޫން ގެއެއް ލިބޭނެ ކަމަށެވެ. އަދި އެންމެ ގިނަ ވެގެން 18 މަސް ދުވަސްތެރޭ ގޯތިތަކުގެ މަސައްކަތް ނިންމައި، ރައްޔިތުންނާ ތަޅުދަނޑި ހަވާލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހިރިމަރަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަދައްކަވަނީ -- ފޮޓޯ/ ރައީސް އޮފީސް
އެހެން ނަމަވެސް އެ ރަށަށް ބަދަލުވާން އެއްވެސް ރައްޔިތަކަށް މަޖުބޫރު ނުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެންމެ ގިނަވެގެން 18 މަސް ދުވަސްތެރޭ ނިންމައި ހަވާލުކުރާނަން. ގޯތި ހަވާލުކުރާނީ އެއްކޮށް ނިންމައި ރައްޔިތު މީހާއަށް ތަޅުދަނޑި ހަވާލުކުރާ ގޮތަށް. އަޅުގަނޑުމެން އެއްވެސް ރައްޔިތަކަށް މަޖުބޫރެއް ނުކުރާނަން ބަދަލުވާކަށް. ދާން ބޭނުން ރައްޔިތުންނަށް އެ ފުރުސަތު ދެނީ، ރައީސް ޑރ. މުހައްމަދު މުއިއްޒު
ރައީސް ވިދާޅުވީ ގޯތިތަކުގެ ތަޅުދަނޑި ހަވާލުކުރާނީ އެ ތަންތަނުގެ މުނިސިޕަލް ޚިދުމަތްތައް ވެސް ފުރިހަމަކުރުމަށްފަހު ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ ބަދަލުވާ ރައްޔިތުންނަށް އިގުތިސާދީ ގޮތުން ވެސް މަންފާ ލިބޭނެ ގޮތްތަކެއް ސަރުކާރުން ފަހިކޮށްދޭނެ ކަމަށެވެ. އަދި އެރަށުން ބަދަލުވާ ރައްޔިތުންނަށް ޚާއްސަ އެލަވަންސެއް ވެސް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މުސްތަގުބަލަށްޓަކައި އާބާދީއާއި ތަރައްގީ އެއްފަސްކުރުމަކީ އެމަނިކުފާނު ޚާއްސަ އިސްކަމެއް ދެއްވާނެ ކަމެއް ކަމަށެވެ.

ހިރިމަރަދޫ ރައްޔިތުންނަށް ހަނިމާދޫން ބޯހިޔާވަހިކަން ގާއިމުކޮށްދިނުން އެޗްޑީސީއާ ހަވާލުކުރުން -- ފޮޓޯ/ ރައީސް އޮފީސް
ހިރިމަރަދޫގެ ރައްޔިތުންނާ ރައީސް ބައްދަލުކުރެއްވި އެ ޖަލްސާގައި ހަނިމާދުއަށް ބަދަލުވާން ބޭނުންވާ ރައްޔިތުންގެ ބޯހިޔާވަހިކަމާއި މުނިސިޕަލް ޚިދުމަތްތައް ދޮޅު އަހަރު ތެރޭގައި ގާއިމްކުރުމަށް ހައުސިން ޑިވަލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ވަނީ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އެ އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔާޑް) އަލީ ޒުހައިރެވެ. އަދި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން އެންޑް ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ.
ހިރިމަރަދޫގެ އާބާދީއަކީ 589އެވެ. އެހެންނަމަވެސް، އެ ރަށު ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ވަނީ ރަށް ދޫކޮށް ހިޖުރަކޮށްފައެވެ. އެހެންވެ، މިހާރު އެ ރަށުގައި އުޅެނީ 200 އެއްހާ މީހުންނެވެ.
އެންމެ ފަހުގެ ބޯހިމެނުމުން ދައްކާ ގޮތުގައި ހަނިމާދޫގެ އާބާދީ 2,645 އަށް އަރައެވެ.

ހިރިމަރަދޫ ރައްޔިތުން -- ފޮޓޯ/ ރައީސް އޮފީސް
ސަރުކާރުގެ މި ނިންމުމާ ގުޅިގެން މީގެ ކުރިން ހަނިމާދޫ ކައުންސިލްގެ ނައިބު ރައީސް ފިރާގު މުޙައްމަދު ވަނީ މިކަމާ ގުޅިގެން ސަރުކާރުން އެއްވެސް މަޝްވަރާއެއް ކޮށްފައިނުވާ ކަމަށާއި ހިރިމަރަދޫ ރައްޔިތުން ހަނިމާދުއަށް ގެންނަން އެ ރަށުގެ ދެބައިކުޅަ އެއްބައި މީހުން ބޭނުންނުވާ ކަމަށް ވިދާޅުވެފައެވެ.
ހަނިމާދޫގެ ބައެއް ރައްޔިތުން މިކަމާ ނުރުހޭ ސަބަބެއް ކަމަށް އޭނާ ފާހަގަކުރެއްވީ، އެ ރަށުގައި އޮންނަ އިޖުތިމާއީ އަޚުލާގީ މިންގަނޑަށް އަސަރުކޮށް އަމާންކަމަށް ނޭދެވޭ އަސަރުކޮށްފާނެތީއެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މެދު އަދި ދުރު ރާސްތާއަށް ބަލާއިރު، ރާއްޖެއަށް އޮތް ހަމައެކަނި ހައްލަކީ އާބާދީއާއި ތަރައްގީ އެއްފަސްކުރުން ކަމަށް މީގެކުރިން ރައީސް މުއިއްޒު ވަނީ ވިދާޅުވެފައެވެ. އަދި ހައުސިން ޔުނިޓުތައް އެޅުމާއެކު، ކައިރި ކުދި ރަށްރަށުން މީހުން ހުސްކޮށް، ދައުލަތުގެ ޚަރަދު ކުޑަކުރެވި ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރެވޭނެ ކަމަށް މިނިސްޓަރު މުއްތަލިބު ވެސް މީގެކުރިން ވިދާޅުވިއެވެ.