"ޕީކީ ބްލައިންޑާސް" އާއި "އޮޕެންހައިމާ" ފަދަ ބޮޑެތި އުފެއްދުންތަކުން ފެނިގެން ގޮސްފައިވާ މަޝްހޫރު އެކްޓަރު ކިލިއަން މާފީ އެކްޓިން އިން ބްރޭކެއް ނަގައިފި އެވެ.
އުމުރުން 47 އަހަރުގެ އެކްޓަރު، އެކްޓިން އިން ބްރޭކެއް ނަގާފައިވާ ކަމަށް ހާމަކޮށްފައިވަނީ އޭނާގެ އެންމެ ފަހުގެ ފިލްމު ކަމަށްވާ "ސްޓީވް"ގެ ޕްރޮމޯޝަންގެ ތެރެއިންނެވެ.
ފިލްމު ޕްރެސް ޓުއާގައި "ޑެޑްލައިން" އަށް މައުލޫމާތު ދެމުން ކިލިއަން ބުނެފައިވަނީ ސްޓީވް އަކީ ކުރިއަށް އޮތް މުއްދަތުގައި އޭނާ ދެން އެންމެ ފަހުން ފެންނާނެ ފިލްމު ކަމަށެވެ. އަދި ފިލްމުގެ ޓުއާ އަށްފަހު ދެން ބްރޭކަށް ރަސްމީކޮށް ދާނެ ކަމަށާއި އިތުރު އެއްވެސް ޕްރޮޖެކްޓެއް ނުނަގާނެ ކަމަށް އޭނާ ބުންޏެވެ.
ސްޓީވް ގައި ކިލިއަން ކުޅޭނީ ކޮލެޖު ޓީޗަރެއްގެ ރޯލެވެ. ނަފްސާނީ ބަލިތަކުން ހަނގުރާމަ ކުރަމުން ހާލުގައި އުޅޭ ދަރިވަރުންތަކަކަށް އެހީތެރިކަން ފޯރުކޮށްދޭ ގޮތް މި ފިލްމުން ދައްކައިދޭނެއެވެ.
ކިލިއަން އިތުރަށް ބުނެފައިވަނި އެކްޓިން އިން އެއް އަހަރު ބްރޭކެއް ނަގާނެ ކަމަށެވެ. އެއާއެކު އެންމެ އަވަހަށްވެސް ދެން ޕްރޮޖެކްޓެއްގައި މަސައްކަތް ކުރާނީ އަންނަ އަހަރު ފަހުކޮޅުގައި ކަމަށް އޭނާ ބުނެއެވެ. އެހެންވީމާ އާންމުންނަށް އޭނާގެ ފިލްމެއް ދެން އެންމެ އަވަހަށް ފެންނާނީ 2027 ފަހުކޮޅު ނޫނީ 2028 ވަނަ އަހަރުގައެވެ.
އޭނާ ބުނިގޮތުގައި އެކްޓިން އިން ދޭތެރެ ދޭތެރެއިން ބްރޭކެއް ނެގުމަކީ ވަރަށް ރަނގަޅު ކަމެއް ކަމުގައެވެ. މިއީ މަސައްކަތުން ފޫހި ނުވެ މަސައްކަތުގެ ފެންވަރު ރަނގަޅު ކުރުމަށް ލިބޭ ދަނޑިވަޅެއް ކަމުގައިވެސް އޭނާ ފާހަގަކުރެއެވެ.