ޕަރީއާއެކު ދުވަސްގަނޑަކަށްފަހު ރިޝްމީ އަލުން ސިނަމާއަށް

އަންނަ އަހަރު ނެރުމަށް ތައްޔާރުވާ ބިރުވެރި ފިލްމު "ޕަރީ: ޗެޕްޓާ 1" އާއެކު މައިގަނޑު ރޯލަކުން މަގުބޫލު ބަތަލާ, ރިޝްމީ އަލުން ދިވެހި ބޮޑު ސްކްރީނަށް އަންނަން ތައްޔާރުވެއްޖެއެވެ.

ދިވެހި ފިލްމު އިންޑަސްޓްރީގައި މިހާރުވެސް ބުރަކޮށް މަސައްކަތް ކުރަމުން އަންނަ ރިޝްމީ، މި ފަހަކަށް އައިސް ދިވެހި ތިއޭޓަރުތަކުން ފެނިގެން ގޮސްފައެއް ނުވެއެވެ. އޭނާ ލީޑް ރޯލަކުން އޮލިމްޕަހުން ނުފެންނަތާ މިހާރު އަށް އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެއެވެ.

އެހެންނަމަވެސް އަނެއްކާވެސް މިހާރު ތައްޔާރުވަމުން އަންނަނީ މައިގަނޑު ރޯލަކުން ރިޝްމީ އަލުން ބޮޑު ސްކްރީނަށް އަންނާށެވެ. އެގޮތުން މިފަހަރު އޭނާ ފެނިގެންދާނީ ޕަރީގައި، "ރައުފާ" ނަމަކަށް ކިޔާ ކެރެކްޓަރަކާއެކުގައެވެ. ރައުފާގެ ކެރެކްޓަރާ ގުޅޭގޮތުން މާ ގިނަ މައުލޫމާތުތަކެއް ޕްރޮޑަކްޝަނުން ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް އޭނާގެ ކެރެކްޓަރަކީ މައިގަނޑު ކެރެކްޓަރަކަށް ވާނެ ކަން ހާމަކޮށްފައިވެއެވެ.

ޕަރީ އަކީ މަގުބޫލު އެކްޓަރު އަލީ ސީޒަން ޑައިރެކްޓުކޮށް އެކްޓު ކުރާ ބިރުވެރި ފިލްމެކެވެ. ސްރީ ލަންކާގައި ކުޅޭ މި ފިލްމަކީ ލަންކާގައި އުޅޭ ދިވެހި އާއިލާއަކަށް ދިމާވާ ބިރުވެރި ވާހަކަތަކެއް ކިޔައިދޭނެ ފިލްމެކެވެ.

ޕަރީއިން ރިޝްމީ ސިނަމާއަށް އައުމަށް ތައްޔާރުވަމުން އަންނަ އިރު މައިގަނޑު ރޯލަކުން އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ 2017 ވަނަ އަހަރުގައި އޭނާ ލީޑް ރޯލުން ފެނިގެންދިޔަ ސައިކޮލޮޖިކަލް ތުރިލާ ފިލްމު "ވިޝްކާ" އިންނެވެ. ވިޝްކާގެ ރޯލު ކުޅުނު ރިޝްމީއަށް މި ރޯލާއެކު ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވެއެވެ. އޭގެތެރޭގައި ސާކް ފިލްމު ފެސްޓިވަލުގައި އެންމެ މޮޅު ބަތަލާގެ އެވޯޑު އޭނާއަށް ލިބިފައިވެއެވެ. މިއީ ދިވެހި ބަތަލަކު މި އެވޯޑު ހޯދި ފުރަތަމަ އަދި ހަމައެކަނި ފަހަރެވެ. އަދި އޭގެއިތުރުން ޖެހިގެން އައި އަހަރުުގެ ގައުމީ ފިލްމު އެވޯޑުގައި ވިޝްކާގެ ރޯލަށް ރިޝްމީއަށް ވަނީ އެންމެ މޮޅު ބަތަލާގެ އެވޯޑު ލިބިފައެވެ.

ބޮޑު ސްކްރީނުން އޭނާ ފެނިފައި ނުވި ނަމަވެސް ރިޝްމީ ވަނީ ކުޑަ ސްކްރީނުން ފެނިގެން ގޮސްފައެވެ. އެގޮތުން އޭނާ އަމިއްލަ ޑައިރެކްޓު ކޮށް މައިގަނޑު ރޯލަކުން ފެނިގެން ގޮސްފައިވާ "ޔާރާ" އަކީ އޭނާ އެންމެ ފަހުން ފެނިގެން ގޮސްފައިވާ އުފެއްދުމެވެ. ސްޓްރީމިންއަށް 50 އެޕިސޯޑާއެކު ގެނެސްދިން މި ޝޯގެ ފަހު ސީޒަން ނިންމާލާފައިވަނީ ދާދިފަހުންނެވެ.

comment ކޮމެންޓް