އިންޑޮނޭޝިއާގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނަށް ދޭ ބޮޑެތި އިނާޔަތްތަކާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔަ އެތައް ހާސް ދަރިވަރުންނާ ދެކޮޅަށް ރަޔަޓް ފުލުހުން ނިކުމެ، ކަރުނަ ގޭހާއި ފެން ޖަހައި މުޒާހަރާ ރޫޅާލައިފިއެވެ.
އިއްޔެ ހިނގި ހަމަނުޖެހުންތައް ފެށުނީ ގާނޫނު ހަދާ މަޖިލީސް އިމާރާތަށް މުޒާހާރަގެ ބައިވެރިން ވަންނަން އުޅުމުގެ ތެރޭގައި ފުލުހުންނަށް ހަމަލާތައް އަމާޒުކުރުމުންނެވެ.
ޖަކާޓާގެ ފުލުހުންގެ ތަރުޖަމާނު އަޑޭ އަރީ ސިޔާމް އިންދްރާދީ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެ އިމާރާތުގެ ވަށައިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 1،250 ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މުޒާހަރާ އިންތިޒާމްކުރި އެއް ޖަމާއަތް ކަމަށްވާ ގެޖަޔަން މެމަންގިލް ބުނީ މުޒާހަރާގެ ބައިވެރިން ގޮވާލަނީ މަޖިލީހުގެ މެމްބަރުންގެ މުސާރަ ކުޑަކުރުމަށާއި ސަރުކާރުގައި ތިބި ޚިޔާނާތްތެރިން ވަކިކުރުމަށް ކަމަށެވެ.
މުޒާހަރާ ކުރަންފެށީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން މަހަކު 50 މިލިއަން ރުޕީއާ (3،075 ޑޮލަރު) ގެ ހައުސިން އެލަވަންސެއް ރައްޔިތުންގެ މަޖިލީހުގެ 580 މެންބަރުންނަށް ލިބެމުންދާ ކަމަށް ދާދި ފަހުން ރިޕޯޓް ކުރުމުންނެވެ.
އެ ގައުމުގެ ގިނަ ރައްޔިތުން އިގްތިސާދީ ދަތިކަމުގެ ތެރޭގައި އުޅެމުން އަންނައިރު މަޖިލީސް މެމްބަރުންނަށް އެ އިނާޔަތް ދިނުމަކީ އެއްވެސް އިންސާފެއް ނޫން ކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.

އިންޑޮނޭޝިއާގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ/އޭޕީ
މެމްބަރުންނަށް ދޭ ހައުސިން އެލަވަންސަކީ އެ ގައުމުގެ ފަގީރު ސަރަހައްދުތަކުގައި އާންމު ރައްޔިތަކަށް މަހަކު ލިބޭ މުސާރައިގެ ގާތްގަޑަކަށް 20 ގުނަ އިތުރު އަދަދެކެވެ.
އިންޑޮނޭޝިއާގައި ކޮރަޕްޝަން އާންމުވެފައިވާއިރު އެކްޓިވިސްޓުން ބުނާ ގޮތުގައި 280 މިލިއަނަށް ވުރެ ގިނަ މީހުން ދިރިއުޅޭ އެ ގައުމުގެ ފުލުހުންނާއި މަޖިލިސް މެމްބަރުންނަކީ އެންމެ ކޮރަޕްޓް މީހުން ކަމަށް އެކްޓިވިސްޓުން ބުނެއެވެ.
އިންޑޮނޭޝިއާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މަޖިލިސް މެމްބަރުންނަށް މަހަކު 100 މިލިއަން ރުޕީއާ (6،150 އެމެރިކާ ޑޮލަރު) އަށް ވުރެ ބޮޑު މުސާރައެއް ދީފައިވާއިރު، އޭގެ ތެރޭގައި ބޮޑު ބޯހިޔާވަހިކަމުގެ އެލަވަންސެއް ވެސް ހިމެނެއެވެ.
އިންޑޮނޭޝިއާ އަކީ ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ބޮޑު އިގްތިސާދު ކަމަށްވާއިރު، އެ މުސާރަކީ އެ ގައުމުގެ އެވްރެޖް އާމްދަނީ ކަމަށްވާ 3.1 މިލިއަން ރުޕީއާއަށް ވުރެ މާ މަތީ އަދަދެކެވެ.