ސްރީ ލަންކާގެ ކުރީގެ ރައީސް ރަނިލް ވިކްރަމަސިންހަ މާދަމާ ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓަށް ހާޒިރު ކުރަން ހަމަޖެހިފައި އޮތް ނަމަވެސް، ސިއްޙީ ހާލަތު ތަން ނުދޭތީ، ކޯޓަށް ހާޒިރު ނުވެވޭނެ ކަމަށް ހޮސްޕިޓަލުގެ އޮފިޝަލުންނާ ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނެފިއެވެ.
ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ތުހުމަތުގައި އުމުރުން 76 އަހަރުގެ ރަނިލް ހައްޔަރުކުރީ މިދިޔަ ހުކުރު ދުވަހުއެވެ. ނަމަވެސް ޖަލުގައި ހުންނަވަނިކޮށް ސިއްޙީ ހާލަތު ގޯސްވެ، ހޮނިހިރު ދުވަހުން ފެށިގެން އަންނަނީ ހޮސްޕިޓަލްގައި އެޑްމިޓްކޮށް ފަރުވާދެމުންނެވެ.
ކޮލަމްބޯ ނޭޝަނަލް ހޮސްޕިޓަލް (ސީއެންއެޗް) ގެ އިސް އޮފިޝަލަކު ވިދާޅުވީ ކުރިއަށް އޮތް ތިން ދުވަހުވެސް ބޭސް ބޭނުންކޮށް އަރާމު ކުރުމަށް ރަނިލްއަށް ޑޮކްޓަރުން ލަފާދީފައިވާ ކަމަށެވެ.
ރަނިލް ހޮސްޕިޓަލްގައި އެޑްމިޓް ކުރަން ޖެހުނީ ހަށިގަނޑުގައި ފެން މަދުވުމުގެ ސަބަބުން ހާލު ސީރިއަސް ވުމުންނެވެ. އިތުރަށް ހެދި ޓެސްޓުތަކުން ހިތުގެ ހިނގުން އަވަސްވެ، ކިޑްނީގެ މައްސަލަ ކުރިމަތިވެފައިވާކަންވެސް ފާހަގަވެފައިވާ ކަމަށް އެ ހޮސްޕިޓަލާ ހަވާލާދީ ނޫސްތަކުން ރިޕޯޓުކޮށްފައިވެއެވެ.
"މިވަގުތު އަލާމާތްތައް މާ ސީރިއަސް ނޫން ނަމަވެސް އިތުރު ކަމެއް ދިމާވެއްޖެނަމަ، ހާލު ސީރިއަސް ވެދާނެ. ރަނގަޅު ފަރުވާއެއް ލިބިއްޖެއްޔާ ރަނގަޅުވެދާނެ، ނަމަވެސް ކުރިއަށް އޮތް ތިން ދުވަހު އަރާމުކޮށް ބޭސް ބޭނުންކުރަންޖެހޭ." އޮފިޝަލް ވިދާޅުވިއެވެ.
ރަނިލްގެ ބަންދު މާދަމާގެ ނިޔަލަށް ކޮލަމްބޯ ފޯޓް މެޖިސްޓްރޭޓް ނިލުޕުލީ ލަންކާޕޫރާ ވަނީ ޖަހައިދީފަ އެވެ. ހާލު ސީރިއަސްވެގެން ޖަލު ހޮސްޕިޓަލުގައި ފުރަތަމަ އެޑްމިޓް ކުރި ނަމަވެސް ފަހުން ކޮލަމްބޯގެ ނޭޝަނަލް ހޮސްޕިޓަލަށް ބަދަލުކުރީ ޖަލު ހޮސްޕިޓަލުގައި އޭނާއަށް ބޭނުންވާ ޚާއްސަ ފަރުވާ ލިބެން ނެތީމައެވެ.
ރަނިލް ހައްޔަރު ކުރީ ރައީސް ކަމުގެ މަގާމުގައި ހުންނެވިއިރު, 2023 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު ލަންޑަނަށް ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ދައުލަތުގެ ފައިސާ ބޭނުން ކުރެއްވި ކަމަށް ތުހުމަތުކޮށްފައެވެ. އެ ގޮތުން 56000 އެމެރިކާ ޑޮލަރު ބޭނުން ކުރެއްވި ކަމަށް ތުހުމަތު ކުރެވެއެވެ.
ލަންކާގައި 2022 ވަނަ އަހަރުން ފެށިގެން 2024 ވަނަ އަހަރާ ހަމައަށް ރައީސްކަން ކުރެއްވި ރަނިލްއަކީ އޭގެކުރިން ބޮޑުވަޒީރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. އަދި ރަނިލްއަކީ ފަހުގެ ތާރީހެއްގައި ލަންކާގެ ރައީސްކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ހައްޔަރު ކުރެވުނު ފުރަތަމަ ބޭފުޅާއެވެ.
ރަނިލް އަކީ 2022 ވަނަ އަހަރު, އެ ގައުމުގެ ތާރީހުގައި ކުރިމަތިވި އެންމެ ނުރައްކާތެރި މާލީ ކާރިސާއިން އެ ގައުމު ހަމައަކަށް އަޅުވައިދިން ކަމުގެ ކްރެޑިޓް ލިބޭ ރައީސެކެވެ.