އައްޑޫ ސިޓީގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓެއް ތަރައްގީކުރަން ފެށި ހަންކެޑެ މަޝްރޫއު މި ސަރުކާރުން ހުއްޓާލައިފި ކަމަށާއި އޭގެ ސަބަބުން ބޮޑު ބަދަލެއް ދޭން ޖެހިދާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް މިރޭ ވިދާޅުވެއްޖެއެވެ.
ހަންކެޑެ މަޝްރޫއަކީ ބޭންކް އޮފް ޗައިނާއިން 120 މިލިއަން ޑޮލަރުގެ ލޯނެއް ނަގައިގެން ކުރީ ސަރުކާރުން ތަރައްގީކުރަން ނިންމާފައިވާ މަޝްރޫއެކެވެ.
މި ސަރުކާރުން ވެސް ކުރިން ނިންމީ ކުރީ ސަރުކާރުން ފަށާފައި އޮތް ހަންކެޑެ މަޝްރޫއު އެގޮތަށް ކުރިއަށް ގެންދިއުމަށެވެ. އެގޮތުން މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ހަންކެޑެ ސަރަހައްދުގައި ހަވާ އެރުވުމާއެކު މަޝްރޫއު އިފުތިތާހުކުރުމަށް ބޮޑު ރަސްމިއްޔާތެއް ބޭއްވިއެވެ.

ހަންކެޑެ -----
ނަމަަވެސް، އެ ނިންމުމާ ދެކޮޅަށް، ސަރުކާރުން މިދިޔަ ޖޫން މަހު ވަނީ، ރާއްޖޭގައި ހަލާލް ޓޫރިޒަމް ތަރައްގީކުރާ ހަ ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދެއްގެ ގޮތުގައި ހަންކެޑެ ކަނޑައަޅައިފައެވެ.
އެ މަޝްރޫއާ ގުޅުވައި ފައްޔާޒް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، ހަންކެޑޭގައި ފަށަން އޮތް އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓުގެ މަޝްރޫއު ހުއްޓާލަން ނިންމާފައިވާތީ އެކަމާ ހިތާމަކުރައްވާ ކަމަށެވެ.
އެގޮތުން، މި މަޝްރޫއު ހުއްޓާލަން ޖެހުނީ ސަރުކާރުގެ ސިޔާސަތުތަކުގައި ހަރުދަނާ ކަމެއް ނެތުމުން ކަމަށް ފައްޔާޒް ތުހުމަތުކުރެއްވިއެވެ. އަދި އެއީ އިގުތިޞާދީ މިނިވަންކަން ހޯދަން އައްޑޫއިން ކުރާ މަސައްކަތަށް ގެއްލުނު އަގުހުރި ވަގުތުތަކެއް ކަމަށާއި އެކަމުގެ ސަބަބުން ސަރުކާރުން ބޮޑު ބަދަލެއް ދައްކަން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ފައްޔާޒް: އޭނާ ވިދާޅުވީ، ހަންކެޑެ މަޝްރޫއު ހުއްޓާލުމަކީ އިގުތިޞާދީ މިނިވަންކަން ހޯދަން އައްޑޫން ކުރި މަސައްކަތަށް ގެއްލުނު ވަގުތުތަކެއް ކަމަށް -- ސަން ފޮޓޯ/ މޫސާ ނަދީމް
މީގެކުރިން ވެސް ހަންކެޑެގައި ހަލާލް ޓޫރިޒަމް ކުރިއަރުވާތީ ފައްޔާޒް ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާ ވިދާޅުވީ، އައްޑޫގައި ސަރުކާރުން ހަލާލު ޓުއަރިޒަމް ހިންގަން ބޭނުންނަމަ، މިހާރު ކުރިއަށްދާ މަޝްރޫއެއް ނުހުއްޓުވައި، އެކަން އެހެން ރަށެއްގައި ކުރެވިދާނެ ކަމަށެވެ. އެގޮތުން، އެ އަތޮޅުގެ ގައުކެނޑި ނުވަތަ ސަވާހެލީގައި އެކަން ކުރެވިދާނެ ކަން ފައްޔާޒް ފާހަގަކުރެއްވިއެވެ.
މި މަޝްރޫއާ ގުޅުވައި އިތުރަށް ފައްޔާޒް ވިދާޅުވީ، މިކަމަށް ކޮންސެޕްޓުން ފެށިގެން މަޝްރޫއަށް ބޭނުންވާ ފައިސާ ޗައިނާގެ ދައުލަތް ހިއްސާވާ ބޭންކަކުން ހަމަޖައްސާފައި ހުރި ކަމަށާއި ސަރުކާރު ބަދަލުވީއިރު އެ މަޝްރޫއު އޮތީ ފެށުމުގެ މަރުހަލާގައި ކަަމަށެވެ. އަދި، ނުކޮށް އޮތް ހަމައެކަނި ކަމަކީ ލޯނު އެއްބަސްވުމުގައި ސޮއިކުރުން ކަމަށް އޭނާ ވިދާޅުވިއެވެ.
ފައްޔާޒްގެ އިތުރުން، ވެރިކަން ކުރާ ޕާޓީގެ އައްޑޫ މެންބަރުން ވެސް އެ ބަދަލާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކުރިއެވެ. އެއީ ފޭދޫ އުތުރު ދާއިރާގެ ޕީއެންސީ މެންބަރު އިސްމާޢިލް ނިޒާރާއި އައްޑޫ ސިޓީ ހިތަދޫ މެދު ދާއިރާގެ، ސަރުކާރަށް ނިސްބަތްވާ މެންބަރު އަހުމަދު އަޒާނެވެ.
ހަލާލު ޓޫރިޒަމަކީ މުސްލިމު ފަތުރުވެރިންގެ ބޭނުންތަކަށް ޚާއްސަކޮށް ހުރިހާ ފަތުރުވެރިންނަށް ވެސް އެކަށީގެންވާ ގޮތަކަށް ފަރުމާކުރެވިފައިވާ ޚިދުމަތްތަކެކެވެ.
އައްޑޫ ސިޓީ ހަންކެޑޭގައި ތަރައްގީކުރާ ހަލާލް ޓޫރިޒަމުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތް ސިންދަފާތުކުރުމަށް އިތުރަށް މަގުފަހިވެގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ. އަދި މިފަދައިން ތަރައްގީ ކުރާ ރިޒޯޓުތަކުގެ ސަބަބުން، މި ސަރަހައްދުތަކުގައި ވަޒީފާ އުފެދި، އިގުތިސާދީ ދުވެލި ހަލުވިވާނެ ކަމަށް ވެސް ބުނެފައިވެއެވެ.