ދާދި ފަހުން ނެރުނު ދިރާސާއަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ ތެރޭގައި ހުންނަ ގުނަވަންތަކުގެ ވަށައިގެން ފޮރުވިފައި ހުންނަ ސަރުބީތަކުގެ މިންވަރު ގުޅިފައިވަނީ ހިތުގެ އުމުރު މަތިވަމުންދާ މިންވަރު އަވަސްވުމާއެވެ. ބައެއް މީހުންގެ އުމުރުން ދުވަސްތައް ފާއިތުވާ މިންވަރު އަވަސް ކަމަށް އިހުސާސްކުރެވޭއިރު އަނެއް ބަޔަކަށް އުމުރުން ދުވަސްވާ މިންވަރު ލަސްކަމަށް ފާހަގަކުރެވެއެވެ.
ކޮންމެއަކަސް ހިތުގެ ދުވަސްވުމާ ގުޅުންހުރި މި ދިރާސާ ކުރިއަށް ގެންދިޔަ ސައިންސްޓިސްޓުން ބުނެފައިވާ ގޮތުގައި ހަށިގަނޑުގެ ތެރޭގައި ހުންނަ ސަރުބީއަކީ ހިތާއި ލޭހޮޅިތައް ދުވަސްވާ މިންވަރު އަވަސްކުރުމުގައި ދައުރު ބޮޑު އެއްޗެކެވެ.

ދާދިފަހުން ކުރެވުނު ދިރާސާއަކުން ދައްކާ ގޮތުގައި ހަށިގަނޑުގެ ގުނަވަންތަކުގައި ފޮރުވިފައި ހުންނަ ސަރުބީގެ ސަބަބުން ހިތަށް އޭގެ އަސަރުކުރޭ--ފޮޓޯ/އުކްރީ
މި ބާވަތުގެ ސަރުބީއަކީ ސިއްހަތަށް ގެއްލުންހުރި އެއްޗެއްކަން އެނގިފައިވާއިރު، މި ދިރާސާއިން އެނގުނު ގޮތުގައި އެކަން ގުޅިފައިވަނީ ހިތް އަވަހަށް ދުވަސްވުމާއެވެ.
މެޑިކަލް ރިސާޗް ކައުންސިލު (އެމްއާރުސީ)ގެ ލެބޯޓަރީ އޮފް މެޑިކަލް ސައިންސަސްގެ ސައިންޓިސްޓުން އިސްވެ ހިންގި މި ދިރާސާ ހެދުމަށް ސައިންޓިސްޓުން ވަނީ އިނގިރޭސިވިލާތުގެ ބަޔޯބޭންކުގެ 21،241 ބައިވެރިންގެ މައުލޫމާތު އެއްކޮށް މުތާލިއާކޮށްފައެވެ.
ޔޫރަޕިއަން "ހާޓް ޖާނަލް"ގައި ޝާއިއުކޮށްފައިވާ މި ދިރާސާގައިވަނީ ހަށިގަނޑުގައި ސަރުބީ ހުރި މިންވަރާއި ސަރުބީ ހުރި ތަންތަން ދެނެގަތުމަށް ބައިވެރިންގެ މުޅި ހަށިގަނޑުގެ ގުނަވަންތަކުގެ އިމޭޖިން މެޕެއް ބޭނުންކޮށްފައިވެއެވެ.
ފިރިހެނުންނާއި އަންހެނުންގެ މެދުގައި ތަފާތުތަކެއް ހުރިކަން ވެސް ފާހަގަކޮށްފައިވެއެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި އަންހެނުންގެ އުނަގަނޑާއި ފައިމަތީގައި ހުންނަ ސަރުބީއިން ހިތުގެ ދުވަސްވުން ލަސްކޮށްދޭ ކަމަށް ވެދާނެއެވެ.

އުމުރުން ދުވަސްވާ ވަރަކަށް ސިއްހަތާ މެދު ދޭ ސަމާލުކަން އިތުރުކުރުމަކީ ގިނަ ބަލިތަކުން ރައްކާތެރިކަން ހޯދުމުގެ ގޮތުން ކުރެވިދާނެ ކަމެއް--ފޮޓޯ/ޕިންޓްރެސްޓް
މި އިމޭޖްތައް ދިރާސާކުރުމަށް އާޓިފިޝަލް އިންޓެލިޖެންސް (އޭއައި)ގެ ބޭނުންކޮށްފައިވާއިރު އެއީ ހަށިގަނޑުގެ ގުނަވަންތައް ދުވަސްވަމުންދާކަމުގެ ނިޝާންތައް ފާހަގަކުރުމަށް ކަމަށް ދިރާސާގެ އިސްވެރިއަކު ވަނީ ބުނެފައެވެ. އޭގެ ތެރޭގައި ހަށިގަނޑުގެ ޓިޝޫތައް ހަރުވެ، ދުޅަވުންފަދަ ކަންކަން ދެނެގަތުން ހިމެނޭ ކަމަށް ސައިންޓިސްޓުންގެ ޓީމުން ވަނީ ބުނެފައެވެ.
މި ދިރާސާއިން އެނގުނު ގޮތުގައި ހިތުގެ އުމުރު އަވަހަށް މަތިވުން ގުޅިފައިވަނީ ގިނަ މިންވަރަކަށް ވިސްސެރަލް އެޑިޕޯސް ޓިޝޫ ހުރުމުންނެވެ. ވިސްސެރަލް އެޑިޕޯސް ޓިޝޫއަކީ ބަނޑުގެ އެތެރޭގައި އުފެދޭ ސަރުބީތަކެވެ.
މިސާލަކަށް މަޢިދާ، ގޮހޮރު އަދި ޔަކުނުގެ ވަށައިގެން މި ސަރުބީ ހުންނަ ކަމަށް ސައިންޓިންސްޓުން ވަނީ ބުނެފައެވެ. ބައެއް މީހުންނަކީ ހަށިގަނޑުގެ ބަރުދަން ރަނގަޅު މީހުން ކަމަށް ވިޔަސް ގިނަ މިންވަރަކަށް ވިސްސެރަލް ސަރުބީ ބޭރަށް ނުފެނި އެމީހުންގެ ހަށިގަނޑުގައި ހުރެދާނެ ކަން ވެސް މި ދިރާސާއިން ވަނީ އެނގިފައެވެ.
ވިސްސެރަލް ސަރުބީ ގުޅިފައިވަނީ ހަށިގަނޑުގައި އިންފްލަމޭޝަން އިތުރުވުމާ ކަމަށް ލޭގެ ޓެސްޓުތަކުން ދައްކާ ކަމަށް ދިރާސާކުރި ފަރާތްތަކަށް ދެނެގަނެވިފައިވާއިރު މިއީ އަވަހަށް ދުވަސްވުމުގެ ސަބަބަކަށް ވުމުގެ ފުރުސަތު ބޮޑު ކަމަށް ދިރާސާވެރިން ވަނީ ބުނެފައެވެ.
ފިރިހެނުންގެ ބަނޑުގެ ވަށައިގެން ސަރުބީ ޖަމާވުން ނުވަތަ އާންމުކޮށް ކިޔާގޮތުން ނަމަ 'އޭޕަލް-ޝޭޕްޑް' ވުމަކީ ފިރިހެނުން އަވަހަށް ދުވަސްވުމުގެ ނިޝާނެއްކަން ފާހަގަކުރެވުނެވެ.
އެއާ ޚިލާފަށް އަންހެނުންގެ މައިގަނޑު ގޮތެއްގައި އުނަގަނޑާއި ފަލަމަސްގަނޑުގައި ސަރުބީ ޖަމާވުން ނުވަތަ އާންމުކޮށް ކިޔާގޮތުން 'ޕިއަ ޝޭޕްޑް'ވުމަކީ އަންހެނުންގެ ހިތުގެ އުމުރު މަތިވުމުން ރައްކާތެރިކޮށްދޭ ކަމެއްކަން މި ދިރާސާއިން ވަނީ ފާހަގަކުރެވިފައެވެ.
އެމްއާރުސީ ލެބޯޓަރީ އޮފް މެޑިކަލް ސައިންސަސް އަދި އިމްޕީރިއަލް ކޮލެޖް ލަންޑަންގައި މި ދިރާސާ އިސްކޮށް ކުރެއްވި ޕްރޮފެސަރު ޑެކްލަން އޯރީގަން ވިދާޅުވީ، "އެޕަލް އަދި ޕިއާ"ގެ ތަފާތު ހަށިގަނޑުގައި އުފެދޭ ސަރުބީގެ އަލީގައި ދެނެގަނެވުނު ނަމަވެސް އޭގެ ސަބަބުން ދުޅަހެޔޮ ނޫން ސިއްހަތަކަށް މަގުފަހިވާ ސަބަބު މިހާތަނަށް ސާފުވެފައި ނެތްކަމަށެވެ.
އެހެންނަމަވެސް, ހަށިގަނޑުގެ ގުނަވަންތަކުގެ ވަށައިގެން އުފެދޭ ސަރުބީތަކުގެ ސަބަބުން ހިތުގެ އުމުރު އަވަހަށް މަތިވާކަން ދެނެގަނެވުނު ކަމަށް ޕްރޮފެސަރު ޑެކްލަން އޯރީގަން ވަނީ ވިދާޅުވެފައެވެ.
އެގޮތުން, ހަރަކާތްތެރިވުމަކީ މުހިންމު ކަމެއް ކަމުގައިވީ ނަމަވެސް، ހަށިގަނޑުގައި ފޮރުވިފައިވާ ސަރުބީއަކީ ފިޓްނަސް ރަނގަޅު މީހުންނަށް ވެސް ގެއްލުންހުރި އެއްޗެއްކަން މި ދިރާސައިން ދެނެގަނެވިއްޖެ ކަމަށް ޕްރޮފެސަރު ޑެކްލަން އޯރީގަން ވަނީ ވިދާޅުވެފައެވެ.
"މުސްތަޤްބަލުގައި، އަޅުގަނޑުމެން ރާވާފައިވަނީ ޖީއެލްޕީ-1 އިންހިބިޓަސް (މިސާލަކަށް، އޮޒެމްޕިކް) ފަދަ ބޭސް ފަރުވާތަކުން ހަމައެކަނި ހަކުރު ބަލި އަދި ފަލަވުން ރަނގަޅުކުރުމުގެ ބަދަލުގައި، ފޮރުވިފައިވާ ވިސެރަލް ސަރުބީގެ ސަބަބުން ގުނަވަންތަކުގެ އުމުރު އަވަހަށް މަތިވުމަށް ހެޔޮ އަސަރުތަކެއް ކުރާނެ ފަރުވާއެއް ހޯދުމަށް އަމާޒުކުރެވޭނެ ގޮތްތައް ބަލައި ހޯދުން" ޕްރޮފެސަރު ޑެކްލަން އޯރީގަން ވިދާޅުވެފައިވެއެވެ.