ނުރައްކާތެރިކޮށް, މޯލްޑިވިއަންގެ ސީޕްލޭން ދުއްވި ޕައިލެޓަކާ ދެކޮޅަށް އިސްލާހީ ފިޔަވަޅު އަޅާފައިވަނީ ރަނގަޅަށް ކަމަށް ވަޒީފާއާބެހޭ ޓްރައިބިއުނަލުން ނިންމައިފިއެވެ.
މިއީ، އައިލެންޑް އޭވިއޭޝަންގެ ވަޒީފާގައި އުޅުނު ޕައިލެޓަކު، ނުރައްކާތެރިކޮށް ސީޕްލޭން ދުއްވި މައްސަލައެއްގައި އޭނާއާ މެދު ކުންފުނިން އެޅި ފިޔަވަޅާމެދު ހިތްހަމަ ނުޖެހިގެން ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ހުށަހެޅި މައްސަލައެކެވެ.
މި މައްސަލަ ޓްރައިބިއުނަލުން ނިންމާފައިވަނީ މިދިޔަ ޖޫން މަހުގެ 24 ވަނަ ދުވަހުއެވެ.
މި ޕައިލެޓާމެދު އައިލެންޑް އޭވިއޭޝަނުން ފިޔަވަޅު އަޅާފައިވަނީ 2021 ވަނަ އަހަރު އޮގަސްޓް މަހު، ވައްކަރު ރިސޯޓުގެ ޖެޓީ މަތިން ސީޕްލޭން ޓޭކްއޮފް ކުރި މައްސަލައިގައެވެ. ވައްކަރު ރިސޯޓަކީ، މޯލްޑިވިއަންގެ ސީޕްލޭން އޮޕަރޭޓް ކުރާ ބ. އަތޮޅުގައި އޮންނަ މަޝްހޫރު ރިސޯޓެކެވެ.
މި މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި ސީޕްލޭން ދުއްވި ޕައިލެޓްވަނީ ވައްކަރުން ޓޭކްއޮފް ކުރަން އޮންނަ މަގު ބަދަލުކޮށް އެ ރިސޯޓުގެ ޖެޓީ މަތިން ޓޭކްއޮފް ކޮށްފައެވެ. އެއީ، ނުރައްކާތެރި ކަމެއްގެ އިތުރުން "ރެކްލެސް ވަޔަލޭޝަނެއްކަން" މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
އެ މައްސަލައާ ގުޅިގެން، މުސާރައިގެ ގޮތުގައި މަހަކު 120،000 ރުފިޔާ ލިބޭ ޕައިލެޓް ވަނީ ފަސްޓް އޮފިސަރަކަށް ޑިމޯޓްކޮށް އަދި މުއްދަތެއް ނެތް ގޮތަށް ފްލައިޓް ދުއްވުމުން ސަސްޕެންޑްކޮށް އަދި އިތުރު ތަމްރީން ފުރިހަމަ ކުރަން ޖެހޭ ގޮތަށް ފިޔަވަޅު އަޅައިފައެވެ. ޕައިލެޓް، އައިލެންޑް އޭވިއޭޝަނާ ދެކޮޅަށް މައްސަލަ ހުށަހެޅި މައިގަނޑު ސަބަބަކީވެސް އެ ފިޔަވަޅުތަކެވެ.
މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމުގެ ކުރިން ޕައިލެޓް ވަނީ ކުންފުނީގެ އެތެރޭގެ ނިޒާމުގެ ތެރެއިން އެ ފިޔަވަޅުތައް ބާތިލުކުރަން އެދިފައެވެ. ޕައިލެޓްގެ މައިގަނޑު ޝަކުވާއަކީ، އޭނާއާ މެދު އެޅި ފިޔަވަޅުތައް އިންސާފުވެރި ނޫން ކަމަށެވެ. އެގޮތުން، އޭގެ ކުރިން ހިނގާފައިވާ އެފަދަ ބައެއް ހާދިސާތަކުގައި ފިޔަވަޅު އަޅާފައި ނުވާކަން، ޕައިލެޓްގެ ފަރާތުން ފާހަގަ ކުރި ކަންކަމުގެ ތެރޭގައި ހިމެނެއެވެ.
ޕައިލެޓްގެ ވާހަކަތަކުގެ ރައްދުގައި އައިލެންޑް އޭވިއޭޝަނުން ވަނީ، ސޯޝަލް މީޑިއާގައިވެސް އާއްމުވެފައިވާ، ވައްކަރު ރިސޯޓުގެ ޖެޓީ މަތިން ޓޭކްއޮފް ކުރި ވީޑިއޯގެ ސައްހަކަން ބަލައި، އެކަމާ ގުޅިގެން އެ ފްލައިޓް އޮޕަރޭޓް ކުރި ހުރިހާ މުވައްޒަފުންނާ ސުވާލުކޮށް ޖަވާބުދާރީވުމުގެ ފުރުސަތުދީ، ތަހުގީގު ކުރިއަށް ގެންދިޔަކަން ފާހަގަކޮށްފައެވެ.
އަދި އެ ތަހުގީގުގެ އަލީގައި ޕައިލެޓް ވަޒީފާއިން ވަކިކުރަން ނިންމިކަންވެސް މައްސަލަ ނިމުނު ގޮތުގެ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ. އެހެންނަމަވެސް އެ ނިންމުން މުރާޖައާ ކުރުމަށް ޕައިލެޓްގެ ފަރާތުން ހުށަހެޅުމުން އަލުން ބަލައި، ޑީމޯޓް ކުރީކަން ރިޕޯޓުގައި ވަނީ ބަޔާންކޮށްފައެވެ.
މި މައްސަލައިގައި ޕައިލެޓްގެ ފަރާތުން އެދިފައިވަނީ އޭނާގެ މައްޗަށް އެޅި ފިޔަވަޅުތައް ބާތިލުކުރުމަށެވެ. އަދި އޭނާގެ މައްޗަށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އޭނާ ވަނީ އެދިފައެވެ. އެހެންނަމަވެސް މި މައްސަލަ ނިމުނީ އޭނާއާ ދެކޮޅަށެވެ.
ޓްރައިބިއުނަލުން މި މައްސަލައިގައި ނިންމީ، ޕައިލެޓާ މެދު ފިޔަވަޅު އަޅާފައިވަނީ އެކަށީގެންވާ ސަބަބުތަކެއް ހުރެގެން ކަމަށާއި އަދި ފިޔަވަޅު އެޅުމުގައި މައުލޫއީ ގޮތުންނާއި އިޖުރާއީ ގޮތުންވެސް ފުރިހަމަ ކުރަން ޖެހޭ ކަންކަން ފުރިހަމަކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ހިމެނޭ ޕައިލެޓަކީ 2014 ވަނަ އަހަރުން ފެށިގެން އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރަމުން އައި ސީނިއާ ޕައިލެޓެކެވެ. އެހެންނަމަވެސް މިހާރު އެ ޕައިލެޓް އައިލެންޑް އޭވިއޭޝަންގައި މަސައްކަތް ކުރާ ކަމެއް ސާފެއް ނުވެއެވެ.