ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހދ. ނޮޅިވަރަންފަރުގައި މިއަދު އައު ބްރާންޗެއް ރަސްމީކޮށް ހުޅުވައިފިއެވެ.
ބީއެމްއެލްއިން ބުނި ގޮތުގައި، މި ބްރާންޗާއެކު އާންމުންނަށް 24 ގަޑިއިރު ޚިދުމަތްދޭ ސެލްފް ސާވިސް ބޭންކިން އޭޓީއެމް ސެންޓަރެއް ވެސް ވަނީ ގާއިމުކޮށްފައެވެ.
މި ބްރާންޗް ހުޅުވުމަށް މިއަދު ނޮޅިވަރަންފަރުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ބައެއް ވަޒީރުންނާއި، ބީއެމްއެލްގެ ޗެއާޕަސަން އަޙްމަދު ޢަލީ ޙަބީބާއި ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަރީފްގެ އިތުރުން ބޭންކުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ބީއެމްއެލްގެ މެނޭޖިން ޑިރެކްޓަރު ޝަރީފް ވިދާޅުވީ، "ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް އިސްކަންދީގެން ޚިދުމަތް ދޭނެ ބްރާންޗެއް ނޮޅިވަރަންފަރުގައި ހުޅުވިގެން ދިޔުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަަމަށެވެ.
"ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކުން ބޭންކިން ޚިދުމަތަށް ފަސޭހައިން ވާސިލުވެވޭނެ އިންތިޒާމުތައް ހަމަޖައްސައިދީ، އަޅުގަނޑުމެނަށް މި ދަނީ މުޖުތަމައުތަކަށް ދެމެހެއްޓެނިވި އިގްތިސާދީ ކުރިއެރުން ގެންނަމުން،" އޭނާ ވިދާޅުވިއެވެ.

ނޮޅިވަރަންފަރުގައި އާ ބްރާންޗެއް ހުޅުވުމުގެ ރަސްމިއްޔާތު-- ފޮޓޯ/ބީއެމްއެލް
ބޭންކް އޮފް މޯލްޑިވްސްއިން ބުނި ގޮތުގައި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގައި ޚިދުމަތް ފޯރުކޮށްދިނުމަށް އެ ބޭންކުން ވަރަށް ބޮޑު އިސްކަމެއް ދެއެވެ.
މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 42 ބްރާންޗް، 151 ސެލްފް ސާވިސް ބޭންކިން ސެންޓަރު، 209 އޭޓީއެމް މިހާރު އެބަހުއްޓެވެ.