ދިވެހިރާއްޖޭގެ އެންމެ ބޮޑު މުވާސަލާތީ ޚިދުމަތްދޭ ކުންފުނި ދިރާގުން، ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ކެއާ ސޮސައިޓީން ކުރިއަށް ގެންދާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް2025 އަށް އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ދިރާގުން ބުނި ގޮތުގައި، މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ޒުވާނުންނަށް މިނިވަންކަމާއެކު ދިރިއުޅުމަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަށް ހިންގާ ވަރަށް މުހިންމު މަސައްކަތެކެވެ.
ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމްގެ ޕާޓްނާޝިޕް އައުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިދިޔަ ހުކުރު ދުވަހެވެ.
ރަސްފަންނުގައި ބޭއްވުނު "ޕޮޕް އަޕް ވިތު އަ ޕާޕޮސް" ގެ ނަމުގައި ބޭއްވުނު ޚާއްސަ އިވެންޓެއްގެ ތެރެއިން މި ޕާޓްނާޝިޕް ވަނީ އާކޮށްފައެވެ. ދިރާގުން ބުނި ގޮތުގައި، މި އިވެންޓުގައި ބޭކަރީ ސްޓޯލްތަކާއި، އާޓްސް އެންޑް ކްރާފްޓްސް ކޯނަރަކާއި އަދި ކުޅިވަރު ސަރަހައްދުތައް ހުއްޓެވެ.
މި ހަރަކާތްތަކުގެ ތެރެއިން ޕްރޮގްރާމްގެ ދަރިވަރުންނަށް އެކުދިންގެ ހުނަރުވެރިކަމާއި އުފެއްދުންތެރިކަން ދެއްކުމުގެ ފުރުސަތު ލިބިގެންދިޔައެވެ.
ދިރާގުން ދީފައިވާ މައުލޫމާތުގައިވާ ގޮތުން، 2018 ވަނަ އަހަރު ކެއަ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓް އުފެދުނީއްސުރެ މި ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުން އަންނަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
ކެއަ ސޮސައިޓީއިން ހާމަކުރި ގޮތުގައި، މިދިޔަ އަހަރުގެ ޕްރޮގްރެސް ރިޕޯޓްތަކުގައި ބަޔާންކޮށްފައިވާ ގޮތުން، ވޮކޭޝަނަލް ޓްރެއިން ޕްރޮގްރާމް މެދުވެރިކޮށް 22 ކުދިންގެ ޕްރޮގްރެސް ރޭޓް ވަނީ އިތުރުވެފައެވެ. އަދި އެގޮތުން ކުދިންގެ އަމިއްލަ މިނިވަންކަމާއި، މުވާސަލާތީ އަދި އިޖުތިމާއީ ހުނަރުތަކަށް ހެޔޮ ބަދަލެއް އައިސްފައިވެއެވެ.
ދިރާގުން ބުނެފައިވާ ގޮތުގައި، މި އަހަރުގެ ޕްރޮގްރާމްގައި 27 ދަރިވަރުން ބައިވެރިވެފައިވެއެވެ. އެ ގޮތުން މުވާސަލާތްކުރުމާއި އަދި މައްސަލަ ހައްލުކުރުން ފަދަ ދިރިއުޅުމަށް ބޭނުންވާ މުހިންމު ހުނަރުތަކަށް އިސްކަންދެވޭއިރު، ކެއްކުމާއި، އާޓްސް އެންޑް ކްރާފްޓްސް، އަދި ކޮމްޕިއުޓަ ލިޓަރަސީ ފަދަ ދާއިރާތަކުން އަމަލީ ތަމްރީނުތައް ވެސް ފޯރުކޮށްދެވެއެވެ.
ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަކީ ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ޕްރޮގްރާމްގެ މައިގަނޑު އަމާޒެއް ކަމަށް ދިރާގުން ފާހަގަކޮށްފައިވެއެވެ. އެގޮތުން މިފަދަ ޕްރޮގްރާމްތަކަށް ދިރާގުން އަބަދުވެސް ދަނީ އެއްބާރުލުންދީ، މުޖުތަމަޢަށް ފައިދާހުރި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.