ޔޫއެސް އޯޕަންގެ ދެވަނަ ބުރުން އަލްކަރާޒް ޖާގަ ހޯދައިފި

ކާލޯސް އަލްކަރާޒް --

އަހަރުގެ ފަހު ގްރޭން ސްލޭމް މުބާރާތް ކަމަށްވާ ޔޫއެސް އޯޕަން ޓޭނިސް މުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގެ ދެވަނަ ބުރުން ކާލޯސް އަލްކަރާޒް ޖާގަހޯދައިފިއެވެ.

މި މުބާރާތުގައި ދެވަނައަށް ސީޑު ކުރެވިފައިވާ ސްޕެއިންގެ އަލްކަރާޒް ދެވަނަ ބުރުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި އެމެރިކާގެ ރެއިލީ އޮޕެލްކާއާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހައެއް ހަތަރަކުން އަލްކަރާޒް ކާމިޔާބު ކުރިއިރު ދެވަނަ ސެޓު އޭނާ ގެންގޮސްފައިވަނީ ހަތެއް ފަހަކުންނެވެ. އަދި ފަހު ސެޓު ކާމިޔާބު ކޮށްފައިވަނީ ހައެއް ހަތަރަކުންނެވެ.

މި ކާމިޔާބީއާއެކު މި މުބާރާތުގެ ދެވަނަ ބުރުގައި އަލްކަރާޒް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ އިޓަލީވިލާތުގެ މަޓިއާ ބެލޫޗީއާއެވެ. ބެލޫޗީ ދެވަނަ ބުރުން ޖާގަ ހޯދާފައިވަނީ ޗައިނާގެ ޝޭންގް ޖުންޗެންއާ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްގެންނެވެ.

މިމުބާރާތުގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާއިރު ފަސް ވަނައަށް ސީޑު ކުރެވިފައިވާ އިނގިރޭސިވިލާތުގެ ޖެކް ޑްރެޕާ އާއި އާޖެންޓީނާގެ ފެޑެރީކޯ އަގުސްޓިން ގޯމޭޒް ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ކާމިޔާބު ކޮށްފައިވަނީ ޑްރެޕާއެވެ. މިމެޗުގެ ފުރަތަމަ ދެ ސެޓު ހައެއް ހަތަރެއް އަދި ހަތެއް ފަހަކުން ޑްރެޕާ ކާމިޔާބުކޮށް ތިން ވަނަ ސެޓު ކާމިޔާބު ކުރުމަށް ކުޅުނު ނަމަވެސް އެ ސެޓު ޓައި ބްރޭކަކަށް ގޮސް ނުވައެއް ހަތަކުން ކާމިޔާބުކޮށްފައިވަނީ ގޯމޭޒްއެވެ. މިމެޗުގެ ހަތަރު ވަނަ ސެޓު ޑްރެޕާ ކާމިޔާބު ކޮށްފައިވަނީ ހައެއް ދެއަކުންނެވެ.

މި މުބާރާތުގެ ދެވަަނަ ބުރުގައި ޑްރެޕާ ބައްދަލުކުރާނީ ބެލްޖިއަމްގެ ޒިޒޫ ބާގްސްއާއެވެ. މީގެ އިތުރުން ބާރަވަނައަށް ސީޑު ކުރެވިފައިވާ ކެސްޕާ ރޫޑް އާއި ސެބަސްޓިއަން އޮފްނާ ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވަނީ ރޫޑް އެެވެ. އެއީ ހައެއް އެކެއް، ހައެއް ދެއެއް އަދި ފަހު ސެޓު ޓައި ބްރޭކަކަށް ގޮސް ހަތެއް ފަހަކުން ކާމިޔާބުކޮށްގެންނެވެ.

ނުވަވަނައަށް ސީޑު ކުރެވިފައިވާ ކަރެން ހަޗަނޯވް އާއި އެމެރިކާގެ ނިނޭޝް ބަސަވަރެޑީ ބައްދަލުކުރި މެޗު ތިން ސެޓު އެއް ސެޓުން ހަޗަނޯވް ކާމިޔާބު ކުރިއިރު، އެގާރަވަނައަށް ސީޑު ކުރެވިފައިވާ ޑެންމާކްގެ ހޮލްގާ ރޫން އާއި ނެދަލަންޑްސްގެ ބޮޓިކް ވެން ޑެ ޒަންޝުލްޕް ބައްދަލުކުރި މެޗު ސީދާ ތިން ސެޓުން ކާމިޔާބު ކޮށްފައިވަނީ ރޫންއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު