ގަބޫލުކުރަނީ ދެމެހެއްޓެނިވި ތަރައްގީގެ ފަލްސަފާ ކަމަށާއި އެކަމުގައި އާބާދީ ބޮޑެތި ރަށްތަކަށް އިސްކަންދޭން ޖެހޭނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު، ހދ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ހަވީރު ނޮޅިވަރަމަށް ވަޑައިގެން ވިދާޅުވީ، މަސައްކަތް ކުރަނީ ރަށުގެ އާބާދީއަށް ބޭނުންވާ ހުރިހާ ކަމެއް ވީ އެންމެ އަވަހަށް ކުރިއަށް ގެންދިޔުމަށް ކަމަށެވެ.
ނޮޅަވަރަމަކީ އެ އަތޮޅުގައި ދެވަނައަށް އެންމެ އާބާދީ ބޮޑު ރަށްކަމަށްވާއިރު، އާބާދީއާއި ބިމުގެ ގޮތުން ބޮޑެތި ރަށްތަކުގައި ދެމެހެއްޓެނިވި ތަރައްގީގައި އިސްކަންދޭ ކަންކަން ހުންނަ ކަމަށް ރައީސް ވިދާޅުވިއެވެ.
އެކަމަކު، ހުރިހާ ރަށެއް ހަމަހަމަ ކަމަށާއި އާބާދީ އެންމެ ކުޑަ ރަށަށް ވެސް ކަންކަން ކޮށްދޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް މުއިއްޒު ނޮޅިވަރަމު ކައުންސިލާ ބައްދަލުކުރައްވަނީ ---- ފޮޓޯ/ ރައީސް އޮފީސް
ދެމެހެއްޓެނިވި ތަރައްގީއަކީ އެއީ އަޅުގަނޑުމެން ގަބޫލުކުރާ ފަލްސަފާ. އެކަމުގައި އާބާދީ ބޮޑު، ބިން ބޮޑު ރަށްރަށަށް އިސްކަން ދޭން ޖެހޭނެރައީސް ޑރ. މުޙައްމަދު މުއިއްޒު
ނޮޅިވަރަމުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނީ އެ ސިޔާސަތުގެ ދަށުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނޮޅިވަރަމުގައި ކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި މަޝްރޫއުތަކަކީ:
- އެ ރަށުގައި 30 އެނދުގެ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް މި އަހަރު ފެށުން
- ހޮސްޕިޓަލުގެ މަސައްކަތް ނިމެންދެން، ސިއްޙީ މަރުކަޒުގެ ޚިދުމަތް ހަރުދަނާކުރަން ބޭނުންވާ މާއްދީ އަދި އިންސާނީ ވަސީލަތްތައް ފުރިހަމަކޮށްދިނުން
- ގިނަވެގެން ހަ މަސް ދުވަހުގެ ތެރޭގައި ދަނޑުބިންތަކަށް ކަރަންޓު ދެވޭ މިންވަރަށް ކޭބަލް އަޅައި، ރަށުގެ އިންޖީނުގެ ހުންނަ ތަން ބަދަލުކޮށް، ކަރަންޓުގެ މައްސަލަ ހައްލުކޮށްދިނުން
- ނޮޅިވަރަމުގައި ޤާއިމުކުރާ ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރު ތަރައްޤީ ކުރާނީ އެހެން ރަށްރަށަށް ވުރެ ފުޅާކޮށް، އިންޑޯ ސްޕޯޓްސް ކޮމްޕްލެކްސެއްގެ ގޮތުގައި
- މިހާރު ފަށައިފައިވާ މަލްޓިޕާޕަސް ހޯލްގެ މަސައްކަތުގައި ސްކޫލަށް ބޭނުންވާ އިތުރު ބިނާރުގެ މަސައްކަތް ހިމަނުއްވާނޭކަން
މި ރަސްމިއްޔާތުގައި ވަނީ، ދަނޑުވެރިކަމަށް ބޭނުންކުރާ ތަކެތި ސަޕްލައިކުރާނެ ފިހާރައެއް ޤާއިމުކުރުމުގެ މަޝްރޫޢާއި ބަނދަރު އަޕްގްރޭޑްކުރުމުގެ މަޝްރޫޢާއި، ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢާއި މަގުހެދުމުގެ މަޝްރޫޢުގެ އެއްބަސްވުންތަކުގައި ސޮއިކޮށްފައެވެ.