މިއަދު މުހިންމީ ދިވެހީންގެ ބަނޑު ފުރާލައި، ގައުމު ދަރަނިން ސަލާމަތްކުރުން: އަދީބު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު: އަދީބު ވަނީ މި ގައުމުގެ އެންމެ މުހިންމު ގައުމީ ވާޖިބަކީ ދަރަނިން ސަލާމަތްވެފައިވާ ތަނަކަށް މި ގައުމު ހެދުން ކަމަށް ވިދާޅުވެފައި -- ސަން ފޮޓޯ/ މުހައްމަދު މާހިލް

މި ގައުމުގެ އެންމެ މުހިންމު ގައުމީ ވާޖިބަކީ ދިވެހީން ބަނޑުފުރާނަ މުއްތިކޮށް، ދަރަނިން ސަލާމަތްވެފައިވާ ތަނަކަށް މި ގައުމު ހެދުން ކަމަށް، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތާރީޚުގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ކަމަށްވާ އެމްއެމްޕީއާރްސީ ޚިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް 20 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ. އަދި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރިއެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ވަނީ މިހާރު ދައްކާފައެވެ. ފަހުން އަދީބު ވަނީ އެކަމަށް އިއުތިރާފުވެސް ވެފައެވެ.

މީގެ ކުރިން މި މައްސަލައިގައި އަދީބުގެ ފަރާތުން ވަނީ އެއްފަހަރާ އެ ފައިސާ ދައްކަން ދަތިވާނެ ކަމަށް ބުނެފައެވެ. މި މައްސަލައިގައި އަދީބު ދައްކަންޖެހޭ އެއް މިލިއަން ރުފިޔާގެ ޖޫރިމަނާ ހުކުމާ އެއްގޮތަށް ނުދައްކާތީ އެ މައްސަލަ ދައުލަތުން ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފައެވެ.

ކަން އެހެން އޮއްވައި މިއަދު ފާހަގަކުރާ ގައުމީ ދުވަހުގެ މުނާސަބަތުގައި އަދީބު "އެކްސް"ގައި ލިޔުއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި މި ގައުމުގެ އެންމެ މުހިންމު ވާޖިބަކީ ދިވެހީން ބަނޑުފުރާނަ މުއްތިކޮށް، ދަރަނިން ސަލާމަތްވެ، ބޯހިޔާވަހިކަން ލިބި، ހަމަޖެހޭ ދިރިއުޅުމެއްގައި އުޅެވޭ ބަޔަކަށް ދިވެހީން ހެދުމެވެ. އަދި ކޮންމެ ރައްޔިތަކީ އަމިއްލަ އީ-ވޮލެޓެއް އޮތް، ގައުމުގެ އިގްތިސާދުން ހިއްސާއެއް ލިބޭ ތަނަވަސް ދިވެހި ރައްޔިތަކަށް ހެދުން ކަމަށް އަދީބު ވިދާޅުވިއެވެ.

އެއާއެކު އަދީބު ވަނީ ކުރީގެ ދެ ރައީސުން ކަމަށްވާ އަބްދުالله ޔާމީން އަބްދުލްގައްޔޫމަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނުސީދާކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

ކާބަފައިން ކަންކުރީ އަމަލުން. އިސްލާހީ މަސައްކަތޭ، މަތިގެޔާ ތިރީގެޔޭ ކިޔާ ފޮނިކަނޑާ ފޮނިވާހަތަކާއި ޕޯޑިއަމްގައި ހަޅޭއްލަވާ ޅެންހަދާ އިނާމުދީ ހަފްލާތައް ބާއްވައިގެނެއް ނޫން. ބޮޑުތަކުރުފާނު މިގައުމު ސަލާމަތްކުރެއްވީ އަމަލުން. ބޭރުގެ އެހީއާއި އަދި ދިވެހި ރައްޔިތުންގެ ލޯތްބާއެކު،ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު

އެ ޚިޔާނާތް ހިނގީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައެވެ. އެ މައްސަލަ ބަލަން ވައުދުވެވަޑައިގެން ވެރިކަމަށް ވަޑައިގެން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ އެ މައްސަލައިގައި ޖަލުގައި ތިއްބެވި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތާއި އަދީބު ގޭ ބަންދަށް ބަދަލުކުރައްވައިފައެވެ. ފަހުން، ޞާލިޙް ވަނީ ދެ ބޭފުޅުންނަށް މާފުދެއްވާފައެވެ.

އެހެންވެ، އަދީބު މިހާރު ދިރިއުޅުއްވަނީ ރާއްޖޭން ބޭރުގައެވެ.

އެކަމަކު، މި ސަރުކާރުން މި އަހަރު ވަނީ އެމްއެމްޕީއާރްސީ މައްސަލައިގައި ދައުލަތުން ހަދާފައިވާ އިމިއުނިޓީ އެއްބަސްވުންތައް ބާތިލުކޮށްފައެވެ. އެ ގޮތުން، އަދީބާއި، މ. ލޭންޑް އޮފް ގާޑެން، އަޙްމަދު އިޝްފާޙް ޢަލީއާއި މ. ސެސްނާ، މުޙައްމަދު ޢައްލާމް ލަޠީފްގެ އިތުރުން ގ. އޮއިވާލި، މުޙައްމަދު ޙުސައިނާ އެކު ދައުލަތުން ހެދި އެއްބަސްވުން ވަނީ ބާތިލުކޮށްފައެވެ.

comment ކޮމެންޓް