މިއުޒިކް ސްޓްރީމިން ދުނިޔޭގެ ބޮޑު ކުންފުންޏެއް ކަމަށްވާ ސްޕޮޓިފައި ޓެކްނޮލޮޖީން، އެ ކުންފުނީގެ ހިދުމަތް ހިލޭ ބޭނުންކުރާ ފަރާތްތަކަށާއި ޕްރިމިއަމް ސަބްސްކްރިޕްޝަން ނަގާފައިވާ ފަރާތްތަކަށް ވެސް މެސެޖިން ފީޗާއެއް ތައާރަފްކުރަން ނިންމައިފިއެވެ.
މިކަމުގެ ސަބަބުން އިތުރު ބަޔަކު ސްޕޮޓިފައި ބޭނުންކުރަން ފަށާނެ ކަމަށް ލަފާކުރެވޭއިރު، އަދި މިހާރު ވެސް ވާދަވެރި މާކެޓުގައި ސްޕޮޓިފައިގެ ވާދަވެރިކަން އިތުރުވެގެންދާނެ ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.
ސްޕޮޓިފައިން ބުނީ މި މެސެޖިން ފީޗާގެ ސަބަބުން ޔޫޒަރުންނަށް އެކަކު އަނެކަކާ ޗެޓްކޮށް، މިއުޒިކް ހިއްސާކުރެވޭނެ ކަމަށެވެ. މި ހިދުމަތް މި ހަފްތާގެ ތެރޭގައި ހޮވާލެވޭ ބައެއް މާކެޓުތަކުގައި މޯބައިލް ޑިވައިސް ބޭނުންކުރާ 16 އަހަރުން މަތީގެ ފަރާތްތަކަށް ލިބިގެންދާނެއެވެ.
ސްޕޮޓިފައިން މީގެ ކުރިން ވެސް މިފަދަ މެސެޖިން ފީޗާއެއް ތައާރަފްކޮށްފައިވެއެވެ. ނަމަވެސް އެއީ އެހާ ކާމިޔާބު ފީޗާއަކަށް ނުވެ، 2017 ވަނަ އަހަރު އެ ފީޗާ ވަނީ ނައްތާލާފައެވެ. މިފަހަރު، ކުންފުނިން އުންމީދުކުރަނީ ފާއިތުވި އަހަރުތަކުގައި ސަބްސްކްރައިބަރުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާތީ، މި ފީޗާ އަލުން ތައާރަފްކުރުމުން ކާމިޔާބުވާނެ ކަމަށެވެ. އަދި މާކެޓުގެ ބޮޑު ބައެއް ހޯދުމަށް ވެސް މިކަން އެހީތެރިވެދޭނެ ކަމަށެވެ.
ސްޕޮޓިފައިން މިހާރު ދަނީ އެޕަލް މިއުޒިކް، އެމެޒޯން މިއުޒިކް އަދި ޔޫޓިއުބް ފަދަ ވާދަވެރި ކުންފުނިތަކާ ވާދަކުރަމުންނެވެ. މި ވާދަވެރިކަމުގެ ތެރޭގައި ޔޫޒަރުންގެ އަދަދު އިތުރުކުރުމާއެކު، ފައިދާ އިތުރުކުރުމަށް ވެސް ސްޕޮޓިފައިން ދަނީ މަސައްކަތްކުރަމުންނެވެ. މިގޮތުން، ހިދުމަތުގެ އަގު ބޮޑުކުރުން ފަދަ ކަންކަން ވެސް ވަނީ ކޮށްފައެވެ.
ދެވަނަ ކުއާޓަރުގައި 696 މިލިއަން މީހުން މަހަކު އެއްފަހަރު ސްޕޮޓިފައި ބޭނުންކޮށްފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް ރިޕޯޓެއްގައި ބުނެފައިވެއެވެ. ސްޕޮޓިފައިގެ އަމާޒަކީ އެއް ބިލިއަން ޔޫޒަރުން ހޯދުމެވެ.
މި އަމާޒަށް ވާސިލްވުމަށްޓަކައި، ސްޕޮޓިފައިން ދަނީ އާ ފީޗާތަކަށް އިންވެސްޓްކުރަމުންނެވެ. މިގޮތުން، ޕޮޑްކާސްޓް ކްރިއޭޓަރުންނަށް ފައިސާ ހޯދުމުގެ ފުރުސަތު ލިބިދޭ ޕާޓްނަރު ޕްރޮގްރާމެއްގެ ދަށުން ވީޑިއޯ ކޮންޓެންޓް ލައިބްރަރީ ވެސް ވަނީ ފުޅާކޮށްފައެވެ.