"ކަލޭ އިންސާނެއް ދެކެ ލޯބިވީތަ؟"
ރައާބިލްގެ އަޑުވެސް މިފަހަރު ބާރުވިއެވެ. ނާވީއަށް ބަލަހައްޓައިގެން އޭނާ ހުރިއިރު އޭނާގެ މޫނުމަތީން ނުތަނަވަސްކަމާއި ކަންބޮޑުވުމުގެ އަސަރުތައް ފާޅުވެގެން ދިޔައެވެ.
"ބުނެބަލަ. ޖަވާބު ދީބަލަ. ކަލޭ އިންސާނަކާ ގުޅުން ބާއްވަނީހޭ؟" ރައާބިލް ބޭނުންވީ ނާވީގެ އަނގައިން އެ ސުވާލުގެ ޖަވާބު އަޑު އަހާށެވެ. އެނގި ހުރެ އެ ސުވާލު ކުރި ސަބަބަކީ ވެސް އެއީއެވެ.
"އާނ. އަހަންނަށް ލޯބިވެވުނީ. ގަސްތަކު ނޫން…." ނާވީ ބުނެލީ މަޑުމަޑުންނެވެ. އޭނާއަށް އިސްޖަހައިލެވުނުއިރު، ހިތުގެ ތެޅުންވެސް ބާރުވެއްޖެއެވެ. ރައާބިލްގެ އަޑުގައިވި ނުރުހުމުގެ އަސަރުން އޭނަގެ ހިތަށްވެސް ފާޑެއްގެ ގޮތެއް ވެއްޖެއެވެ. މީހާއަށް ފިނިކަމެއް ވެސް އިޙްސާސްކުރެވިއްޖެއެވެ. ރައާބިލް ތޭރިތަކުގައި ހިފައްޓައިލަމުން ފުންކޮށް ނާވީއަށް ބަލައިލާފައި އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"އަހަރެން ކަލެއަށް ނަސޭޙަތެއް ދެންތަ؟" ރައާބިލް ސުވާލުކޮށްލިއެވެ. ނާވީ އިސް އުފުލައިލާ ރައާބިލްއަށް ބަލައިލިއެވެ. އެހެންނަމަވެސް އޭނާ އިތުރު އެއްޗެއް ނުބުނެއެވެ.
"އަހަރެންގެ ނަޞޭހަތެއް އަޑު އަހަންނާ ތިކަންތައް ހަމަ މިހާރު ހުއްޓާލާ." ރައާބިލް ބުނެލިއެވެ. އޭނާގެ ދެލޮލުގެ ވިދުން ގަދަވެލިއެވެ. ނޫކުލައަކުން އޭނާގެ ދެލޯ ކުޑަކޮށް ދިއްލިގެން ދިޔައެވެ.
"އަހަރެން އޭނަ ދެކެ ލޯބިވޭ." ނާވީ ބުނެލިއެވެ. "މިތަނަށް ކަލޭގެ އެހީތެރިކަން ހޯދަން އަހަރެން އައި ސަބަބަކީވެސް އެއީ."
"އަހަރެންގެ އެހީތެރިކަމޭ؟" ރައާބިލްއަށް ބުނެވުނެވެ.
"އާނ. އަހަރެން ކަލޭގެ އެހީތެރިކަން ބޭނުން. އަަހަރެން އެ އިންސި ދެކެ ލޯބިވޭ. އޭނަ ރައްކާތެރިކޮށްދޭން އަހަރެން ބޭނުން. އޭނަ ހިމާޔަތްކޮށްދޭންވެސް ބޭނުން. އެހެންވެ މިހާވަރުން އެންމެނަށް ސިއްރުން ކަލޭ ކައިރިއަށް މިއައީ." ނާވީ ބުނެލިއެވެ.
"ތި ވަދެވެނީ ކިހާ ވަރެއްގެ ކަމެއްގެ ތެރެއަށްކަން އެނގޭތަ؟ އެނގޭތަ ތިއީ އަހަރެމެންނަށް މަނާ ކަމެއްކަން؟ ހުއްދަ ކަމެއް ނޫންކަން. އަހަރެމެން ދެބައި މީހުންނަކީ ތަފާތު ނަސްލެއް. އެއްބަޔަކު އަނެއްބަޔަކަށް ގުޅުމެއް ނުބޭއްވޭނެ. އަދި ޚާއްސަކޮށް ތިފަދަ މީހަކު." ރައާބިލްގެ އަޑަށް ވޭނީ އަސަރެއް ވެރިވެގެން ދިޔުމާއެކު އޭނާއަށް ބުނެވުނެވެ.
"އެހެންވެގެން އަހަރެންގެ ކަލޭ ކައިރިއަށް މިއައީ… ކަލޭ އެކޭ އެއްގޮތަކަށް އަހަންނަށްވެސް ލޯބިވެވުނީމަ." ނާވީ އެންމެފަހުން ބުނެލިއެވެ.
"ލޯބިވުމަކުން ކޮބާ ލިބޭނެ ފައިދާއަކީ…." ރައާބިލް ބުނެލިއެވެ. އޭނާ ފަސް އެނބުރިފައި އޭނާގެ ބުރަކައްޓާ ގައިގައި ހުރި ނިޝާންތައް ދައްކައިލިއެވެ. މިއަދު އޭނާގެ ކުރިމަތީގައި އެހުރީ ނަމީރުގެ ދަރިފުޅެވެ. އަދި އެ ދަރިފުޅު އެ ހުރީ މީގެ އަހަރުތަކެއް ކުރިން އޭނާ ހުރި ޙާލަތުގައެވެ. އެހެންނަމަވެސް އެކަން ނަމީރަށް އަންގައިދެން ބަދަލު ހިފާކަށް ރައާބިލް ބޭނުމެއް ނޫނެވެ. އެއީ އޭނާގެ ސިފައެއް ނޫނެވެ. އޭނާ ކުރި ފަދަ އަމަލެއް ކޮށްގެން އެހެން އެއްވެސް މީހަކަށް އެފަދަ އަނިޔާއެއް ލިބޭކަށް އޭނާ ނޭދެއެވެ. އެފަދަ އަމަލެއްގެ ސަބަބުން ލިބިދާނެ އަނިޔާ އެންމެ ރަނގަޅަށް އަންދާޒާކޮށްލެވޭނީ އޭނާއަށެވެ. އެކަމުން މިއަދު އޭނާއަށް ޖެހިފައިވަނީ އެ ތޭރިތަކުގެ ތެރޭގައި ގައިދީއެއްގެ ގޮތުގައި މަރުވަންދެން ދުވަސްތައް ހޭދަކުރާށެވެ. މިނިވަންކަން ވަނީ ގެއްލިފައެވެ. އޭނާއަކީ އެއް އިރެއްގައިވެސް އަމިއްލަ އެދުން ބޮޑު މީހެއް ނޫނެވެ. އޭނާ އަކީ އަބަދުވެސް އެހެން މީހުންނާ މެދު ހިތް ސާފު މީހެކެވެ. ނާވީއަށް ނަސޭހަތް ދޭ ސަބަބަކީ ވެސް އެއީއެވެ.
"ކަލޭއަށް ފެނޭތަ އަހަރެންގެ ހަށިގަނޑުގައިމިވާ ލަކުނުތައް. މި ނިޝާންތައް... ފެނޭތަ؟ މީ ތިކަމުގެ ސަބަބުން އަހަންނަށް ލިބުނު ވޭން. ލިބުނު އަނިޔާ." ރައާބިލް ބުނެލިއެވެ.
ރައާބިލްގެ ބުރަކަށީގައި ވާ ލަކުނުތައް ނާވީއަށް ގާތުން ފެނުމާއެކު، ހިތަށް ތަދުވިއެވެ. ލަނުކުތަކާއެކު، ދެފަރާތުން ތިރިއަށް ދިގަށް ވާ ލަކުނު އެއީ އޭނާގެ ވަރަ ފިއްސައިލުމުން ލިބިފައިވާ އަނިޔާއެކެވެ.
"އަހަންނަށް އެނގޭ، ކަލެއަކީ ރަސްމަތި ފުށުން އައިސްފައިވާ ޖިންނި އެއްކަން. އެކަމަކުވެސް ކަލޭގެ ކާފައަކީ މީހެއްގެ މޫނަކަށް ކަނދުރާއަކަށް ބަލާނެ މީހެއް ނޫން." ރައާބިލް ބުނެލިއެވެ.
"ރައާބިލް. އަހަރެން ކަލޭގެ އެހީ ބޭނުން. އޭނަ ރައްކާތެރިކުރަން ކަލޭގެ މަދަދަށް އެދި މިއައީ އެހެންވެ.. " ނާވީ ބުނެލިއެވެ. އޭނާގެ އަޑުން ފާޅުވަމުން ދިޔައީ ލޯތްބެވެ. އެ އިންސާނާއަށްޓަކައި ބިރުގަތްފައިވާ މިންވަރާއި ހާސްވެ ކަންބޮޑުވެފައިވާ މިންވަރެވެ.
"މީ ފަސޭހަ ދިރިއުޅުމެއް ނޫން. އެހެން އެއްވެސް މީހަކަށް އަހަންނަށް މި ލިބޭ ވޭން ލިބޭކަށް ދުވަހަކުވެސް ނޭދެން." ރައާބިލް ބުނެލިއެވެ.
"ހެޔޮނުވާނެ. އަހަރެން އާދޭސްކުރަން. އަހަންނަށް އިތުރު ގޮތެއް ނެތް. ކަލޭ އޭރު އެހީ ހޯދި މީހާގެ ނަން އަހަރެން ގާތު ބުނެދީ. އޭނަ ވީތަނެއް ބުނެދީ." ނާވީ އާދޭހުގެ ރާގެއްގައި ބުނެލިއެވެ.
"ތިކަން ކުރަން ނޫޅޭ ނާވީ. ތިކަންތައް ހުއްޓާލާ. އަހަރެންނަށް ލިބިފައިވާ އަނިޔާތައް ފެނުމުންވެސް ކަލޭ ބިރެއް ނުގަނޭތަ؟ ތިޔައީ ނޫކަށި ފުރައިގެ ޒުވާނެއް. އަހަރެން ފަދައިން މިގޮތަށް ކަލޭ ޤައިދުވާކަށް އަހަރެން ނޭދެން." ރައާބިލް ބުންޏެވެ.
"އެމީހާގެ ނަން ބުނެދީ. އޭނަ ދިޔަތަނެއް ބުނެދީ… ހެޔޮނުވާނެ ރައާބިލް." އަނެއްކާވެސް ނާވީ އެދުނެވެ. އޭނާގެ އަޑުގައި އާދޭހުގެ އަސަރުތައް ނޫނީ ނުވެއެވެ.
"އަހަންނަށް ކިހިނެއް އޭނަ ވީތަނެއް އެނގޭނީ؟ އަހަންނަށްވެސް ނޭނގެ އޭނަ ދިޔަ ތަނެއް. މިތަނުގައި އަހަރެން ޤައިދުވެފައިވާތާ މިހާރު، ތޭވީސް އަހަރު ވެއްޖެ." ރައާބިލް ބުނެލިއެވެ.
"ދޮގު ނަހަދާ ރައާބިލް." ނާވީ ބުނެލިއެވެ.
"އަހަރެން ދޮގެއް ނުހަދަން. ހަމަ ހަޤީގަތުގައި ވެސް އަހަންނަށް އޭނަ ވީތަނެއް ނޭނގެ. އާނ. ތި ބުނިހެން އަހަރެން އޭނާގެ އެހީތެރިކަން ހޯދިން. އެކަމަކު ފަހުން އޭނަ ދިޔަތަނެއް އަހަންނަކަށް ނޭނގެ. އެއީ މި ޝަހަރުގެ ޖިންނިއެއް ނޫން. އޭނަ ސަލާމަތްވީ އެހެންވެ. ކަލޭގެ ކާފަ އޭނާ ދޫކޮށްލި ސަބަބަކީ އެއީ އަހަރެންގެ ތެރެއިން މީހަކަށް ނުވާތީ. މިބުނާ މީހާގެ ޝަހަރުން ބަޔަކު އައި ކަން އަހަންނަށް އެނގޭ. އަދި އޭނަ ގެންދިޔަކަން އެނގޭ. އެކަމަކު ގެންގޮސް އެމީހުން އޭނާއަށް ހިމާޔަތް ދިނީކަމެއް، އަނިޔާ ދިނީކަމެއް ބުނާކަށް ނޭނގެ. " ރައާބިލް އޭނާއަށް އެނގޭ މިންވަރަށް ނާވީއަށް ކިޔައިދިނެވެ. އެ ވާހަކަތައް އަޑު އަހަން ހުރި ނާވީ މާޔޫސްވުން ނޫންކަމެއް ނުވިއެވެ. ރަނީމްއަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގެ ހުރިހާ މަގެއް ބަންދުވީބާއޭ އޭނާގެ ހިތަށް އެރިއެވެ. ނާވީގެ މޫނުމަތީން ފެނުނު މާޔޫސްކަމާއެކު އޭނާއަށް ބަލަހައްޓައިގެން އިރުކޮޅަކު ރައާބިލްއަށް ހުރެވުނެވެ.
"އެހާ ވަރުން ކަލޭ އެ އިންސި ރައްކާތެރިކުރަން ތިއުޅެނީ ކާކުގެ ފަރާތުން އެ އިންސިއަށް ނުރައްކާ ކުރިމަތިވެގެން؟" ރައާބިލް އަހައިލިއެވެ.
"އަހަރެން… އަހަރެންގެ ބައްޕައަށް އެ ކަންތައް އެނގުނީ…" ޖެހިލުންވުމަކާއެކު ނާވީ ބުނެލިއެވެ. އެއާއެކު ރައާބިލްއަށް ތޭރިތަކުން އަތް ދޫކޮށްލެވުނެވެ. އަދި ފުންނޭވާއެއް ދޫކޮށްލެވުނެވެ.
"އަހަރެންގެ އެހީއެއް ކަލެއަަކަށް ނުލިބޭނެ. އަހަރެންގެ ނަސޭހަތެއް އަޑު އަހަންނާ ތިކަންތައް ހުއްޓާާލާ. އެ ކުއްޖާއަށް އެނގޭތަ ކަލޭގެ ހަޤީގަތް؟" ރައާބިލްގެ ސުވާލަށް ޖަވާބު ދިނުމުހެ ގޮތުން ނާވީ ބޯ ޖަހައިލީއެވެ.
"އެ އަންހެން ކުއްޖާ ރުހުމުގައި ކަލެއާ އެއްކޮށް އުޅުނު ކަމުގައިވިޔަސް ހެޔޮ. ތިކަން ހުއްޓާލާ." ރައާބިލް ބުނެލިއެވެ.
"އެކަމަކު…" ނާވީ ވާހަކަ ދައްކަން ބޭނުންވި ނަމަވެސް، އޭނާއަށް ރައާބިލްއާ އިތުރަށް ވާހަކަ ދެއްކޭ ގޮތެއް ނުވިއެވެ. ތަންކޮޅެއް ދުރުން މީހަކު އަންނަ އަޑު އިވުމާއެކު ނާވީ އެއްފަރާތަކަށް ޖެހިލާ ގޯޅިގަނޑަކަށް ވަދެލާ ފިލިއެވެ. އަދި އޭނާ އެ ދެމީހުން ދައްކާ ވާހަކަ އަޑު އަހަން ހުއްޓެވެ.
"މި އޮތީ ބޭސް. " ސިފައިންގެ މީހާގެ އަޑު އިވުނެވެ. ރައާބިލް އެއްޗެއް ނުބުނުމުން، އޭނާ ދެކޮޅު ހެދުމެއްނެތި ބޭސް ބޭނުންކުރިކަން ނާވީއަށް އެނގުނެވެ. އިތުރަށްވެސް ރައާބިލްއާ ވާހަކަ ދައްކަން ނާވީ ހުރީ ބޭނުންވެފައެވެ. އެހެންނަމަވެސް އެ ރޭ އެ ފުރުސަތެއް އޭނާއަކަށް ނުލިބުނެވެ. އެންމެފަހުން ނާވީއަށް ޖެހުނީ އެތަނުން ދާށެވެ.
ރައާބިލްއަށް، ގޮސް އިށީނދެ ފާރުގައި ބުރަކަށި ޖައްސައިލެވުނެވެ. ނާވީ އަދި އަންނާނެކަން އޭނާއަށް އެނގެއެވެ. ނާވީ އެ ބުނާ އިންސިއެއް ހިމާޔަތްކުރަން ބޭނުންވާވަރު އޭނާ އަށް ވަރަށް ރަނގަޅަށް އެނގިއްޖެއެވެ. ރައާބިލްއަށް ހަށިފުރާ ނޭވާއެއް ދޫކޮށްލެވުނެވެ. އެ ވާހަކަތައް އޭނާ ހިއްސާކުރާނެ މީހަކު ނެތެވެ.
އެ ދުވަހު އެތަނުން ނާވީ ދިޔައެއްކަމަކު، އޭނާ ރައާބިލްއާ ބައްދަލުކުރަން އެތަކެއް ފަހަރަކު އައެވެ. އެހެންނަމަވެސް އެއިން އެއިން ކޮންމެ ފަހަރަކުވެސް، ރައާބިލް އެދެނީ އެންމެ ކަމަކުއެވެ. އެކަންތައް ހުއްޓާލާފައި ނާވީ އެނބުރި އެމީހުންގެ ތެރެއަށް އައުމަށެވެ. އެގޮތަށް ނާވީ އަންނަތާ ހަފްތާއެއް ވީފަހުން އެންމެފަހުން ރައާބިލް އޭނާގެ ވާހަކަ ނާވީއަށް ކިޔައިދޭން ނިންމިއެވެ.
އެއީ މެންދަމުގެ ވަގުތެކެވެ. ނާވީ އައިސް ޖަލުގެ ގޮޅި ކައިރީގައި މަޑުކޮށްލިއެވެ.
"އަހަރެން ބޭނުން ކަލޭގެ ވާހަކަތައް އެނގެން. އަހަންނަށް ކިޔައިދީ…" ނާވީ އެދުނެވެ.
"އަހަރެން ލޯބިވީ އިންސާނެއް ދެކެ… އެއީ އަހަރެން ކުރި ކުށަކީ… މި އަނިޔާ އަހަންނަށް ލިބޭ ސަބަބަކީ ވެސް އެއީ… އަހަރެން ވީ ލޯބީގެ ސަބަބުން…" ރައާބިލްގެ ދުލުން ނުކުތް ލަފުޒުތަކާއެކު އޭނާގެ ދެލޯ ފެންކަޅިވެގެން ދިޔަތަން ނާވީއަށް ފެނުނެވެ.
"އަހަންނާ ކަލޭގެ ބައްޕަގެ ރަޙްމަތްތެރިކަން ފުނޑުފުނޑުވެ ނިމި ދިޔަ ސަބަބަކީވެސް އެއީ." ރައާބިލް ބުނެލިއެވެ. އޭނާ ނާވީއަށް ބަލައިލާފައި ތޭރިތަކުގެ ކައިރީގައި އިށީނދެލިއެވެ. ހީވީ ކޮޅަށް ހުރެގެން އެވާހަކަތައް ދެއްކުމަކީ އޭނާއަށް އެހާ ފަސޭހަކަމެއް ނޫންހެންނެވެ. ފުންނޭވާއެއް ދޫކޮށްލާފައި ރައާބިލް އޭނާގެ ޙަޔާތުގެ ޞަފްހާތައް ނާވީގެ ކުރިމަތީގައި ނިއުޅައިލަން ފެށިއެވެ.
***** މާޒީ- ތޭވީސް އަހަރު ކުރި******
ގަހެއްގެ ގޮފިގަނޑެއްގެ މަތީގައި އޮށޯވެލައިގެން ރައާބިލް އޮތެވެ. ދެލޯ މަރާލައިގެން އޮތްއިރު އޭނާގެ ތުންފަތްމަތީގައިވަނީ ހިނިތުންވުމެކެވެ. އަމިއްލަ ޙިޔާލީ ދުނިޔޭގައި ގެނބެމުން ދަނިކޮށް ސިހުން ގެނުވީ އެ ގަހަށް ތިރިކޮށްލި ނަމީރުގެ އަޑާއެކުގައެވެ.
"އޭތް. ރައާބިލް." ނަމީރު ގޮވައިލިއެވެ. ރައާބިލް ލޯ ހުޅުވައިލަމުން ތެދުވެ ގޮފިގަނޑުގެ މަތީގައި އިށީނދެލީ ފައި ތިރިއަށް އެލުވާލަމުންނެވެ. އޭރު ކުރިމަތީގައި ހުރި ގޮފިގަނޑުމަތީގައި، ނަމީރު އިނެވެ.
"ކޮން ޚިޔާލަކަށް ގެއްލިފަ؟ ކަލޭ ކޮންތާކު ތިއުޅެނީ؟ އަހަރެން ކަލޭ ހޯދާ ހޯދާ ވަރުބަލިވެއްޖެ. " ނަމީރު ސުވާލުކޮށްލިއެވެ.
ރައާބިލްއާއި ނަމީރަކީ ކުޑައިރުއްސުރެވެސް ދެ އެކުވެރިންނެވެ. ރައާބިލްއަކީ ދުރު ޝަހަރަކުން އެ ރަށަށް ހިޖުރަ ކުރި ދެމަފިރިއަކަށް ލިބިފައި ހުރި ޖިންނިއެކެވެ. ނަމީރާ ރައާބިލްއާ ދެމީހުންގެ އެކުވެރިކަން އުފެދި އެންމެފަހުން އެންމެ ގާތް ރަޙްމަތްތެރިންނަށްވީ އުމުރުން އެންމެ ބާރަ އަހަރުގައެވެ. އޭރުން ފަށައިގެން ޒުވާން އުމުރަށް އެޅެންދެން ދެމީހުންވެސް އުޅުނީ އެކުއެކީގައެވެ.
"ކަލޭ އަހަންނަށް ފިލައިގެން އުޅޭތާ ދުވަސްކޮޅެއް ވެއްޖެ. ބުނެބަލަ. ކީއްތަ ތިކުރަނީ؟ އެކަނި މާއެކަނި ކޮންތާކަށް ކަލޭ ދަނީ؟ ތިއީ ކުރީގައި ތިހާ ސިއްރުވެރި މީހެއް ނޫން. ކަލޭގެ ހުރިހާ ސިއްރެއް އަހަންނާ ހިއްސާކުރަމު. އެކަމަކު މިހާރު އަހަންނަށް ހީވަނީ އެކަންވެސް މަޑުމަޑުން ބަދަލުވަމުންދާހެން." ނަމީރު ވަރަށް ފުންކޮށް ރައާބިލްއަށް ބަލައިލަމުން ސުވާލުކޮށްލިއެވެ. އެކުވެރިޔާގެ އުޅުމަށް މިވީ ދުވަސްތަކުގައި ބޮޑެތި ބަދަލުތަކެއް އަތުވެއްޖެ އެވެ. މީގެ ކުރިން ނަމީރާ އެކުގައި ނޫނީ ރައާބިލް އެއްވެސް ތަނަކަށް ނުދާނެއެވެ. އެހެންނަމަވެސް މި ފަހަކަށް އައިސް އޭނާ އެކަނި މާއެކަނި ކޮންމެވެސް ތަނަކަށް އެބަ ދެއެވެ. ކޮންމެވެސް ސިއްރުވެރިކަމެއް އެބަ ކުރެއެވެ.
"ކިހިނެއްވީ އެއްޗެއް ނުބުނީ؟ އަހަންނާ ހިއްސާކުރަން ބޭނުންނުވަނީތަ؟" ނަމީރު އަނެއްކާވެސް ވާހަކަ ދެއްކިއެވެ. ރައާބިލް އިނީ ދުރު ބަލަހައްޓައިގެންނެވެ. ހީވަނީ ބުނާނެ އެއްޗަކާ މެދު ވިސްނަމުން ދިޔަހެންނެވެ.
"ބުނެބަަލަ. ކޮންތާކަށް ކަލޭ ދަނީ؟ ދެން ނުބުނާތި ތަނަކަށް ނުދަމޭ. އަހަންނަށް އެނގޭ ކަލޭ ޝަހަރުން ބޭރަށް ދާކަން." ނަމީރު ބުނެލިއެވެ.
"ނަމީރު. އަހަރެން ކަލެއާ ކަމެއް ހިއްސާކުރަން ބޭނުން." ނަމީރު ވާހަކަ ދައްކާފައި ހުއްޓައިލިފަހުން އިރުކޮޅެއް ފާއިތުވެދިޔަފަހުން ރައާބިލް ބުނެލިއެވެ. އަދި ނަމީރަށް ބަލައިލިއެވެ.
"އަނެއްކާ ބޮޑު ކަމެއް ދިމާވީތަ؟ އަވަހަށް ބުނެބަލަ. އަހަރެން މީނީ އަޑު އަހަން." ނަމީރު ކުޑަކޮށް ހާސްވީ ރައާބިލްގެ މޫނުމަތީން ނުތަނަވަސްކަމެއް ފާޅުވެގެން ދިޔުމުންނެވެ. ރަޙްމަތްތެރިޔާއަށް ބޮޑުކަމެއް ދިމާވީކަމަށް ހީކޮށް އޭނާ ވެސް ކުޑަކޮށް ހާސްވިއެވެ.
"އަހަންނަށް ލޯބިވެވިއްޖެ."
(ނުނިމޭ)