ރޫބީ ކުރިއަށްވުރެ ބާރަށް އިކާންގެ ގައިގައި ބައްދައިލިއެވެ. އިކާން އިނީ ނޭވާލާންވެސް އުނދަގޫވެފައެވެ. ނޭވާއެއް ބޭރުކޮށްލާ ހިސާބުންވެސް އަމިއްލަ ނަފުސުގެ ލަގަން އަތުން ދޫވެގެން ހިނގައިދާނެތީ އޭނާ ޖެހިލުންވިއެވެ.
********
ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން، އިކާން މަޑުމަޑުން ރޫބީ ދުރުކޮށްލިއެވެ. ދޮރުމަތީގައި ހުރީ ރެސްޓޯރެންޓް ހިންގުމާއި ހަވާލުވެހުރި މުވައްޒަފެވެ. އިކާން އާއި ރޫބީ އެހާ ކައިރީގައި ތިބި ތަން ފެނުމުން، މުވައްޒަފު މާފަށް އެދިފައި އަވަހަށް ބޭރަށް ނުކުތެވެ.
"އެބަ އަންނަން އިނގޭ..." ރޫބީގެ ތެމިފައިވާ ކޯތާފަތް ފޮހެލަމުން އިކާން ވަރަށް ލޯބިން ބުނެލިއެވެ.
ރޫބީ ބޯޖަހައިލުމުން އިކާން ތެދުވެގެން ހިނގައިގަތެވެ. އިކާން ނުކުމެ، ދޮރު ލައްޕައިލުމުން، ރޫބީ ސޯފާގައި ލެނގިލިއެވެ. އޭނާއަށް ފުރަތަމަވެސް ބަލައިލެވުނީ އިކާން އެޅުވި އަނގޮޓިއަށެވެ. އަލިމަހެއް ޖަހާފައިވާ ރިހި އަނގޮޓިއެކެވެ. އަލިމަހުގެ ވިދުން ގަދައެވެ. ރޫބީގެ ކަށި އިނގިއްޔަށް ހެޔޮވަރެވެ. އިކާން އެހާ މޮޅަށް، ރޫބީއަށް ހެޔޮވަރުވާގޮތަށް އަނގޮޓި ގަތުމުން، ރޫބީ ހައިރާންވިއެވެ. އެ އަނގޮޓި ހާއްސަވީ ވަރުން ރޫބީއަށް މޭގައި އަތް ޖައްސައިލެވުނެވެ. އޭރު ރޫބީގެ ތުންފަތުގައިވީ ލުއި ހިނިތުންވުމެކެވެ.
"އަހަރެން މި ތަން އެއްކޮށް ބުކްކޮށްފަ އޮއްވާ، އިތުރު މީހަކަށް ވަދެވުނީ ކިހިނެއް؟..." އިކާން ހަރުކަށި ރާގަކަށް ސުވާލު ކުރިއެވެ.
"ވަރަށް ބޮޑަށް މާފަށް އެދެން..." އިކާން ފެނުމުން މުވައްޒަފު ކުށްވެރިއެއްހެން އިސްޖަހައިލިއެވެ.
"ލަކްޝްމަން ދޯ؟'' މުވައްޒަފުގެ މޭމަތީގައި ހަރުކޮށްފައިވާ ނަން ކިޔައިލަމުން އިކާން ބަލައިލީ ލަކްޝްމަންގެ މޫނަށެވެ. "ލަކްޝްމަންއަށް އެނގޭތަ ކިހާ ދެރަ ކަމެއް ކަން މިވީ؟... ދެންމެ އަހަރެންގެ ފިއާންސޭއަށް ކަމެއްވީނަމަ، ކަލޭމެން އޭގެ ޒިންމާ ނަގާނަންތަ؟..."
"މާފު ކުރައްވާ!.." ލަކްޝްމަން އަނެއްކާވެސް މާފަށް އެދުނެވެ.
"އަހަރެން ބޭނުން ތަނުގެ ވެރިމީހާއާ ބައްދަލުކުރަން..." އިކާން އިތުރަށް ހިތްހަމަނުޖެހުނެވެ. "ހަމަ މިވަގުތު..."
"ބޮސް މިވަގުތު މާލޭގަ ނޫޅުއްވަނީ.. ހުރިހާ ކަމަކާ ހަވާލުވެގެން މިހުރީ އަޅުގަނޑު... އަޅުގަނޑު ތި މައްސަލަ ހައްލުކުރެވޭތޯ މަސައްކަތްކުރަނީ..." ލަކްޝްމަން ބުނެލިއެވެ.
"ހައްލުވާނީ އެމީހަކު އަތުލައިގެން... ކަލޭމެންނަށް އެކަން ވާނެތަ؟..." އިކާން ސުވާލުކުރީ ތަނާއި ދޭތެރޭ އެއްވެސް އިތުބާރެއް ނެތްފަދަ ގޮތަކަށެވެ. "އަހަރެން ބޭނުން ސީސީޓީވީ ފުޓޭޖް ބަލަން.."
"ދުރުވޭ..." ލަކްޝްމަން ހިނގައިގަތެވެ. "އަޅުގަނޑުމެންގެ ފަރާތުން އެ މައްސަލަ ޕޮލިހަށް ހުށަހަޅަނީ... ޕޮލިސް މިހާރު އަންނަނީ..."
ލަކްޝްމަން ގޮސް ވަނީ ކުޑަކުޑަ ގުދަނެއް ކަހަލަ ތަނަކަށެވެ. އިކާން ފެނުމުން ކޮންޕިއުޓަރުގެ ކައިރީގައި އިން މުވައްޒަފު ފުންމައިގެން ތެދުވިއެވެ. ކާން އިން ބާގާ ފުރަގަހަށް ލައި ފޮރުވިއެވެ. އިކާން އެއްޗެއް ބުނަންދެން އެންމެންވެސް ތިބީ ކުށްވެރިންތަކެއް އިސްޖަހައިގެންނެވެ. ސީސީޓީވީއިން ބޭނުންވި މަންޒަރު ނަގައިގެން އިކާން ނުކުތްއިރު، ފުލުހުން އައިސް ރޫބީއަށް ސުވާލު ކުރަނީއެވެ. މިފްޒާލް ހުރީ ތަންކޮޅެއް ދުރުގައި މަޑުކޮށްލައިގެންނެވެ.
********
"ރާއްޓޭ ހައްޔަރުކޮށްފި!" ފޯނު ބޭއްވިގޮތަށް ނައީމު ހަޅޭއްލަވައިގަތެވެ. "ކަލޭމެން އެކަކަށްވެސް އެއްކަމެއްވެސް ނުވެގެން ތިއުޅެނީ ކީއްވެތަ؟... އޭނ؟... އެންމެ އަންހެން ކުއްޖެކޭ ގެނެސްދޭށޭ ބުނެގެން މިއުޅެނީ... ކަލޭމެންނަށްވުރެ އޭނަ ވަރުގަދަވާންޖެހޭ ސަބަބެއް އަހަންނަކަށް ނުވިސްނޭ"
"އެ އިކާން އަބަދުވެސް އެކުއްޖާ ކައިރީ ހުރޭ... ހުއްދަ ދީ، އޭނަ ދުއްވާލާނަން..." އެތެރެއަށް ވަދެގެން އައި ޒުވާނާ ހަރު އަޑުން ބުނެލިއެވެ.
"ދުއްވާލާ!..." ނައީމު އެންގިއެވެ.
"ރާއްޓޭ ބަސްޓްވިޔަސް، ބޮސްއަކަށް ގެއްލުމެއް ނެތް..." ޒުވާނާ ބުނެލިއެވެ.
"ކަލޭމެންނަށް ޔަގީންތަ ރާއްޓޭ އަހަރެން ބަސްޓް ނުކޮށްލާނެކަން؟" ނައީމު ބޭނުންވީ ޔަގީން ކަމެވެ.
"ނުބުނާނެ... އެކަމާ ބޮސް ހާސްވާނެ ކަމެއް ނެތް.." އެހެން ޒުވާނަކު ބުނެލިއެވެ. "އަހަރެމެން އެންމެން ބަސްޓްވިޔަސް، ބޮސް ހުންނާނީ ސަލާމަތުން..."
********
"މިރޭ ފަހު ރޭ ދޯ؟... އޯކޭތަ މިރޭ ރޫ ކައިރީގަ ނިދަން އޮތަސް؟" ނަޖާތު ސުވާލު ކުރިއިރު އޮތީ ރޫބީގެ ކައިރީގައި އޮށޯވެލައިގެންނެވެ.
"އަހަރެން ހުއްދަ ނުދީފިއްޔާ ނޯންނާނަންތަ؟" ރޫބީ ޖަހައިލީ ލުއި ހިނިގަނޑެކެވެ. "ތެދުވޭ، ތެދުވޭ، އަވަހަށް ތެދުވޭ!.."
"ހުއްދަ ނުދިނަސް އޮންނާނަން.." ނަޖާތުވެސް ހިނިގަނޑެއް ޖަހައިލިއެވެ. "ދެން ހަމަ މެރީކޮށްގެން ދަނީތަ؟..."
"ނަޖާއެއްނު އުޅެނީ އަހަންނާ ހެދި އުނދަގޫ ވެގެން..." ރޫބީ ތުން ފިއްތައިލިއެވެ.
"އާނ... ވަރަށް އުނދަގޫވޭ..." ނަޖާތުވެސް ތުންފިއްތައިލިއެވެ.
ދެމީހުންގެ ލުއި ހުނުމުގެ އަޑު ކޮޓަރިތެރޭގައި ގުގުމައިލިއެވެ. ނިދާބޮކީގެ ފަނޑު އަލިކަމުގައި، ރޫބީ އޮތީ އޭނާގެ ވާއަތް މައްޗަށް ހިއްލާލައިގެން އަތަށް ބަލާށެވެ. އެ އަލީގައި ރޫބީގެ އިނގިލީގައި އަޅާފައިވާ އަނގޮޓީގެ ވިދުން ފެނެއެވެ. ހީވަނީ އުޑުމަތީގައި ތަރިއެއް ފިޔަޖަހަމުން ދިޔަހެންނެވެ.
"ވާއު..." ނަޖާތަށް އަނގޮޓި ފެނުނެވެ. "މީތަ ކައިވެނީގެ އަނގޮޓި؟... އަޅޭ ލޯބި.."
"އަހަރެން ހިތަށް އަރަނީ މި އަނގޮޓި ހާދަ އަގުބޮޑުވާނެއޭ..." ރޫބީ ބުނެލިއެވެ.
"މިކުއްޖާއަށްވުރެ އެކައްޗެއްވެސް އަގު ބޮޑެއް ނުވާނެ..." ރޫބީގެ ކޮނޑުގައި ހިފައި ތަޅުވައިލަމުން ނަޖާތު ބުނެލިއެވެ. "ވާހަކައެއް އަހާލަންތަ؟..."
"އަނެއްކާވެސް އެހީތަ؟..." ރޫބީ ދިމާކުރިއެވެ.
"މިސާލަކަށް އަހަރެން ރޫއަށް އޮޅުވާލާފަ އޮތިއްޔާ، ރޫ އަހަންނަށް މާފުކުރާނަންތަ؟..." ދެފިކުރެއްގައި އޮވެފައި ނަޖާތު ސުވާލުކުރިއެވެ.
"ވަރަށް ބޮޑު ކަމެއްތަ؟..." ރޫބީ އޭރުވެސް އޮތީ އަނގޮޓިއަށް ބަލާށެވެ.
"މިސާލަކަށް ވަރަށް ބޮޑު ކަމެކޯ... ދެން؟..." ނަޖާތަށް ބުނަން އުނދަގޫވިއެވެ.
"ވަރަށް ހިތްހަމަނުޖެހޭނެ ކަންނޭނގެ..." ރޫބީއަށް ޖެހުނީ ވިސްނައިލާށެވެ. "ނޭނގެ ވާހަކަވެސް ދައްކާނެކަމެއް... އެކަމަކު ތެދަށް ބުނެފިއްޔާ، ކޮންމެސް ދުވަހަކުން ހިތް ސާފުވާނެ... ކިހިނެއްވީ؟... އަނެއްކާ ނަޖާ އަހަންނަށް ކަމެއް އޮޅުވާލައިގެންތަ ތި އުޅެނީ؟..."
"މިސާލަކަށް އަހަރެން ކަމެއް އޮޅުވާލީޔޯ... ދެން ގޯސްކޮށް ދިޔަ ކަމެއް ރަނގަޅު ކުރާނަންތަ؟... މިސާލަކަށް އެ ވެދާނެ ރޫ ވަރަށް ހެޕީވާ ކަމަކަށްވެސް..." ނަޖާތު ބޭނުންވީ އިތުރަށް ޔަގީންކުރާށެވެ. ބުނެވޭ އެއްޗަކުން ރޫބީގެ ދިރިއުޅުން ހަލާކުވެގެން ދާކަށްވެސް އޭނާ ބޭނުމެއް ނުވިއެވެ.
"ހެޕީވާ ކަމެއް ދޯ... އެހެންވިޔަސް، އޮޅުވާލުމެއްގެ ތެރޭން ވާ ކަމެއް ރަނގަޅު ކުރާނަން ކަންނޭނގެ..." ރޫބީ ވިސްނައިލައިފައި ޖަވާބު ދިނެވެ. "ދެން ނިމުނީ... މިރޭ ކޮންކަހަލަ ސުވާލެއްތަ ތި ކުރަނީ؟..."
ރޫބީގެ ފޯނު ރިންގްވާން ފެށިއެވެ. ނަޖާތު އަވަހަށް ތެދުވެގެން ގޮސް އޭނާގެ އެނދުގައި އޮށޯތެވެ. ރޫބީގެ ޖަވާބުން ނަޖާތުގެ ހިތަށް އުނދަގޫ ކުރިއެވެ. އޭނާ ހަގީގަތް ހާމަކުރާ ހިސާބުން ރޫބީ އެ ކައިވެނި ނުކޮށްފިއްޔާ ދެން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނާގެ ސަބަބުން އެތައް ބަޔަކަށް އޭގެ ގެއްލުން ކުރިމަތިވާނެއެވެ.
"ނިދަނީތަ؟..." އިކާންގެ އަޑު އިވުމުން، ރޫބީގެ މެޔަށް ފިނިވެގެން ދިޔައެވެ.
"ނިދަން އޮތީ..." ރޫބީ މަޑުމަޑުން ޖަވާބު ދިނެވެ.
"ހަމަ ބޭނުންވީ މާދަމާގެ ކުރިން އަޑު އަހާލަން..." ކުޑައިރުކޮޅެއް ފަހުން އިކާން ބުނެލިއެވެ.
ރޫބީ މަޑުމަޑުން ހީލިއެވެ. އިކާނަށް އެ އަޑު އިވުމުން ބޭއިހުތިޔާރުގައި ހިނިތުންވެލެވުނެވެ. އިކާނެކޭ އެއްވަރަށް ރޫބީގެ ހިތްވެސް ވަނީ އަވަސްވެފައެވެ. ޖެހިގެން އަންނަ ދުވަހަކީ ދެމީހުންނަށްވެސް ބޮޑު ދުވަހެކެވެ. އެކަކު އަނެކަކު ކުރި އިންތިޒާރަށް ނިމުން އައިސް، ކައިވެނީގެ ގޮށުން ގޮށްޖަހާލެވޭ ދުވަހެވެ. ކައިވެނީގެ ހެދުމުގައި އެކަކު އަނެކަކު ދެކިލުމަށް ދެމީހުންގެ ހިތްވެސް އެދެމުން ދިޔައެވެ. އެދުވަހަށްޓަކައި އިކާން ވަނީ ވަރަށް ފުރިހަމައަށް ތައްޔާރުވެފައެވެ.
"ލޯ މަރާލިޔަސް، މާދަމާ އަހަރެންގެ ވައިފް ހުންނާނެ ގޮތް ސިފަ ކުރެވެނީ... އެހެންވެ ނުނިދިގެން މިއުޅެނީ..." އިކާން ބާލީހުގައި ބައްދައިލީ ރޫބީގެ ރީތި ސޫރަ ހިތަށް ސިފަކުރަމުންނެވެ. "ހިނގާލާފަ އައިސް އަހަރެންގެ ކައިރީގަ އިށީންނަ މަންޒަރު މިހާރުވެސް އެބަ ސިފަކުރެވޭ..."
"ނުބަލައްޗޭ!..." ރޫބީ ލަދުގަތެވެ.
"ކީއްވެ؟.." ޝަކުވާ ކުރާ ކަހަލަ ގޮތަކަށް އިކާން ސުވާލުކުރިއެވެ.
"ހާސްވެދާނެ..." ރޫބީ ބުނެލިއެވެ.
"މިހާރުވެސް ތިހުރީ ނާވަސްވެފަ... އަހަރެން ދުރުގަ ހުރިއިރުވެސް..." އިކާން ޖަހައިލީ ލުއި ހިނިގަނޑެކެވެ.
"ކުޑަކޮށް..." ރޫބީ އެއްބަސްވިއެވެ.
"މާދަމާގެ ފަހުން ތީ އަހަރެންގެ ވައިފް... ދެން ނުޖެހޭނެ ނާވަސް ވާކަށް... އަހަރެން އަބަދުވެސް ހުންނާނީ ކައިރީގަ..." އިކާންގެ މަގުސަދަކަށްވީ ރޫބީގެ ހާސްކަން ކުޑަކުރުމެވެ. އެކަމަކު ބުނެވުނު އެއްޗަކުން ރޫބީއަށް ގޯސް މާނައެއް ނެގިދާނެތީ، އިކާނަށް އަމިއްލަ ބޮލުގައި އަތުން ޖަހައިލެވުނެވެ.
********
ކައިވެނީގެ މަޖިލިސް ފެށެން ކުޑަ ވަގުތުކޮޅަކަށްވަމުން ދިޔައިރު، ރޫބީގެ ހިތް އޮބިނޯންނަ ވަރަށް ތެޅެމުން ދިޔައެވެ. ލޯގަނޑުން ފެންނަމުންދިޔަ އަމިއްލަ ސޫރައަށް ބަލަންވެސް އޭނާ އިނީ ލަދުންނެވެ. ރޫބީގެ އެކި ކަންކަމުގައި އުޅެމުންދިޔަ ނަމަވެސް، ނަޖާތަށް ހުރެވުނީ ފިކުރެއްގެ ތެރޭގައެވެ. ކުރަންއުޅޭ ކަންކަމަށް ގިނަ ފަހަރަށް ސަމާލުކަން ދެވޭގޮތެއް ނުވިއެވެ. ރޫބީއަށް އެކަން ފާހަގަ ނުވެއެއް ނުދިޔައެވެ. ރޫބީ ހީކުރީ ދެމީހުން ވަކިވާންޖެހޭތީ ނަޖާތު އެކަމާއި މާބޮޑަށް ވިސްނަނީ ކަމަށެވެ.
ކައިވެނީގެ ހަފުލާއަށް ތައްޔާރުކޮށްފައި އޮތީ، ރޯޔަލް ހޮޓަލުގެ ޓެރެސްއެވެ. ޓެރެސްގެ ހިތްގައިމު މާހައުލަށް ދިޔުމަށް ހަދާފައިވާ ފުޅާ މަގު އަލިކޮށްފައިވަނީ ދެފަރާތުގައި ހަރުކޮށްފައިވާ އޮރެންޖު ކުލައިގެ ކުދި ބޮކިތަކުންނެވެ. މަގުގެ ދެފަރާތުގައި ބަހައްޓާފައިވާ ހުދު ފިނިފެންމާތަކަށް އޮރެންޖު އަލި އެޅިފައިވާއިރު، ތަން ފެންނަމުން ދިޔައީ ހިތްގައިމުކޮށެވެ. ތަނުގައި ހިފާލާފައިވީ ގުދުރަތީ މާމެލާމެލީގެ ހިތްގައިމު ވަހެވެ. އިވެމުންދިޔަ މަޑު މިޔުޒިކުގެ ސަބަބުން މާހައުލަށް ދިރުން ގެނެސްދީފައިވިއެވެ. ކައިވެނީގެ މޭޒު ތައްޔާރުކޮށްފައިވާ ސަރަހައްދު ހުދު އަލިން އަލިކޮށްފައިވާއިރު، އެ ސަރަހައްދުގައި ދިއްލާފައިވާ ކުދި އޮރެންޖު ބޮކިތަކުން ތަން އިތުރަށް ފުރިހަމަކޮށްދެއެވެ.
މޭޒާއި މާ ދުރުނޫން ހިސާބެއްގައި ރޫބީގެ އާއިލާގެ ފަރާތުން އައިސް ތިބި ދެތިން މީހުން ތިބިއިރު، އިސްކޮށް ހުރީ ފައުދެވެ. އަނެއް ފަރާތުގައި އިކާންގެ އާއިލާ ތިއްބެވެ. އިކާންގެ ކައިވެނީގެ ހަފުލާއަށް އައިސްހުރި، އަސްލަމްގެ ހިނިތުންވުން ފިލައިގެން ނުދެއެވެ. އެތައް ދުވަހެއްގެ އިންތިޒާރަށް ނިމުން އަންނައިރު، އިކާން ކައިވެނި ކުރަން އުޅެނީ އަމިއްލައަށް ބޭނުންވި ކުއްޖާއަށް ވުމަކީ އަސްލަމަށް އިތުރު އުފާވެރިކަމެއް ލިއްބައިދިން ކަމެކެވެ. ފަހުވަގުތުވެސް، ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ނިމިފައި ހުރިތޯ ފައުދު ބަލަމުން ދިޔައެވެ.
އަސްލަމާއި ހިލާފަށް ނާޝިޒް އުޅުނީ، ހަފުލާގެ ކަންކަން އެންމެ ރައްކާތެރިކޮށް ގެންދިޔުމުގެ ކަންތައްތަކުގައެވެ. ނައީމަކީ ކޮން ކަހަލަ މީހެއް ކަމާއި ކޮންމެފަދަ ކަމެއްވެސް ކުރަން ފަސްނުޖެހޭނެ މީހެއްކަން އޭނާއަށް އެނގެއެވެ.
"ރަނގަޅަށް ގެސްޓް ލިސްޓަށް ބަލާފަ ނޫނީ އެއްވެސް މީހަކަށް ޓެރަސްއަށް އަންނަން ލިފްޓަށްވެސް ވަދެވިގެން ނުވާނެ..." ނާޝިޒް އިރުޝާދު ދިނީ ސެކިޔުރިޓީ އޮފިސަރުންނަށެވެ.
މޭޒު ކައިރީ އިންއިރު އިކާންގެ ދެއަތްތިލަ ފިނިވަމުން ދިޔައެވެ. ހަމަ އެއާއި އެއްވަރަށް އޭނާގެ ހިތް ވަނީ އަވަސް ވެފައެވެ. ގިނައިރެއްނުވެ، ރޫބީ އަންނާނެއެވެ. އިކާންގެ ކައިރީގައި އިށީންނާނެއެވެ. އޭރުން ކުރެވޭނީ ކޮންކަހަލަ އިހުސާސެއް ހެއްޔެވެ؟ އިސްޖަހައިގެން އިންނަމަވެސް، އިކާން ދޭތެރެ ދޭތެރެއިން އެތެރެއަށް ވަނުމަށް ހަދާފައިވާ ފުޅާ މަގަށް ނަޒަރު ހުއްޓާލައެވެ. އޭނާގެ ދެލޯ ހޯދަމުން ދިޔައީ އެންމެ ސޫރައެކެވެ. އެއީ ރޫބީއެވެ.
މެހެމާނުންގެ އަޑު ކެނޑުނެވެ. މުޅި ތަން ހިމޭންވިއެވެ. އެތެރެއަށް ވަދެގެން އައި ރޫބީ ފެނުމުން، އެންމެންވެސް ތިބީ އާޝޯހުވެ، ބަސް ހުއްޓިފައެވެ. ނަޖާތު ރޫބީގެ އެއް އަތުގައި ހިފާލައިގެން ހުރިއިރު، އިބާ ހުރީ އަނެއް އަތުގައި ހިފާލައިގެންނެވެ. އިކާނަށް ބޭއިހުތިޔާރުގައި ގޮނޑިން ތެދުވެވުނެވެ. ހުދުކުލައިގެ ބޮޑު ކައިވެނީގެ ހެދުމުގައި ރޫބީ ހީވަނީ ހޫރު ޕަރީއެއް ހެންނެވެ. އިސްޖަހާލައިގެން ހުރި ނަމަވެސް ރޫބީއަށް އިކާން ފެނެއެވެ. އިކާން ރޫބީއަށް ބަލަން ހުރިކަން އެނގުމުން، ލަދުން ގޮސް ދެފައި އޮޅޭގޮތްވިއެވެ. ނަޖާތުމެން ހިފަހައްޓައިގެން ނުތިބިނަމަ، ރޫބީގެ ދެފައި އޮޅިގެން ވެއްޓުނީހެވެ.
ގޮނޑީގައި އިށީނދެފައި ރޫބީ އިކާނަށް ބަލައިލިއެވެ. އިކާން އަވަސް އަވަހަށް އިށީނެވެ. އެވަގުތު، ދެމީހުންގެ ހަތަރުކަޅި ބައްދަލުވިއެވެ. އެތަނުގައި އިތުރު ބަޔަކު ތިބިކަން ދެމީހުންގެ ހަނދާނުންވެސް ފޮހެވިގެން ދިޔައެވެ. ވަށައިގެންވި މަންޒަރު ފުސްވިއެވެ. އަޑުތައް ކެނޑުނެވެ. އެކަކު އަނެކަކަށް ފެންނަމުން ދިޔައީ ކުރިމަތީގައި އިން ބައިވެރިޔާ އެކަންޏެވެ.
(ނުނިމޭ)