ޝިފާއަށް ބޮލީވުޑުން ފުރުސަތެއް ލިބުނީތަ؟

ޓިކްޓޮކުން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ޒުވާން އެކްޓަރު މަރިޔަމް ޝިފާއަށް ބޮލީވުޑުން ފުރުސަތެއް ލިބިއްޖެ ކަން އޭނާ ހާމަކޮށްފިއެވެ.

ދިވެހި ފިލްމުތަކުން ވެސް މަދުމަދުން ފެނިގެން ގޮސްފައިވާ ޝިފާ އެންމެ ފުރަތަމަ އާންމުންނަށް އެނގުނީ ޓިކްޓޮކް ލިޕްސިންކް އާ ނެށުންތަކުންނެވެ. އެއަށްފަހު އޭނާ އެކްޓިންގެ ތެރެއަށް ނިކުތީ 2017 ވަނަ އަހަރުގައެވެ. އޭނާ އެންމެ ފުރަތަމަ ފެނިގެން ގޮސްފައިވަނީ ޔޫސުފް ޝަފީއު (ޔޫއްޕެ) ލިޔެ ޑައިރެކްޓްކޮށްފައިވާ ފިލްމު "ދެވަންސޫރަ" އިންނެވެ. އެ ފިލްމުގައި އޭނާ ފެނިގެން ގޮސްފައިވަނީ ސަޕޯޓިން ރޯލަކުންނެވެ.

ފިލްމު އިންޑަސްޓްރީގައި ފާހަގަކޮށްލެވޭ ބޮޑެތި ތަރީންނާއެކު ޝިފާ މިހާރު މަސައްކަތް ކޮށްފައިވާއިރު އޭނާ ވަނީ ބޮޑު ސްކްރީނަށް ނެރޭ ފިލްމުތަކުންނާއި ވެބް ޝޯތަކުން ފެނިގެން ގޮސްފައެވެ. މި އުފެއްދުންތަކުން އޭނާ މުހިއްމު ރޯލުތަކުން ފެނިގެން ގޮސްފައިވި ނަމަވެސް އޭނާ ފެނިގެން ގޮސްފައިވަނީ ސަޕޯޓިން ރޯލުތަކުންނެވެ.

އުމުރުން 25 އަހަރުގެ ޝިފާ މިހާރު ތައްޔާރުވަމުންދަނީ ދުނިޔޭގެ އެންމެ ބޮޑު އެއް ފިލްމު އިންޑަސްޓްރީ ކަމަށްވާ ބޮލީވުޑްގެ އުފެއްދުމެއްގައި މަސައްކަތް ކުރާށެވެ. ދާދިފަހުން ފޭސްބުކްގައި ޝިފާ އާންމުކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ އޭނާއަށް ބޮލީވުޑް އިން ފުރުސަތެއް ލިބިފައިވާ ކަމަށެވެ.

މި ފުރުސަތާ ގުޅޭގޮތުން ޝިފާ އިތުރު މައުލޫމާތެއް ހިއްސާކޮށްފައެއް ނުވެއެވެ. އޭނާ ފެނިގެންދާނީ ކޮން ކަހަލަ ރޯލަކުން ކަމެއް ހާމަކޮށްފައެއް ވެސް ނުވެއެވެ. މިކަމާ ގުޅޭގޮތުން އޭނާގެ ފަރާތުން އިތުރު ބަހެއް އަދި ލިބޭގޮތް ވެފައެއް ނުވެއެވެ. އެންމެފަހުން އޭނާ ވަނީ އެކަމާ ގުޅޭ ގޮތުން އާންމުކޮށްފައިވާ ޕޯސްޓުވެސް ޑިލީޓުކޮށްލާފައެވެ.

comment ކޮމެންޓް