ޔަހޫދީންނާ ދެކޮޅަށް ނަފްރަތު އުފެއްދުން ނުވަތަ އެންޓިސެމިޓިޒަމް ހުއްޓުވުމަށް ފްރާންސުން އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމަށް ބުނެ އެ ގައުމުގެ ރައީސް އިމަނުއެލް މެކްރޮންއަށް، އެމެރިކާއިން ފްރާންސަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޗާލްސް ކުޝްނާ ފޮނުއްވި ސިޓީއަކާ ގުޅިގެން އޭނާ ފްރާންސްގެ ޚާރިޖީ ވުޒާރާއަށް ހާޒިރުކޮށްފިއެވެ.
ފްރާންސްގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނަކު ވިދާޅުވީ ދަ ވޯލް ސްޓްރީޓް ޖާނަލްގައި ކުޝްނާ އާންމުކުރެއްވި ސިޓީގައި އޭނާ ވަނީ ފްރާންސުން އިސްރާއީލަށް ފާޑުކިޔާ ކަމަށާއި، ފަލަސްތީނު ދައުލަތެއް ބަލައިގަންނަން އެ ގައުމުން ނިންމި ނިންމުމާ ގުޅިގެން އެ ކަމަށް ފާޑު ކިޔައި ލިޔުއްވާފައެވެ.
"އިސްރާއީލަށް ފާޑުކިޔައި އާންމުކުރާ ބަޔާންތަކާއި ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ކުރާ އިޝާރާތްތަކުން ހަރުކަށި ފިކުރުގެ މީހުންނަށް ހިތްވަރުދީ، އަނިޔާވެރިކަން އިތުރުކުރުމަށް ތާއީދުކޮށް، ފްރާންސްގައި ޔަހޫދީންގެ ދިރިއުޅުމަށް ނުރައްކާވޭ،" އޭނާ ލިޔުއްވާފައިވެއެވެ.
ނަމަވެސް ފްރާންސުން ވަނީ އެކަން ދޮގުކޮށްފައެވެ. އަދި ސަފީރުގެ ފަރާތުން ކުރާ ތުހުމަތުތަކަކީ ބަލައިގަނެވޭނެ ތުހުމަތުތަކެއް ނޫން ކަމަށް ވެސް ފްރާންސްގެ ޚާރިޖީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.
ކުޝްނާ އެގޮތަށް ލިޔުއްވުމަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ޚިލާފު ކަމެއް ކަމަށާއި އެ ގައުމުގެ އެތެރޭގެ ކަންތައްތަކާ ބެހުމަކީ ސަފީރުގެ މަސްއޫލިއްޔަތެއް ނޫންކަމަށް ވެސް އެ ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ.
އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ވަނީ ކުޝްނާއާ އެއްކޮޅަށް ވާހަކަ ދައްކައި ދިފާއުކޮށްފައެވެ.
"ސަފީރު ކުޝްނާއަކީ ފްރާންސްގައި ހުންނަ އަޅުގަނޑުމެންގެ އެމެރިކާ ސަރުކާރުގެ މަންދޫބެއް. އަޅުގަނޑުމެންގެ ގައުމީ މަސްލަހަތު ކުރިއެރުވުމަށް ބޮޑު މަސައްކަތެއް ކުރައްވަމުން ގެންދަވާ،" އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާނު ޓޮމީ ޕިގޮޓް ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
ފްރާންސަށް ނިސްބަތްކޮށް ކުޝްނާ އެގޮތަށް ވާހަކަ ދައްކަވާފައިވާއިރު، އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވެސް ވަނީ ޔަހޫދީންނާމެދު ނަފްރަތުގެ އަމަލުތައް އިތުރުވެއްޖެ ކަމަށްބުނެ ފްރާންސްގެ ރައީސް އިމެނުއެލްއަށް މިދިޔަ ހަފްތާ ސިޓީއެއް ފޮނުއްވާފައެވެ. ނަތަންޔާހޫ އެ ސިޓީ ފޮނުއްވީ ފްރާންސުން ފަލަސްތީނު ދައުލަތް ބަލައިގަންނާނެ ކަމަށް އިއުލާނުކުރުމުން އެކަމާ ގުޅުވައި އެއީ ޔަހޫދީންނާމެދު ނަފްރަތު އުފެއްދުން ކަމަށް ބުނެއެވެ.
ފާއިތުވި ހަފްތާތަކުގައި ފްރާންސާއި ހުޅަނގުގެ އެހެން ގައުމުތަކުން ވަނީ އިސްރާއީލާއެކު ވިޔަފާރިއާއި ޑިޕްލޮމެޓިކް އަދި ސަލާމަތީ ގުޅުންތައް ދެމެހެއްޓި ނަމަވެސް، ފަލަސްތީނުގެ ދައުލަތެއް ބަލައިގަތުމަށް ތައްޔާރު ކަމަށް އިއުލާންކޮށްފައެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދަނބިދަރިކަލުންގެ ބައްޕަ އަދި ކުރީގެ އެޑްވައިޒަރު ޖޭރެޑް ކުޝްނާގެ ބައްޕަ، ކުޝްނާއަކީ 2005 ވަނަ އަހަރު، ހެކި ނައްތާލުމުގެ ކުށާއި ޓެކްސްއަށް މަކަރު ހެދުމުގެ ކުށް ސާބިތުވެފައިވާ މީހެކެވެ. ނަމަވެސް ޓްރަމްޕްގެ ފުރަތަމަ ދައުރުގައި އޭނާއަށް ވަނީ މައާފްދެއްވާފައެވެ.