ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅިގެން ރިޕޯޓުކުރާ މައްސަލަތައް މަހުން މަހަށް އިތުރުވަމުންދާއިރު، މިދިޔަ މަހު އެކަނި ވެސް 93 މައްސަލަ ރިޕޯޓުކޮށްފައިވާކަން މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިދިޔަ މަހު ކުޑަކުދިންނަށް ކުރާ އަނިޔާގެ ގޮތުގައި 93 މައްސަލަ ރިޕޯޓުކުރިއިރު އެންމެ ގިނައިން މިނިސްޓްރީއަށް ހުށަހެޅީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެފަދަ 24 މައްސަލައެއް ހުށަހެޅިއިރު ދެން އެންމެ ގިނައިން ރިޕޯޓުކުރީ ޖިސްމާނީ އަނިޔާގެ މައްސަލަތަކެވެ. އެފަދަ 21 މައްސަލައެއް ޖުލައި މަހު ރިޕޯޓުކުރިއެވެ. މީގެ އިތުރުން ކުޑަކުދިންނަށް އިހުމާލުވުމުގެ 17 މައްސަލައެއް ހުށަހެޅިއެވެ.
މިދިޔަ މަހު އެންމެ ގިނައިން ދެން ހުށަހެޅީ ގެވެށި އަނިޔާގެ މައްސަލަތަކެވެ. އެފަދަ 57 މައްސަލަ ވަނީ ހުށަހަޅައިފައެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް މަހުން މަހަށް ރިޕޯޓުކުރާ މިންވަރު އިތުރެވެ. މެއި މަހު ވެސް އެފަދަ 97 މައްސަލަ ރިޕޯޓުކުރިއެވެ.

ކުޑަކުއްޖަކު އުސްފަސްގަނޑުގައި މަޑިއަރުވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
ގެވެށި އަނިޔާގެ 57 ކޭސް ޖުލައި މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅިއެވެ. އޭގެ ތެރެއިން 49 މައްސަލައަކީ އަންހެނުންނަށް ގެވެށި އަނިޔާ ކޮށްގެން ހުށަހެޅި މައްސަލައެވެ. ބާކީ އަށް މައްސަލައަކީ ފިރިހެނުންނަށް ގެވެށި އަނިޔާ ކޮށްގެން ހުށަހެޅި މައްސަލައެވެ. އެގޮތުން:
- ރޭޕްގެ އެއް މައްސަލަ
- ޖިންސީ ގޯނާގެ ހަތް މައްސަލަ
- ޖިސްމާނީ އަނިޔާގެ 29 މައްސަލަ
- ނަފްސާނީ އަނިޔާގެ 13 މައްސަލަ
- އިހުމާލުވުމުގެ އެއް މައްސަލަ
- ޖިންސީ ފުރައްސާރައިގެ އެއް މައްސަލަ
- އިގްތިސޯދީ އަދި މާލީ ގޮތުން ކުރާ ގޯނާގެ އެއް މައްސަލަ
- ބިރުދެއްކުމުގެ ދެ މައްސަލަ
މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ޖުލައި މަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި 152 ކުދިން ތިއްބެވެ. އޭގެ ތެރޭގައި ހިމެނެނީ 82 ފިރިހެން ކުދިންނާއި 70 އަންހެން ކުދިންނެވެ.
ޖުލައި މަހު ހަ ކުދިން ވަނީ ދައުލަތުގެ ބެލުމުގެ ދަށަށް ނަގައިފައެވެ. އެއީ ހަތަރު އަންހެން ކުދިންނާއި ދެ ފިރިހެން ކުދިންނެވެ. އަދި އެއް ކުއްޖަކު އާއިލާއާ ގުޅުނުއިރު އެއް ކުއްޖަކު ވަނީ އެޑޮޕްޓުކޮށްފައެވެ.
ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާތައް ކުރުމުގެ މައްސަލަތަކަކީ ދިވެހި މުޖުތަމައުގައި ޒަމާންތަކެއް ވަންދެން ހައްލު ނުލިބި އޮތް މައްސަލައެކެވެ. އޭގެތެރެއިން ވެސް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތައް މިނިސްޓްރީއަށް ހުށަހަޅާ މިންވަރު އިތުރުކަމަށް ހިސާބުތަކުން ދައްކައެވެ.
އެފަދަ ހުތުރު އަމަލު ހިންގައިގެން ކުށް ސާބިތުވެފައިވާ އުމުރުން ދުވަސްވީ ގިނަ ގައިދީންތަކެއް މިހާރު ވެސް ޖަލުގައި އެބަތިއްބެވެ. މިފަދަ މީހުންގެ މައުލޫމާތު އެނގޭނެ ވެބްސައިޓެއް ވެސް މިހާރު ވަނީ ގާއިމްކޮށްފައެވެ.