ޝަމްއާންގެ މައްސަލައިގައި ޝަރީއަތް ނުބާއްވަނީ އިންސާފު ލަސްކުރަން ކަމަށް ބުނެ އާއިލާއިން ޕެޓިޝަނެއް

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު: ޝަމްއާނަށް އިންސާފު ހޯދަން ޕެޓިޝަނެއް ފަށައިފި -- ފޮޓޯ/ އިމިގްރޭޝަން

ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރި އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު ޝަމްއާން ވަހީދު މުއްދަތެއް ނެތް ގޮތަށް ބަންދުގައި ބަހައްޓާފައި ހުރީ އިންސާފު ލަސްކުރަން ކަމަށާއި، އެ އަސާސީ ހައްގުން މަހުރޫމްވުމަކީ ނާއިންސާފެއްކަމަށް ބުނެ އާއިލާއިން ޕެޓިޝަނެއް ފަށައިފިއެވެ.

އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ބިދޭސީންގެ އަތުން ނާޖާއިޒު މަންފާ ހޯދި މައްސަލައިގައި ޝަމްއާން ހައްޔަރުކުރީ މާރިޗު 21ވަނަ ދުވަހުގެ ރެއެވެ. އޭގެ ފަހުން ކްރިމިނަލް ކޯޓުން ވަނީ އޭނާ ޝަރީއަތް ނިމެންދެން ބަންދުކޮށްފައެވެ.

އެ މައްސަލަ ޝަމްއާންގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެ ކޯޓުން ވެސް ނިންމީ ޝައްމާންގެ ޝަރީއަތް ނިމެންދެން ބަންދުކުރީ ރަނގަޅަށް ކަމަށެވެ. އެއަށްފަހު، މިދިޔަ ޖޫމް މަހުގެ 18ގައި ސުޕްރީމް ކޯޓުން ވެސް ވަނީ އޭނާ ދޫކޮށްލަން ޖެހޭ ހާލަތެއް ނެތް ކަމަށް ތުހުމަތުކޮށްފައެވެ.

ޝަމްއާންގެ އަންހެނުން ހިދުފާ ފާއިޒް، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ ފާއިތުވި ފަސް މަސް ދުވަހު ޝަމްއާން ޖަލުގައި ބަންދުކޮށްފައި ހުރީ ގާނޫނުން ލާޒިމުކުރާ ގޮތުން ކޮންމެ 30 ދުވަހެއްތެރޭ ބަންދު މުރާޖައާ ކުރަން ޖެހޭ ގޮތަށް އެކަން ވެސް ކުރުމެއް ނެތި ކަމަށެވެ. އެ އަސާސީ ހައްގުން އޭނާ މަހުރޫމްވެފައިވާތަން ފެނުމަކީ ހިތާމަހުރި ކަމެއް ކަމަށް އޭނާ ބުންޏެވެ.

އޭނާ ވަނީ އެ ޕޯސްޓާއެކު ޕެޓިޝަނެއް ޝެއާކޮށްފައެވެ.

އަދި އެ ޕެޓިޝަންގައި ސޮއިކޮށް، ޝަމްއާނަށް އަދުލުއިންސާފު ހޯދުމުގައި އެހީތެރިވުމަށް ވަނީ އެދިފައެވެ.

އެ ޕެޓިޝަންގައި އާއިލާގެ ފަރާތުން ބުނެފައިވާ ގޮތުގައި ޝަމްއާނެކޭ އެއްފަދަ ތުހުމަތު ކުރެވޭ މީހުން ދޫކޮށްލާފައިވާއިރު، މުއްދަތެއް ނެތް ގޮތަށް އޭނާ ހުރީ ބަންދުގައި ކަމަށެވެ. އަދި އެއީ ނާއިންސާފެއް ކަމަށާއި، ކޮންމެ ފަރުދަކަށް ވެސް ހަމަހަމަކަމާއެކު އަމަލުކުރުން އެއީ ހައްގެއް ކަމަށެވެ.

އާއިލާ އަދި ގާތް މީހުން ގަބޫލުކުރާ ގޮތުގައި ޝަމްއާންގެ މައްޗަށް އުފުލާފައިވާ ދައުވާތަކަކީ އޭނާ 'ފްރޭމް ކޮށްގެން' އުފުލާފައިވާ ދައުވާތަކެއް ކަމަށާއި، އެކަމުގައި ސިޔާސީ ނުފޫޒު އެބައޮތް ކަމަށް އެ ޕެޓިޝަނުގައި ބުނެފައިވެއެވެ.

ޚާއްސަ ފަރުވާއަކަށް އަޅުގަނޑުމެން އެދެނީއެއް ނޫން. އަޅުގަނޑުމެން މި ގޮވާލަނީ އިންސާފުވެރިކަމަށް. ކުށް ސާބިތުވަންދެން މިނިވަންކަމުގެ ހައްގާއި އިންސާފުވެރި އަދި ދެފުށް ފެންނަ ޝަރީއަތެއް ހިންގުމުގެ ހައްގު ހިމެނޭ ގޮތަށް ޝަމްއާނަށް ވެސް އެހެން މީހުންނާ އެއްވަރުގެ ހައްގުތަކެއް ދޭން ޖެހޭ، ޝަމްއާންގެ އާއިލާ

ޝަމްއާން ބަންދުން ދޫކޮށްލުމަށް ގޮވައިލާ އެ ޕެޓިޝަންގައި ބުނެފައި ވަނީ އިންސާފު ނުލިބި، ފަސް މަސް ދުވަހަކީ މާ ދިގު މުއްދަތެއް ކަމަށެވެ. އަދި އިންސާފު ލިބުން ލަސްވުމަކީ ވެސް އިންސާފު ނުލިބުން ކަމަށް އާއިލާއިން ބުންޏެވެ.

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު -- ފޮޓޯ/ އިމިގްރޭޝަންސް

ފުލުހުން ބުނެފައިވާ ގޮތުގައި ޝަމްއާން ހައްޔަރުކުރީ، އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީއަކު ދޫކޮށްލުމަށް ފަހު، އިމިގްރޭޝަންގެ މުވައްޒަފުންތަކަކާ ގުޅިގެން އެ މީހާގެ އަތުން 500،000 އަށް ވުރެ ގިނަ ރުފިޔާ ހޯދައިގެން އެ ފައިސާ ޝަމްއާން ގެއަށް ގެންދިޔަ ކަމަށް ތުހުމަތުކުރާ މައްސަލައިގައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ޝައްމާންގެ މައްޗަށް ވަނީ ބޮޑު ތިން ދައުވާއެއް އުފުލައިފައެވެ. އެއީ:

  • ފޭރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ: ސާބިތުވެއްޖެ ނަމަ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ މުއްދަތުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާއެއް.
  • ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދައުވާ: ސާބިތުވެއްޖެ ނަމަ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމެއް އަތުވެދާނެ ދައުވާއެއް
  • މަނީ ލޯޑްރިންގެ ކުށުގެ ދައުވާ: ސާބިތުވެއްޖެ ނަމަ ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން ނުވަތަ ކުށުގެ އަމަލު ހިންގުމުގައި ބޭނުންކުރި ފައިސާގެ ފަސް ގުނައަށްވުރެ އިތުރުނުވާ އަދަދަކުން ޖޫރިމަނާކުރުމާއެކު ފަސް އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލާނެ.

މި މައްސަލައިގައި ޝައްމާންގެ އާއިލާއިން މީގެ ކުރިން ބުނީ، އޭނާ ހައްޔަރުކޮށްފައިވަނީ ހޯމް މިނިސްޓަރު އަލީ އިހުސާންގެ ކޮރަޕްޝަންގެ މައްސަލަތައް ރައްޔިތުންނަށް ހިއްސާކުރާނެކަމުގެ ބިރަށް، އެ ކަމަށް ފަސް އެޅުމުގެ ގޮތުންކަމަށެވެ. އަދި، ޝަމްއާން ބަންދުކުރަން އިހުސާން މަސައްކަތް ފެށި އަނެއް ސަބަބަކީ، އޭނާގެ އަތުގައި އިހުސާންގެ "ވީޑިއޯ"އެއް އޮތްކަން އިހުސާނަށް އެނގިލެއްވުމުން ކަމަށެވެ. އިހުސާނަށް އެނގިލެއްވިކަމަށް އެ ބުނަނީ ކޮން "ވީޑިއޯ"އެއް ކަމެއް އާއިލާގެ ބަޔާނުގައި ނުބުނެއެވެ.

ޝަމްއާންގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޝަމްއާން ފްރޭމް ކުރީ ކަމަށް ވިދާޅުވެ އެ މައްސަލައިގެ ތަހުގީގު ރަނގަޅަށް ނުހިންގާ ކަމަށް ތުހުމަތުކުރައްވައިފައެވެ.

comment ކޮމެންޓް