ބުއްދި ހަމަ ނުޖެހޭތީ، ކޮއްކޮއާ ބެހުމުގެ ތުހުމަތުވާ ބޭބެގެ މައްސަލަ ދައުލަތުން ދޫކޮށްލައިފި

ހައި ކޯޓު: ކޮއްކޮއާ ބެހުމުގެ ތުހުމަތުވާ ބޭބެގެ މައްސަލަ ވަނީ ދައުލަތުން ދޫކޮށްލާފައި -- ސަމް ފޮޓޯ/ ފަޔާޒު މޫސާ

ސިކުނޑީގެ އުނިކަމެއް ހުއްނާތީ، ކޮއްކޮއާ ބެހުނު ކަމަށް ތުހުމަތުވާ ބޭބެގެ މައްސަލަ ދެން އިތުރަށް ކުރިއަށް ނުގެންދަން ދައުލަތުން ނިންމައި، މައްސަލަ ދޫކޮށްލައިފިއެވެ.

ރާއްޖޭގެ ދެކުނުގެ ރަށެއްގައި ބޭބެއަކު، އޭނާގެ 17 އަހަރުގެ އަންހެން ކޮއްކޮއާ ބެހުނުކަމަށް ތުހުމަތުވާ މައްސަލަ ފެންމަތިވީ 2022 ވަނަ އަހަރެވެ. އެ މައްސަލަ ދައުލަތުން އެންމެ ފުރަތަމަ، އެ ދެބެއިން ނިސްބަތްވާ ރަށުގެ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅި ނަމަވެސް އެ ކޯޓުގައި މައްސަލަ ސާބިތުވާ ގޮތެއް ނުވިއެވެ.

ދަށު ކޯޓުގައި މައްސަލަ ސާބިތުނުވުމުން ދައުލަތުން ދެން އެ މައްސަލަ ހުށަހެޅީ ހައިކޯޓަށެވެ. ހައިކޯޓުގައި މި މައްސަލަ ކުރިއަށް ގެންދިޔުމަށްޓަކައި، ދައުވާ ލިބޭ ބޭބެގެ ސިކުނޑީގެ އެސެސްމެންޓެއް ވެސް ހެދިއެވެ. އެ އެސެސްމެންޓުން، ބޭބެއަކީ ސިކުނޑީގެ އުނިކަމެއް ހުންނަ މީހެއްކަން ފާހަގަވެފައިވަނިކޮށް، ދައުލަތުންވަނީ މައްސަލަ އަނބުރާ ގެންދަން އެދިފައެވެ.

މިދިޔަ ހަފުތާގައި ދައުލަތުން އެ މައްސަލަ ދޫކޮށްލައި، މައްސަލަ އަނބުރާ ގެންދިޔައީ އިސްތިއުނާފީ މައްސަލަތައް މުރާޖައާކުރިއިރު، އެ މައްސަލައަށް ގިނަ ދުވަސްތަކެއް ވެފައިވާތީއާއި އަދި މެޑިކަލް އެސެސްމެންޓަށް ބަލާއިރު ވެސް ދައުވާ ލިބޭ ފަރާތުގެ ސިކުނޑީގެ އުނިކަމެއް ހުންނާތީއެވެ.

މި މައްސަލައަކީ ކުރިއަށް ގެންގޮސް، ކުށް ސާބިތު ކުރެވުނު ނަމަ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ މައްސަލައެކެވެ.

ދައުލަތުން އެދުނު ގޮތަށް މައްސަލަ ބާތިލުކުރީ، މައްސަލަ ބައްލަވާ ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އިއްތިފާގުންނެވެ. އެއީ، ފަނޑިޔާރު މުހައްމަދު ނިޔާޒް، އަބްދުލްމާނިއު ހުސެއިން އަދި އަބްދުﷲ ޖަމީލް މޫސާއެވެ.

ދައުލަތުން އަންނަނީ އިސްތިއުނާފީ މަރުހަލާގައިވާ އެތައް މައްސަލައެއް މުރާޖައާ ކުރުމަށް ފަހު، އިތުރަށް ކުރިއަށް ނުގެންދިޔުމަށް ނިންމަމުންނެވެ.

comment ކޮމެންޓް