ޖަރުމަނުވިލާތުގެ މިއުނިކްގައި އެއްޗެއް ގޮވައި ހިނގި ހާދިސާއެއްގައި ދިވެއްސަކު ފިހި، ވެންޓިލޭޓަރުގައި ފަރުވާ ދެމުންދާކަން 'ސަން' އަށް އެނގިއްޖެއެވެ.
'ސަން'އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި ވެންޓިލޭޓަރުގައި ފަރުވާ ދެމުން ދަނީ ބ. ތުޅާދޫގެ ފައްޔާޒް ދާއޫދަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މި ހާދިސާ ހިނގީ މި މަހުގެ އަށްވަނަ ދުވަހުގައެވެ.
ފައްޔާޒްގެ އެކުވެރިއަކު 'ސަން'އަށް މައުލޫމާތުދެމުން ބުނީ މި ހާދިސާ ހިނގީ މި މަހުގެ އަށްވަނަ ދުވަހު ކަމަށެވެ. އޭނާ ބުނި ގޮތުގައި ފައްޔާޒުގެ ހާލު އަދިވެސް ކްރިޓިކަލްއެވެ. އެގޮތުން މިހާރު ވެންޓިލޭޓަރުގައި އޭނާއަށް ފަރުވާދެމުން އަންނަ ކަމަށް އެކުވެރިޔާ ކިޔައިދިނެވެ.

ޖަރުމަނުގައި އެއްޗެއް ގޮވައި ފިހުނު ފައްޔާޒު -- ފޮޓޯ/ ފޭސްބުކް، ފައްޔާޒް
އޭނާ ބުނި ގޮތުގައި ފައްޔާޒުގެ ހަށިގަނޑުގެ 50 ޕަސެންޓު އަނދާފައިވާއިރު ފައިގެ ކުޑަކަޅުވާ ވެސް ވަރަށް ބޮޑަށް ހަލާކުވެ، އޭނާގެ ސިކުނޑީގެ ހާލަތު ވެސް ވަނީ ދަށްވެފައެވެ.
"ފުއްޕާމޭގަ ވެސް ހުރި ފެން ހެދިފަ، އެކަމަކު އިންޝާالله މިއަދު ފުއްޕާމޭގެ ހާލު ރަނގަޅުކަމަށް ބުނީ،" އޭނާ ކިޔައިދިނެވެ.
ހޮސްޕިޓަލާ ހަވާލާދީ ފައްޔާޒުގެ އެކުވެރިޔާ ބުނި ގޮތުގައި ފައްޔާޒުގެ ހަށިގަނޑުގެ އެއްބައި އަނދާފައިވަނީ ގޭހާއި ކެމިކަލް އެއްވެ އަލިފާން ރޯވުމުންނެވެ.
ފައްޔާޒަށް ފަރުވާ ދެމުން އަންނަނީ މިއުނިކްގައި ހުންނަ ބޮގޭންހައުސަން ހޮސްޕިޓަލްގެ އައިސީޔޫގައެވެ.
އެންމެ ފުރަތަމަ ރާއްޖޭގައި އުފެދުނު ކައިޓްސާފަރުންގެ ތެރޭ ހިމެނޭ ފައްޔާޒް ދިރިއުޅެމުން އަންނަނީ ޖަރުމަނުވިލާތުގައެވެ.
މި ހާދިސާއާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް ހޯދާލުމަށް ގުޅުމުން ފޯނަށް ޖަވާބުނުދޭތީ އަދި ބަހެއް ލިބޭ ގޮތެއް ނުވިއެވެ.
ނަމަވެސް ފައްޔާޒުގެ އެކުވެރިޔާ ބުނި ގޮތުގައި މިހާރު އެކަން މިނިސްޓްރީއަށް ހުށަހެޅުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.